ދުނިޔޭގެ އެންމެ ބޮޑު ގުދުރަތީ ބަގީޗާއެއް އޮންނަނީ ކޮން ގައުމެއްގައިކަން އިނގޭ ހެއްޔެވެ؟ އަދި އެންމެ ގިނަ ވައްތަރުގެ މާ ހުންނަ ބަގީޗާ އޮންނަ ގައުމެއް އެނގޭ ހެއްޔެވެ؟

އެންމެ ބޮޑު މާ ބަގީޗާ ހުންނަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގަ އެވެ. "ދުބާއީ މިރެކަލް ގާޑެން" އަކީ 72،000 އަކަމީޓަރުގެ ބޮޑު ބަގީޗާއެކެވެ. އަދި މި ބަގީޗާގައި 150 މިލިއަން މާ ހުރެ އެވެ. އެ މާތަކުގެ ތެރޭގައި ހިމެނެނީ 120 ބާވަތުގެ މަލެވެ.

ހަނަފަސް ސަހަރާއެއްގެ މެދުގައިވާ ދުބާއީ މިރެކަލް ގާޑެން އަކީ ދުނިޔޭގެ ރިކޯޑު ފޮތުން ވެސް ޖާގަ ހޯދާފައިވާ ބަގީޗާއެކެވެ. މި ބަގީޗާގައި މާގަސްތައް އެތުރިފައިވަނީ އެކި ތީމްތަކަށެވެ. އެންމެ ގިނަ ތީމެއް ބަގީޗާގައި ފެންނަން ހުރީ ވެސް މިތަނުގަ އެވެ.

އެގޮތުން 2018 ވަނަ އަހަރު ދުނިޔޭގެ އެންމެ އުސް ޓޮޕިއަރީ ސްޓްރަކްޗާގެ ގޮތުގައި މި ބަގީޗާގައި ހުންނަ މިކީ މައުސް ވަނީ ހޮވިފަ އެވެ. މިކީ މައުސްގައި ލައްކައެއްހާ މާހުންނައިރު، 35 ޓަނު ހުރެ އެވެ.

ދުބާއީ މިރެކަލް ގާޑެން

މި ބަގީޗާގައި ހުންނަ، މަލުން ޖަރީކުރި ދުބާއީ އެމިރޭޓްސްގެ އެއާބަސް އޭ380ގެ މަތިންދާ ބޯޓު ވެސް ވަނީ ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދައިފަ އެވެ. އެ ބޯޓު ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދީ އެންމެ ބޮޑު "ފްލޯރަލް ސްކަލްޕްޗާ"އަށް ވުމުންނެވެ.

ދުބާއީ މިރެކަލް ގާޑެން

މީގެއިތުރުން ދުނިޔޭގެ އެންމެ ބޮޑު "ވާޓިކަލް ގާޑެން"އަކީ ވެސް މި ބަގީޗާ އެވެ.

މި ބަގީޗާގައި މާގަސްތައް އެތުރިފައިވާ ތީމްތައް އަބަދުވެސް ބަދަލު ކުރަމުންދެ އެވެ. މި މަސައްކަތް ކުރެވެނީ ކޮންމެ އަހަރެއްގެ މޭމަހުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށެވެ.