ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން މިހާރު ދައުވާ އުފުލާފައިވާ ރ. ފުއްގިރީގެ މައްސަލައިގައި އެމަނިކުފާނު ފުލުހުންނަށް ދެއްވި ބަޔާނުގައިވާ މައުލޫމާތުތަކެއް ކަމަށް ބުނެ އޮންލައިން ނޫހެއްގައި ޝާޢިއުކޮށްފައި ވަނީ ޝަރީޢަތަށް ނޫފޫޒު ފޯރުވުމަށް ސަރުކާރު އަޑީގައި އޮވެގެން ހިންގާފައިވާ ޖަރީމާއެއް ކަމަށް އިދިކޮޅު، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލުންގެ ޓީމުގައި ހަރަކާތްތެރިވެފައިވާ މަހުފޫޒު ސައީދާއި ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒް މޫސާގެ ހިއްސާ އޮންނަ ނޫސް "އަދަދު"ގައި ވަނީ ރ. ފުއްގިރި ކިޔާ ރަށެއް ކުއްޔަށް ދޫކުރުމުގައި ރިޝްވަތުގެ ގޮތުގައި ފައިސާ ހިފައި، މަނީ ލޯންޑަކުރެއްވިކަމުގެ ތުހުމަތުކުރެވި ދައުވާ އުފުލިފައިވާ ކުރީގެ ރައީސް ޔާމީން ތަހުގީގަށް ދެއްވި ބަޔާނެއް ކަމަށް ބުނެ އެ ނޫހުގައި ވަނީ ޝާއިއުކޮށްފަ އެވެ.

އެ ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރުގައި ކަންބޮޑުވާ އެތައް ކަމެއް ހުރިކަން ފާހަގަކުރަމުން ޕީޕީއެމް އަދި ޕީއެންސީއިން ރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ މައުލޫމާތުތަކަކީކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވާލުމާއެކު ޝަރީއަތަށް ނޫފޫޒު ފޯރުވުމަށް ސަރުކާރު އަޑީގައި އޮވެގެން ހިންގާފައިވާ ޖަރީމާއެއް ކަމަށެވެ.

އެ ޚަބަރުގައި ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުންގެ ފަރާތްޕުޅުން ކޯޓުގައި ދައްކަވާފައިވާ ވާހަކަތަކެއްގެ އިތުރުން، އެމަނިކުފާނުގެ ފަރާތްޕުޅުން ތަހުގީގީ އިދާރާއަކަށް ދެއްވާފައިވާ ކަމަށް ބުނާ ސައްހަކަން ކަށަވަރު ނުވާ އެތައް މަޢުލޫމާތެއް ހުރިކަން ފާހަގަވެފައިވާކަމަށް ވެސް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެ އެވެ.

"ކޯޓެއްގައި ހިނގަމުން ދާ މައްސަލައަކާ ގުޅިގެން، ތަހުގީގީ އިދާރާއަކަށް އާންމު ފަރުދަކު ދީފައިވާ މައުލޫމާތުތަކެއް ނޫހެއްގައި ޝާއިއުކޮށް ހެދުމަކީ ޝަރީއަތަށް ސީދާ ގޮތުން ނުފޫޒު ފޯރުވުމުގެ އަމަލެއްކަމުގައި ބެލެވޭއިރު، އެފަދަ މަޢުލޫމާތެއްގެ ތެދު ދޮގު ސާފު ކުރުމެއް ނެތި ޝާއިއުކުރި ފަރާތުން އެކުރަނީ ޖިނާއީ ކުށެއްގެ ގޮތުގައި މިކޯލިޝަނުން ސިފަ ކުރަމެވެ." ޕީޕީއެމް އަދި ޕީއެންސީ ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެހެންކަމުން އެ ނޫހުގެ މައްސަލަ ބަލައި، އެ ޚަބަރު ލިޔެފައިވާ ފަރާތަށާއި، އެ ނޫހުގެ އެޑިޓަރު އަދި މަސްއޫލުވެރިންނާއި މެދު ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް އެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ. ހަމައެއާއެކު ތަހުގީގީ ބަޔާނެއްގައި ހުރި ވާހަކަތަކެއް ކަމަށް ބުނެފައި ވާއިރު އެއީ އެބަޔާނުގައި ހުރި ވާހަކަތަކެއްނަމަ، އެ ބަޔާނެއް ނުވަތަ އެ ބަޔާނެއްގައި ވާ ވާހަކަތަކެއް އެ ނޫހަކަށް ލިބިފައިވާ ގޮތެއް ވެސް ހޯދާ އެ ކަންކުރި ބަޔަކާމެދު ވެސް ފިޔަވަޅު އެޅުމަށް އިދިކޮޅުން ވަނީ ގޮވާލާފަ އެވެ.

"އެ ހަބަރު ކިޔާލުމުން އެ ހަބަރުގައި ވާ މައުލޫމާތުތަކުން ކުށެއް ނެތް މައުސޫމް ބޭފުޅަކު ރައްޔިތުންގެ ކުރިމަތީ ބަދުނާމު ކުރުމަށް މަސައްކަތް ކޮށްފައިވާކަމަށް ބެލެވޭތީ މިކަމަކީ ސަރުކާރާއި ޕްރޮސެކިއުޓަރު ޖެނެރަލް އާއި ފުލުހުންގެ އިދާރާ ގުޅިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށް ވެސް ބެލުމުގެ ޖާގަ އޮތްކަމަށް ފެންނާތީ އެކަންވެސް ސަރުކާރުގެ ނުފޫޒުތަކުން އެކަހެރިވެފައިވާ ދައުލަތުގެ މިނިވަން މުއައްސަސާއަކުން ބަލާ ފިޔަވަޅު އެޅުމަށް މިކޯލިޝަނުން ގޮވާލަމެވެ،" އިދިކޮޅުގެ ބަޔާނުގައިވެ އެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައި ވަނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ރ. ފުއްގިރި ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ.

މިމައްސަލާގައި އެންމެ ފަހު ބޭއްވި އަޑު އެހުމުގައި ދައުލަތުގެ ފަރާތުން 86 ހެއްކެއް ރައީސް ޔާމީނާ ދެކޮޅަށް ވަނީ ހުށަހަޅާފަ އެވެ.