ބަރުދަން ލުއި ކުރެވޭނީ ހަމައެކަނި ޑައިޓްކުރުން ނުވަތަ ކަސްރަތު ކޮށްގެން ކަމަށް ހީކުރުމަކީ ކުށްހީއެކެވެ. މިކަމަށް އަދި އާންމު ދިރިއުޅުމުގައި ކުރާ ކަންތަކަށް ވެސް ބޮޑެތި ބަދަލުގެންނަން ޖެހެ އެވެ.

އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް ކޮންމެ ދުވަހަކު ވެސް ކުރެވޭ އެކަމަކު ރަނގަޅު ކުރަންޖެހޭ ބައެއް ކަންތައްތައް ކިޔައިދޭނަމެވެ.

ކައިނިމިގެން އިށީނނުމާ ފެން ބުއިމުގެ އާދައަށް ބޮޑު ބަދަލެއް ގެންނަން ޖެހެ އެވެ. ގިނަ މީހުން ކާ ގޮތަށް އިށީނދެ ނުވަތަ އޮށޯވެ ހަދަ އެވެ. މިކަމުގެ ސަބަބުން މީހާ ލޮޑުވެ، ކަންނެތް ވާގޮތްވެ އެވެ. ކައި ނިމިގެން 15 މިނެޓު ވަންދެން ހިނގާލާށެވެ. ގިނައިން ހިނގި ވަރަކަށް ކެލޮރީސް ވިރި މޫޑަށް ވެސް ބަދަލު އަންނާނެ އެވެ.

ގިނައިރު ފެން ނުބޮއެ ހުރުމުގެ ސަބަބުން ފެން ބޮވައިގަތުމުން ބަނޑުހައިވި ކަމަށް ބަލައި މާގިނައިން ކެވޭ ފަހަރު އާދެ އެވެ. އެހެންކަމުން ކެއުމުގެ ކުރިންނާ ކެއުމުގެ ފަހުން ބޮޑު ފެން ތައްޓެއް ބުއިމަކީ ވަރަށް މުހިއްމު ކަމެކެވެ. މިކަމުގެ ސަބަބުން ހަޖަމުވުމަށް ވެސް އެހީތެރިވެދެ އެވެ.

މެންދުރު ކާ ގަޑީގައި ހަމައެކަނި ކެއުމަށް އިސްކަންދޭށެވެ. ފޯނާ ކުޅެން ނުހުރެ ހަމަޖެހިގެން ކާން އާދަ ކުރާށެވެ. މިކަމުގެ ސަބަބުން ގިނައިން ކެވޭނެ ފުރުސަތު ކުޑަވެ އެވެ. އަދި ކާ ގަޑިތަކުގެ އިތުރުން ކާ ކެއުންތައް ހުއްޓާލާށެވެ. މިހެން ކާ ކެއުމަކީ ބައެއް މީހުންނަށް އެހާ ބޮޑު ކަމަކަށް ނުވި ނަމަވެސް، މިއަކީ ބަރުދަން ލުއިކުރަން އުޅޭ މީހަކަށް އެހާ ރަނގަޅު ކަމެއް ނޫނެވެ.

އަނެއް ކަމަކީ ބަރުދަން ލުއިކުރުމަށް މަސައްކަތް ކުރާއިރު، ފަލަވުމަކީ ކޮންމެހެން ތިމާ ސިއްހަތު ރަނގަޅު ނުވަނީ ކަމުގައި ދެކިގެން ނުވާނެ އެވެ. ކިތަންމެ ލޫޅާފަތި މީހެއް ވެސް "އަން ހެލްތީ" ވެދާނެ އެވެ.

ދިރިއުޅުމުގައި މުހިންމީ ކޮންމެހެން ހިކުމެއް ފަލަވުމެއް ނޫނެވެ. "ދުޅަހެޔޮ" ސިއްހަތެކެވެ.