ކާށިދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އެރަށު ކައުންސިލުން ނައިބް ރައީސް ފައިސަލް ނަސީމްގެ އަރިހު ދަންނަވައިފި އެވެ.

ކާށިދޫ ކައުންސިލުން މިގޮތަށް އެދިފައިވަނީ މިއަދު ނައިބު ރައީސް ފައިސަލް ނަސީމާއެކު އެކައުންސިލުން ބޭއްވި ބައްދަލުވުމުގައި އެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކާށިދޫ ކައުންސިލަރުން ވަނީ ރަށުގެ ތަރައްގީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ނައިބު ރައީސް ފައިސަލާ ހިއްސާކުރައްވާފަ އެވެ.

އެގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށުގެ ފެނާ ނަރުދަމާގެ މަސައްކަތް ލަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާހަގަކުރެއްވެވި އެވެ. އަދި ރަށުގެ ސިއްހީ މަރުކަޒުގެ ހިދުމަތް ފުޅާކޮށް އަތޮޅު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާކަމަށް އެބޭފުޅުން ފާހަގަކުރެއްވެވި އެވެ. މީގެ އިތުރުން ރަށުގައި އިތުރު ބަނދަރެއް ތަރައްގީކުރުމަށް ބޭނުންވާ ކަމަށާއި، ރަށުގައި ވަޒީފާގެ ފުރުސަތު ފަހިކޮށް ރަށުގެ އިގްތިސާދު ތަނަވަސްކުރުމަށް ޓޫރިޒަމް ސިނާއަތް ފުޅާކުރުމަށް ޝައުގުވެރިކަން ފާޅުކުރައްވާ އެކަމުގައި ސަރުކާރުން އެހީތެރިވެދިނުމަށް ކައުންސިލުން ވަނީ ނައިބު ރައީސްގެ އަރިހުގައި ދަންނަވާފަ އެވެ. ހަމަ އެއާއެކު ރަށުގެ ސިއްހީ މަރުކަޒަށް އެމްބިއުލާންސެއް ބޭނުންވާ ކަމަށާއި، ރަށުގެ ސްކޫލަށް ކުރިމަތިވެފައިވާ މުވައްޒަފުންގެ ދަތިކަމާއި، ވަޞީލަތްތައް މަދުކަން ކައުންސިލުން ވަނީ ނައިބު ރައީސާއި ހިއްސާ ކުރައްވާފަ އެވެ. މީގެ އިތުރުން ރަށުގެ ޒުވާނުން މަސްވެރިކަމުގެ ސިނާއަތަށް ޝައުގުވެރިވާކަން ފާޅުކުރައްވާކަން ފާހަގަކުރައްވާ ރަށާ މާދުރު ނޫން ހިސާބެއްގައި ކަނދުފައްޗެއް ބާއްވައިދިނުމަށް ކައުންސިލުން ވަނީ އެމަނިކުފާނު އަރިހުގައި ދަންނަވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ފައިސަލް ވަނީ ކާށިދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ހައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިގެން މަސައްކަތް ކޮށްދެއްވާނެކަމަށާއި، ކައުންސިލުން ހުށަހެޅުއްވި ކަންކަމުގައި އެކަމާއި ގުޅޭ އިދާރާތަކާއި އިތުރަށް ވާހަކަދެއްކެވުމަށް ވިދާޅުވެފަ އެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ މުޖުތަމައުގެ ނޭދެވޭ ކަންކަން ހުއްޓުވުމަށް ކައުންސިލުގެ ފަރާތުން މަސައްކަތްކުރެއްވުމަށް ވިދާޅުވެފަ އެވެ. އެގޮތުން ރަށުގައި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމަށް އެމަނިކުފާނު ބާރުއެޅުއްވެވި އެވެ. މީގެ އިތުރުން އަންނަން އޮތް ޖީލު ހަރުދަނާ ގޮތެއްގައި ބިނާކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ކުދިންނަކީ ހުނަރުވެރި ކުދިންނަށް ހެދުމަށް އެކި ޕްރޮގްރާމުތައް ހިންގުމަށްވެސް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފަ އެވެ. އަދި އޭގެ ސަބަބުން ހަމަޖެހޭ މުޖުމަތަމައެއް އުފެދިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ކުޑަކުދިންގެ ރައްކާތެރިކަމާ ސަލާމަތަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި އެކުދިންނަށް ދެވޭ ފޯނު ފަދަ އާލާތްތައް ރަނގަޅަށް މޮނިޓާކުރުމަށް ބާރުއަޅުއްވާފަ އެވެ.