އިންޑިއާގެ ނިކޮބާ އައިލެންޑްސް ކައިރިއަށް 6.6 މެގްނިޓިއުޑްގެ ބިންހެލުމެއް ރޭ އަތުވެއްޖެ އެވެ.
އިންޑިއާ ކަނޑުގެ އިރުމަތީގައި އޮންނަ ނިކޮބާ އައިލެންޑްސް ކައިރިއަށް މި ބިންހެލުން އައިސްފައި ވަނީ ރާއްޖެ ގަޑިން ހޯމަ ދުވަހުގެ ރޭ 11:40 ހާއިރެވެ.
އިންޑިއަން ސުނާމީ އާލީ ވޯނިން ސެންޓަރު (އައިޓީއީޑަބްލިއުސީ) އިން ނެރެފައިވާ ބުލެޓިންއެއްގައި ބުނީ، މި ބިންހެލުން އައިސްފައި ވަނީ ކަނޑުގެ 43 ކިލޯމީޓަރުން އަޑިން ކަމަށެވެ. މިހާތަނަށް ބެލިބެލުމުން މި ބިންހެލުމުގެ ސަބަބުން އިންޑިއާގެ ކަނޑުގެ އެއްވެސް ގައުމަކަށް ނުރައްކަލެއް ނެތް ކަމަށް އެ ސެންޓަރުން ބުންޏެވެ.
މި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރެއް އެ ސެންޓަރުން ނެރެފައެއް ނުވެ އެވެ.
މި ބިންހެލުމާ ގުޅިގެން އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓް މިހާތަނަށް ލިބިފައި ނުވާ ކަމަށް ރިޕޯޓު ކޮށްފައެއް ނުވެ އެވެ.
ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ބުނީ މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށާއި މި ބިންހެލުން އައިސްފައި ވަނީ ރާއްޖެއާ 2،215 ކިލޯމީޓަރު ދުރުން ކަމަށެވެ.
އާންމުންގެ ބައެއް މީހުން މީސް މީޑިއާގައި ކޮށްފައި ވާ ބައެއް ޕޯސްޓުތަކުގައި ބުނެފައިވާ ގޮތުގައި، މާލޭގެ ބައެއް ހިސާބުތަކަށް މި ބިންހެލުމުގެ އަސަރު ކުރި އެވެ.