ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން ރާއްޖެއިން ފުރިހަމަކުރި މީހުންގެ އަދަދު 302،000 އަށް އަރައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު ވެކްސިން އަލަށް 325 މީހަކު ވަނީ ފުރިހަމަ ކޮށްފަ އެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ދެވަނަ ޑޯޒް ޖެހި 209 މީހުންނާއި، ރަށްރަށުން ދެވަނަ ޑޯޒް ޖެހި 116 މީހުން ހިމެނެ އެވެ. މިއާއެކު ރާއްޖެއިން ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 302،182އަށް އަރާފަ އެވެ.

ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ވެކްސިން ޖެހުމަށް ސަރުކާރުން ދަނީ ވަރަށް ބޮޑަށް ބާރު އަޅަމުންނެވެ. މިދިޔަ މަހުގެ 31 ވަނަ ދުވަހު ވެކްސިންގެ ބޮޑު ކެމްޕޭނެއް ފަށަފައިވާ އިރު އުންމީދަކީ މި މަސް ފެށުމުގެ ކުރިން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ވެކްސިން ޖަހާ ނިންމުން ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އެހެން ނަމަވެސް އާބާދީގެ އެންމެންނަށް ވެކްސިން ޖެހިފައެއްނުވެ އެވެ.

ސްކޫލް ކުދިންގެ ތެރެއިން މިހާތަނަށް 32،500 އަށްވުރެ ގިނަ ދަރިވަރުން ވަނީ ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ.