މާލެ ސަރަހައްދުގައި ކޮވިޑް ފެތުރޭ މިންވަރު މަދުވާން ފެށުމުން، ބޭރަށް ނުކުމެ އުޅުން މަނާ ވަގުތު ރޭގަނޑު 11:00 ން ފަތިހު 4:00 އަށް ބަދަލުކޮށްފި އެވެ.
މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން މިމަހުގެ ކުރީކޮޅުން ފެށިގެން މަދުވާން ފެށުމުން ވަނީ ލުއިތަކެއްދީފަ އެވެ. އެގޮތުން ބޭރަށް ނުކުމެ އުޅުން ރޭގަނޑު 10:00ން ފަތިހު 5:00 އާ ހަމަޔަށް މަނާކޮށްފަ އެވެ. އެ ބަދަލު ގެނައުމުގެ ކުރިން ހަމަޖައްސާފައި އޮތީ ރޭގަނޑު ބޭރުގައި އުޅެވޭނީ 8:00 ން ފެށިގެން ފަތިހު 5:00އާ ދެމެދު ކަމަށެވެ.
އެޗްޕީއޭ އިން ބުނީ މާލެ ސަރަހައްދުގައި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން އަދިވެސް މަނާވާނެ ކަމަށެވެ. އަދި މާލެ ސަރަހައްދުގައި ހިންގާ ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތާގެ ހިދުމަތްތައް ރޭގަނޑު 10:30 އިން ފެށިގެން ފަތިހު 4:00 އަށް ހުއްޓައިލުން ހިމެނޭ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
މި ބަދަލު ގެނައުމުގެ ކުރިން ކެއިން ބުއިމުގެ ޚިދުމަތް ދޭ ތަންތަން ރޭގަނޑު 9:30ގެ ފަހުން ބަންދުކުރަން ޖެހެ އެވެ.