ރާއްޖެ އަންނަ ޓޫރިސްޓުން ރާއްޖެ އެތެރެވުމަށް ދެން ހުށަހަޅަން ޖެހޭނީ، ރާއްޖެ އަންނަން ފުރުމުގެ ކުރިން 96 ގަޑިއިރު ހަމަނުވާ ކޮވިޑް 19 ޕީސީއާރު ނެގެޓިވް ޓެސްޓު ނަތީޖާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
އެ މިނިސްޓްރީން މިދިޔަ މަހުގެ 10ން ފެށިގެން ހަމަޖައްސާފައި ވަނީ، ޓޫރިސްޓުން ރާއްޖެ އެތެރެވުމަށް ހުށަހަޅަން ޖެހެނީ ރާއްޖެއަށް އައުމުގެ ކުރިން 72 ގަޑިއިރު ހަމަނުވާ ކޮވިޑް ނެގެޓިވް ޕީސީއާރު ޓެސްޓްގެ ނަތީޖާ އެކެވެ.
ޓޫރިޒަމް މިނިސްޓްރީން ރޭ ބުނީ މިހާރު އެ އުސޫލު ބަދަލުކޮށް، 96 ގަޑިއިރު ހަމަނުވާ ޓެސްޓު ނަތީޖާ ހުށަހެޅުމުން ޓޫރިސްޓުންނަށް ރާއްޖެ އެތެރެވެވޭ ގޮތް ހަދާފައިވާ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ބަންދުކުރުމަށް ފަހު ރާއްޖޭގެ 223 އެސްޓެބްލިޝްމަންޓެއް ހުޅުވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މި މަހުގެ ނުވަ ވަނަ ދުވަހު ވަނީ ބުނެފަ އެވެ.
އެ އެސްޓަބްލިޝްމެންޓްތަކުގެ ތެރޭގައި ރިސޯޓާއި ހޮޓެލް އަދި ސަފާރީ ފަދަ އުޅަނދުތައް ހިމެނެ އެވެ.
ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިއިރު ރާއްޖޭގައި އޮޕަރޭޓް ކުރަން ފެށީ އެންމެ 37 ރިސޯޓާއެކު އެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު މިދިޔަ މާޗް މަހުގެ ފަހުކޮޅު ބަންދުކުރުމަށްފަހު އަލުން ހުޅުވީ މިދިޔަ ޖުލައި 15ގަ އެވެ. ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ޖުލައި 15 ން ފެށިގެން މިމަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 22،007 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މިމަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް 223 ތަނެއް ހުޅުވާފައިވެ އެވެ. މީގެ ތެރޭގައި ރިސޯޓު، ސަފާރީ ހިމެނެ އެވެ. އެއީ 24،000 އަށްވުރެ ގިނަ އެނދެވެ.
ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ މުޅިން ހުއްޓިފައި އޮތުމަށް ފަހު، އަލުން ހުޅުވައިލި ނަމަވެސް އަދި ޓޫރިސްޓުން އަންނަމުން ދަނީ ވަރަށް މަދުންނެވެ. ރާއްޖޭގައި ކޮވިޑްގެ ކޭސްތައް މިމަހުން ފެށިގެން އަންނަނީ ދަށްވަމުންނެވެ. މިހާރު ދުވަހަކު ޕޮޒިޓިވްވާ އަދަދު އެވްރެޖްކޮށް އުޅެނީ50ން ދަށުގަ އެވެ. އެއާ އެކު ރާއްޖޭގެ ކޮވިޑް ކޭސްތަކުގެ އަދަދު މިއަދު ވަނީ 10،900 އަށް އަރައިފަ އެވެ.