ބ. ތުޅާދޫގައި ގާއިމުކުރުމަށް ނިންމާފައިވާ އެއާޕޯޓާ ގުޅިގެން ރައްޔިތުންގެ ހުރި ހުށަހެޅުންތަކާއި، ސިއްހީ ޚިދުމަތް ފުޅާކުރުމާ ގުޅޭގޮތުން އެރަށު ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު މަޝްވަރާ ކުރައްވައިފި އެވެ.

ތުޅާދޫ ކައުންސިލުން މިގޮތަށް މަޝްވަރާ ކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ތުޅާދޫ ކައުންސިލުން ވަނީ އެ ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސް ސޯލިހާ ހިއްސާކުރައްވާފަ އެވެ. އެގޮތުން، ތުޅާދޫގައި ގާއިމުކުރުމަށް ނިންމާފައިވާ އެއާޕޯޓާ ގުޅިގެން ރައްޔިތުންގެ ހުރި ހުށަހެޅުންތަކާއި، ސިއްހީ ޚިދުމަތް ފުޅާކުރުމާ ގުޅޭގޮތުންނާއި، ބަނދަރަށް ދިމާވެފައިވާ މައްސަލަތަކާއި، ބިމުގެ ދަތިކަމާ ގުޅޭގޮތުން ކައުންސިލްގެ ފަރާތުން މައުލޫމާތު އަރުވާފަ އެވެ. އަދި ރަށުގެ ބިން ހިއްކުމާ ގުޅޭގޮތުންނާއި، ރަށުގައި އަޅާފައިވާ 50 ހައުސިން ޔުނިޓާއި، ބާކީ އަޅަން ނިންމާފައިވާ 50 ހައުސިން ޔުނިޓާ ގުޅިގެން ދިމާވެފައިވާ މައްސަލަތަކާއި ކަންބޮޑުވުންތަކާއި، ކައުންސިލަށް ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައިވެ އެވެ.

މީގެ އިތުރުން ވެސް ކައުންސިލްގެ ފަރާތުން ވަނީ ރަށުގެ ތަރައްގީއަށް ސަރުކާރުން ކުރިޔަށް ގެންދަވާ ބައެއް މަޝްރޫއުތަކާއި ކައުންސިލުން ކުރިޔަށް ގެންދަވާ ބައެއް ކަންކަމުގެ މަޢުލޫމާތު ރައީސް ސޯލިހާ ހިއްސާކުރައްވާފަ އެވެ. މިގޮތުން ކައުންސިލުން ވަނީ ރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢާއި ބޯޅަ ދަނޑު ހެދުމުގެ މަޝްރޫއު ކުރިޔަށްދާ ކަމަށް ދަންނަވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ތުޅާދޫގައި ކުރިޔަށްގެންދާ މަޝްރޫއުތަކާ ބެހޭ ފަހުގެ މަޢުލޫމާތުތައް އެ ބޭފުޅުންނާ ހިއްސާކުރައްވާފަ އެވެ. މިގޮތުން 50 ހައުސން ޔުނިޓްގެ މައްސަލައިގައި ކަމާގުޅޭ މިނިސްޓްރީން އެ ޔުނިޓްތައް އިވެލުއޭޓްކުރުމަށްފަހު ރަނގަޅު ހައްލެއް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، އެއާޕޯޓް އޮތީ ބިޑް އިވެލުއޭޝަންގެ މަރުޙަލާގައި ކަމަށް ވިދާޅުވި އެވެ. އަދި، މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ކައުންސިލުން އިތުރަށް ފާހަގަކުރެއްވެވި ކަންކަމުގައި، ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކޮށްގެން މައްސަލަތަކަށް ހައްލު ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް ވަނީ ކައުންސިލުން ރަށް ތަރައްގީކުރުމުގައި ސަރަޙައްދީ ތަރައްގީއަށް ވެސް ވިސްނައިގެން ކުރިޔަށްދިޔުމަށް އެދިވަޑައިގެންފަ އެވެ.