އަންނަ އާދީއްތަ ދުވަހު ބިގްބޮސް ސީޒަން 15 ގެ އޯޓީޓީ ފަށަން ހަމަޖެހިފައިވާއިރު، ޝޯގެ މިފަހަރު ގެ ބައިވެރިން ނަންތައް ދަނީ ހާމަވަމުންނެވެ. އެގޮތުން މިފަހަރު މިވަނީ ބޮލީވުޑްގެ މަޝްހޫރު ތަރި ޝިލްޕާ ޝެޓީގެ ކޮއްކޮ އެކްޓްރެސް އަދި އިންޓީރިއާ ޑިޒައިނަރު ޝަމީތާ ޝެޓީ މިފަހަރުގެ ސީޒަނުން ފެނިގެންދާނެ ކަމަށް ބުނެފަ އެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި ޝަމީތާ ވަނީ 2009 ވަނަ އަހަރު ބޭއްވި ބިގްބޮސްގެ ސީޒަންއިން ވެސް ފެނިފަ އެވެ.

ޝިލްޕާގެ ފިރިމީހާ ރާޖް ކުންދްރާ ބަރަހަނާ ފިލްމު އުފައްދާ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައިވާއިރު، މި ދުވަސްވަރު މުޅި ސޯޝަލް މީޑިއާގައި ދެކެވެމުންދަނީ މި އާއިލާގެ ވާހަކަތައްކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން ޝަމީތާއަކީ ޝިލްޕާގެ ކޮއްކޮއަށްވުމާއެކު ޝޯގެ ތެރެއިން ޝަމީތާ އާ ވެސް މި މައްސަލައާ ގުޅިގެން ސުވާލުތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.

ޝަމީތާ ބޮލީވުޑަށް ތައާރަފުވެފައި ވަނީ 2000 ވަނަ އަހަރު ނެރުނު ފިލްމު "މޮހޮއްބަތޭން" އިންނެވެ. މީގެ އިތުރުން ޖަލަކް ދިކްލާޖާ އާއި ހަތްރޯންކީ ކިލާޅީ ފަދަ ރިއަލިޓީ ޝޯތަކުން ވެސް ޝަމީތާ ވަނީ ފެނިފަ އެވެ.

ބިގްބޮސް ގެ މިފަހަރުގެ ސީޒަންއަކީ ފުރަތަމަ ފަހަރަށް ޑިޖިޓަލް ޕްލެޓްފޯމަކަށް ބިގްބޮސް އަންނަ ފަހަރެވެ. މި ޝޯގެ އޯޓީޓީ ހޯސްޓަކަށް ފިލްމު ޑައިރެކްޓަރު ކަރަން ޖޯހަރް ވަނީ ހަމަޖެހިފަ އެވެ.