ހއ. ތުރާކުނު ދެ ކައުންސިލް މެމްބަރަކު އިދިކޮޅު ޕީޕީއެމްއަށް ސޮއިކޮށްފި އެވެ.

ޕީޕީއެމްއާ އަލަށް ގުޅިވަޑައިގެންނެވި ދެ މެމްބަރުންނަކީ އަމިއްލަ ގޮތުން ތުރާކުނު ކައުންސިލަށް އިންތިހާބުވި ދެ ކައުންސިލަރުންނެވެ. ތޮހާއާއި ހުސްނާ ވެސް ޕީޕީއެމްއަށް ގުޅިވަޑައިގަތުމަށް ފަހު މެންބާޝިޕް ފޯމު ހަވާލު ކުރެއްވީ ތުރާކުނަށް އުފަން ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދެވެ.

މިކަމާ ގުޅިގެން ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވަނީ ޕީޕީއެމްއާއި އަލަށް ގުޅިވަޑައިގެންނެވި ތޮލާ އަލީ އާއި ހުސްނާ އިބްރާހިމަށް މަރުހަބާ ދަންނަވާފަ އެވެ. އަދި ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީން ކާމިޔާބު ކުރައްވަނީ ހުރިހާ ރައްޔިތުންގެ ވޯޓާއި ތާއީދާއެކުގައި ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހއ.އަތޮޅަށް ކުރަމުންދާ ދަތުރުގައި ގިނަ ބަޔަކު ދަނީ ކޯލިޝަންގެ މައިޕާޓީ ޕީޕީއެމްއާއި ގުޅެމުންނެވެ. އޭގެ ތެރޭގައި ކައުންސިލަރުންނާއި، ވެރިކަން ކުރާ އެމްޑީޕީގެ މެމްބަރުންނާއި، އާންމު ގިނަ ބަޔަކު ވެސް ހިމެނެ އެވެ.

ޕީޕީއެމްގެ ލީޑަރޝީޕުން މިކުރާ ދަތުރުގައި ހއ. އަތޮޅުގެ ރަށްތަކަށް ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 7 އިން 14 އަށެވެ. މިދަތުރަށްފަހު މިމަހުގެ ތެރޭގައި އައްޑޫ ސިޓީއަށް ދިއުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.