މެއި 6 ގައި ދިން ހަމަލާއަށް ފަހު ފަރުވާ ހޯއްދަވަން ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް އަދި ސާފުވެފައި ނުވާ ކަމަށް ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން އެމްޑީޕީގެ މެއި ހައެއް ކޮމެޓީގެ މުގައްރިރު އަފީފު ވިދާޅުވީ ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނެ ސީދާ ތާރީހެއް އަދި ސާފުވެފައި ނެތް ކަމަށެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވަންވާނީ އެމަނިކުފާނަށް އެކަށީގެންވާ ސެކިއުރިޓީ ހަމަޖެހި އެކަމުގެ ޔަގީންކަން ލިބިވަޑައިގަތުމުން ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.

މީގެ ކުރިން އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވެސް ވިދާޅުވެފައި ވަނީ ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާއާ ގުޅިގެން މަޖިލީހުން އެކުލަވާލާފައިވާ އިންކުއަރީ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންކަން ސަރުކާރުން އިސްލާހު ނުކުރާނަމަ ރައީސް ނަޝީދު މާލެ އައުމަށް އެދިވަޑައިނުގަންނަވާ ކަމަށެވެ.

އޭގެ އިތުރުން ރައީސް ނަޝީދުގެ ސެކިއުރިޓީ ހަރުދަނާ ކުރުމަށް ވެސް އެމަނިކުފާނަށް ތާއީދު ކުރައްވާ މެމްބަރުން އަންނަނީ ސަރުކާރަށް ގޮވާލަމުންނެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމާ ބެހޭ ގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަށް އެމަނިކުފާނު ހުރަސް ނާޅުއްވާނެ ކަމަށާއި އެދިވަޑައިގަންނަވަނީ ވީހާވެސް އަވަހަށް ނަޝީދު ރާއްޖެ ވަޑައިގެން ގައުމީ ހިދުމަތުގައި މަސައްކަތް ކުރެއްވުން ކަމަށެވެ.