މަޝްހޫރު ފިލްމީ ތަރި މުހައްމަދު ޖަމައްޔިލް ނިމާލުގެ މައްޗަށް، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި އެވެ.

މި މައްސަލަ ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި ވަނީ މާދަމާ މެންދުރުފަހު ދޭއްޖަހާ އިރަށެވެ.

ޖިންސީ ނިޔަތެއް އޮވެގެން ކުއްޖެއްގެ ހަށިގަނޑުގައި ގަސްތުގައި އަތްލި މައްސަލައިގައި ޖުމައްޔިލްގެ މައްޗަށް ދައުވާ އުފުލީ މި އަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ.

ޖުމައްޔިލްގެ މައްޗަށް ކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުންނެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޖުމައްޔިލްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކޮށް، އަންހެނަކު ވަނީ އޭނާގެ ވާހަކަ ސޯޝަލް މީޑިއާގައި ތަފްސީލުކޮށް ކިޔައިދީފަ އެވެ.

ޖުމައްޔިލްއާއި ދެބެއިންގެ ދެދަރި އެ އަންހެން މީހާ ބުނެފައި ވަނީ، 2016 ވަނަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައި ޖުމައްޔިލް އެ އަމަލު އޭނާއާމެދު ހިންގިއިރު، އޭނާއަށް ވާނީ 17 އަހަރު ކަމަށެވެ.

އެ ކުއްޖާ އޭރުކުރި ޓުވީޓަށް އެތައް ބައެއްގެ ސަމާލުކަން ލިބިގެން ދިޔައިރު، ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ޖަވާބު ދެއްވާ ވިދާޅުވީ، އެކަމާ ހިތާމަ ކުރައްވާ ކަމަށާއި، އެ މައްސަލަ ގޮސްފައިވާ ހިސާބެއް އޮޅުންފިލުވުމަށް ފަހު، ޕީޖީ އޮފީހުގެ ފަރާތުން ކުރެވޭނެ ކަންކަން ބަލައި އެ ކުއްޖާ އަށް އަންގާނެ ކަމަށެވެ.

އެ މައްސަލައިގައި މީގެ ކުރިން ދައުވާ ނުކުރަން ނިންމާފައި އޮތީ ހެކި ނެތިގެން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް ވަނީ ވިދާޅުވެފަ އެވެ.

ޖުމައްޔިލްގެ މައްޗަށް މި ދައުވާ ސާބިތުވެއްޖެ ނަމަ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ހުކުމެއް އަންނާނެ އެވެ.

މި މައްސަލައާ ގުޅިގެން އައި ފިލްމްސްގެ ފިލްމްތަކުންނާއި ޑާކްރެއިން އެންޓަޓެއިންމަންޓް އިން ޖުމައްޔިލް ވަނީ ވަކިކޮށްފަ އެވެ.