ހިންދީ ސިނަމާގެ މަޝްހޫރު ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްރާ އާއި ޑައިރެކްޓަރު ސިދާތް އާނަންދު ގުޅިގެން އުފައްދާ ފިލްމުތަކަކީ އަބަދުވެސް އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބޭ ފިލްމުތަކެކެވެ. އަނެއްކާވެސް މި ދެމީހުން ގުޅިގެން ފިލްމެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެއީ ޝާހްރުކް ޚާން އާއި ދީޕިކާ ޕަދުކޯން ފެނިގެންދާނެ ފިލްމު "ޕަތާން" އެވެ.

އިންޑިޔާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޝާހްރުކް އަދި ދީޕިކާއާއެކު އުފައްދާ މި ފިލްމުގެ ވަރަށް މުހިންމު ބައެއް މަންޒަރުތައް ނެގުމަށް ސްޕެއިންއަށް ދިޔުމަށް ވަނީ ނިންމާފަ އެވެ. އަދި މިހާރު ކުރިޔަށް ދަނީ އެކަމަށް ވާންޖެހޭ ތައްޔާރީތަކުގެ މަސައްކަތްތަކެވެ. ފިލްމުގެ ލަވައެއް ވެސް ސްޕެއިންގައި ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.

ފިލްމުގެ ޕްރޮޑަކްޝަން ޓީމާ ގާތް މީހަކު ބުނިގޮތުގައި ފިލްމުގެ ޕްރޮޑިއުސަރުން މިހާރު ދަނީ އެއްވެސް މަންޒަރެއް ލީކުވިޔަނުދީ ޝޫޓިންގެ ކަންތައްތައް ނިންމާލެވޭނެ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސަމުންނެވެ. އަދި މިހާތަނަށް ބޮލީވުޑްގެ އެއްވެސް ފިލްމެއްގެ ލަވައެއްގެ މަންޒަރުތަކެއް މި ފަދަ އެއްވެސް ތަނެއްގައި އަދި ނަގާފައެއް ނުވެ އެވެ.

މި ހަބަރު ވެގެންދާނީ "ޕަތާން" ބަލާލުމަށްޓަކައި ކެތްމަދުވެފައި ތިބި ބެލުންތެރިންނަށް ލިބުނު ވަރަށް ވެސް އުފާވެރި ހަބަރަކަށެވެ.