ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން ރާއްޖެއިން ފުރިހަމަކުރި މީހުންގެ އަދަދު 308،095 އަށް އަރައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު ވެކްސިން އަލަށް 2،524 މީހަކު ވަނީ ފުރިހަމަކޮށްފަ އެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި 1،156 މީހަކާއި އަތޮޅުތަކުން ވެކްސިން ފުރިހަމަކުރި 1،368 މީހުންނެވެ. މިއާއެކު ރާއްޖެއިން ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ އަދަދު ވަނީ 308،095 އަށް އަރާފަ އެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމާއި އެސްޓްރާޒެނަކާ ވެކްސިން ޖަހަމުން އަންނައިރު، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށާއި އެޗްޕީއޭއިން ކަނޑައަޅާފައިވާ ޚާއްސަ ކެޓަގަރީތަކުގެ މީހުންނަށް މިހާރުވަނީ ފައިޒާ ވެކްސިންދޭން ފަށާފަ އެވެ.

ވެކްސިން ގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުންނަށް މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ.