ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގައި ވެކްސިންގެ އެއްވެސް ޑޯޒެއް ނުދެވި މިހާރު ތިބީ ތިރީހަކަށް ހާސް މީހުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑުން ދިފާއުވުމަށް ސަރުކާރުން ކުރިއަށް ގެންދާ ވެކްސިން ޕްރޮގުރާމާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ ތެރެއިން 18 އަހަރުން މަތީގެ %85 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާކަމަށެވެ. އަދި 12 އަހަރާއި 17 އަހަރާއި ދެމެދުގެ %84 ކުދިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ. މަބްރޫކް ވިދާޅުވީ މިހާރު ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންގެ ތެރެއިން ގިނައީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުންކަމަށެވެ. އެގޮތުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ 30 ހާސް މީހުން އެބަތިބިކަމަށާއި، އޭގެ ތެރެއިން ގިނަ މީހުންނަކީ ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނާއި، ދާންމަތިވެފައިތިބޭ މީހުން ކަމަށް ވެސް މަބްރޫކް ފާހަގަކުރެއްވި އެވެ.

"އޭގެ ތެރެއިން ގިނަ ބަޔަކީ ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން. އޭގެ އިތުރުން އެނދުދާންމަތިވެފައިވާ ބައެއް މީހުންނާއި އެކި ކަހަލަ ބަލި ހާލަތްތަކާ ގުޅިގެން ވެކްސިން ނުޖެހޭ މީހުން،" މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ ސަރުކާރުން އަމާޒުހިފާފައިވާ ގޮތަށް ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިން ޖެހުން ހާސިލްކުރެވޭނެ ކަމަށެވެ.

ރާއްޖޭގައި އަންނަނީ ޢުމުރުން 12 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ޖަހަމުންނެވެ. އެގޮތުން 12 އަހަރާއި 17އަހަރާއި ދެމެދުގެ ޢުމުރުފުރާގެ ކުދިންނަށް ޖަހަމުންދަނީ ފައިޒާ ވެކްސިން އެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދާމީހުންނާއި މާބަނޑު މީހުންނަށްވެސް ފައިޒާ ވެކްސިން ޖަހައިދެ އެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، އިއްޔެއާ ހަމައަށް ރާއްޖޭގައި 383،620 މީހުން ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، އޭގެ ތެރެއިން 302،182 މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ.