މަލަޔާޅަމްގެ މަޝްހޫރު ފިލްމެއް ކަމަށްވާ "ހެލެން"ގެ ހިންދީ ރިމޭކްގެ ޝޫޓިންތައް ބޮލީވުޑް ބަތަލާ ޖާންވީ ކަޕޫރު ފަށައިފި އެވެ.
މި ފިލްމުގެ ޝޫޓިންތައް މިދިޔަ ޖޫންމަހު ފަށަން އޭރު ނިންމި އެވެ. ނަމަވެސް ކޮވިޑްގެ ދެވަނަ ރާޅު އިންޑިއާއަށް އަރައި، އެ ގައުމުގެ ހާލަތު ގޯސްވުމުގެ ސަބަބުން ލޮކްޑައުންކުރަން ޖެހުމާ ގުޅިގެން ފިލްމުގެ މަސައްކަތްތައް ނުފެށި ވަނީ ލަސްވެފަ އެވެ.
މި ފިލްމުގެ ހިންދީ ރިމޭކްއަށް ނަންދެވިފައި ވަނީ "މިލީ" ގެ ނަމުންނެވެ. ފިލްމުގެ ޝޫޓިންތައް ކުރިޔަށް ގެންދަނީ މުމްބާއީގަ އެވެ.
ކޮވިޑް-19ގެ ސަބަބުން ދަތުރުފަތުރުކުރުމުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން މި ފިލްމުގެ ހުރިހާ މަންޒަރެއް ވެސް ނެގުމަށް ހަމަޖެހިފައި ވަނީ އިންޑިޔާގެ ސަރަހައްދުތަކުގަ އެވެ.
މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި މި ފިލްމަކީ ސަވައިވަލް ތްރިލާ ފިލްމެކެވެ. އަދި ފިލްމުގައި ޖާންވީ ކަޕޫރު ކުޅޭ ރޯލުގެ ނަމަކީ "މިލީ"ކަން ވެސް ފާހަގަކޮށްލެވެ އެވެ.
މި ފިލްމުގެ އިތުރުންވެސް ކުރިޔަށް ޖާންވީގެ ގިނަ މަސައްކަތްތަކެއް އެބަހުއްޓެވެ. މީގެ ތެރޭގައި "ގުޑް ލަކް ޖެރީ" "ދޯސްތާނާ 2" އަދި ތަމިލް ހިޓް ފިލްމެއް ކަމަށްވާ "ކޮލަމަވޫ ކޮކިލާ" ގެ ރިމޭކް ހިމެނެ އެވެ. ޖާންވީ ކަޕޫރު އެންމެ ފަހުން ފެނިފައި ވަނީ ރާޖްކުމާރް ރާއޯ އަދި ވަރުން ޝަރްމާއާއެކު ހޮރޯ ކޮމެޑީ އަކުންނެވެ.