ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރު ނެތްކަމަށް ފާސްކޮށް، މަގާމުން ދުރުކުރި މައްސަލާގައި ދައުވާ ކުރުމުގެ ހައްގު އޭނާއަށް ލިބިގެންވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޖޫން، 2015 ގައި މަޖިލީހުގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުން ޖަމީލް މަގާމުން ދުރުކުރި މައްސަލާގައިި ސުޕްރީމް ކޯޓަށް އެ މަނިކުފާނު ހުށަހެޅުއްވި މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ގާނޫނު އަސާސީގެ ދަށުން މަޖިލީހުން ނިންމާ ނިންމުންތަކާ މެދު ބަސް ބުނުމުގެ ބާރު ކޯޓުތަކަށް ނެތަސް، އެއީ އެއްވެސް އިސްތިސްނާއެއް ނެތް އުސޫލެއް ނޫން ކަމަށެވެ. އަދި މަޖިލީހުން ވެސް ކަނޑައެޅިގެން ގާނޫނާ ޚިލާފަށް އަމަލުކުރާ ހާލަތްތަކުގައި އެ މައްސަލަ ކޯޓަށް ބެލޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައި ވަނީ ޖަމީލް ވަކި ކުރުމުގައި މަޖިލީހުން އަމަލުކުރި ގޮތާ ބެހޭގޮތުން އެމަނިކުފާނު ފާހަގަ ކުރައްވާފައިވާ ކަންކަމަށް ބަލާއިރު، އެ މައްސަލާގައި ޝަރުއީ މަރުހަލާގެ ތެރެއިން ހައްލު ހޯދަން ދައުވާ ކުރުމުގެ ހައްގު ޑރ. ޖަމީލަށް ލިބިވަޑައިގަންނަވާ ކަމަށެވެ. އެކަމަކު އެއީ ސުޕްރީމް ކޯޓުގެ އަސްލީ އިހްތިސާސް ލިބިގެންވާ މައްސަލައަކަށް ނުވާތީ އެ މައްސަލަ ފުރަތަމަ މަރުހަލާގައި ބެލޭނީ ސިވިލް ކޯޓަށް ކަމަށް އެ ހުކުމުގައިވެ އެވެ.

މަޖިލީހުގެ ނިންމުންތައް ކޯޓުތަކުން ނުބެލުމަކީ މަޖިިލީހުގެ އިމްތިޔާޒްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ބުނެ، އެ މައްސަލަ އެއްވެސް ކޯޓަކަށް ނުބެލޭނެ ކަމަށް ދައުލަތުން ބުންޏަސް، ހުކުމުގައި ވަނީ މަޖިލީހުން ވެސް އަމަލު ކުރަންޖެހެނީ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށް ވާއިރު އެއާ ޚިލާފަށް އަމަލުކުރާ މައްސަލަތައް ކޯޓުތަކަށް ނުބެލޭ ނަމަ، ގާނޫނު އަސާސީގެ މަގްސަދު ގެއްލިގެންދާނެ ކަމަށެވެ. އަދި ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ޚާއްސަ ހާލަތްތަކުގައި މަޖިލީހުގެ ބައެއް ނިންމުންތައް ކޯޓުތަކަށް ބެލޭ ކަމަށް އެ ހުކުމުގައިވެ އެވެ.

"ދައުލަތުގެ އެއްބާރުން ކުރާ ކަމެއް ގާނޫނު އަސާސީއާ ޚިލާފްވާނަމަ، އެ މައްސަލައެއް އެހެން އެއްވެސް ފަރާތަކަށް ނުބެލޭނެ ކަމަށް މާނަ ކުރުމަކީ ގާނޫނު އަސާސީއާ ޚިލާފް އަދި ގާނޫނު އަސާސީއެއްް އޮތުމުގެ މަގްސަދާ ޚިލާފް ދެކޮޅު ނުޖެހޭ ކަމެއް،" އެ ހުކުމުގައި ބުނެފައިވެ އެވެ.

ހުކުމުގައިވަަނީ މަޖިލީހުގެ ނިންމުންތަކުގެ މައްސަލަ ކޯޓުތަކަށް ބެލޭނީ ގާނޫނު އަސާސީއާ ޚިލާފަށް ކަނޑައެޅިގެން އަމަލުކުރާ ހާލަތްތައް ފަދަ، ޚާއްސަ ހާލަތްތަކުގައި އެކަނި ކަމަށާއި އަދި އިތުބާރު ނެތްކަމަށް ނިންމުމުގައި މަޖިލީހުުން ބުރަވި މިންގަނޑު ފަދަ ކަންކަމަކީ ކޯޓުތަކަށް ބެލޭނެ ކަންކަން ނޫން ކަމަށެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ރިޔާސަތު ބެލެހެއްޓެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.