ސިއްހަތަށް ގެއްލުން ހުރި "ޖަންކް ފުޑް" ކާހިތްވުމަކީ އަހަރުމެންގެ މިޒާޖެވެ. ބަރުދަން ލުއި ކުރަން މަސައްކަތް ކުރި ނަމަވެސް އެންމެ ބޮޑު ހުރަހަކަށް ވަނީ މިފަދަ ކެއުންތައް ކާހިތް ވުމެވެ.

ދާދި ފަހުން ޖާނަލް އޮފް މާކެޓިން ރިސާޗްގައި ޝާއިއު ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވާ ގޮތުން ލުއިކާނާ ކެއުމުގެ ބަދަލުގައި ވަސް ބެލުމަކީ ވެސް އެތަކެތި ކެއުމާ އެއްވަރަށް ބަނޑު ފުރި ހިތްހަމަ ޖެހުން ލިބޭ ކަމެކެވެ.

މި ދިރާސާގައި ބުނެފައިވަނީ އިންސާނާގެ ސިކުނޑިއަށް ރަހަ ބެލުމުގެ ހިއްސާއި ވަސް ބެލުމުގެ ހިއްސުގެ ފަރަގު ވަކި ކުރަން އުނދަގޫވާނެ ކަމަށާއި އެހެން ކަމުން ކާނާގެ ވަސް ބެލުމުން ވެސް ރަހަ ބެލުނު ކަމަށް ސިކުނޑިއަށް ނަގައިގަނެވިދާނެ ކަމަށެވެ.

މިއާއެކު ލުއިކާނާގެ ވަހަށް ހުށައެޅޭ ދިގުމިނުގެ ސަބަބުން ވެސް އެ ކެއުމެއް ކާން ބޭނުން ވުމަށް އަސަރު ކުރާ ކަމަށް މި ދިރާސާގައި ބުނެފައިވެ އެވެ. އެގޮތުން 30 ސިކުންތަށްވުރެ ގިނައިރު ވަކި ކެއުމެއްގެ ވަސް ނޭފަތުގައި ހުރެއްޖެނަމަ އެ ކެއުމެއް ކާހިތްވުން ކުޑަވާ ކަމަށް ދިރާސާގެ ނަތީޖާތައް ދައްކަ އެވެ.

އަހަރުމެންގެ ތެރެއިން ގިނަ ބަޔަކު ކެއުމުގެ ކުރިން ކާއެއްޗެހީގެ ވަސް ބަލަނީ ކީއްވެކަން މި ދިރާސާގައި ބުނެދީފައިވެ އެވެ. އެއީ ވަހުގެ ސަބަބުން އެކެއުމެއް ކާން ބޭނުންވާ ކަން ނުވަތަ ނޫން ކަން ނިންމުމަށެވެ.

މި ދިރާސާގެ ނަތީޖާތަކަށް ބަލައި ލުއިކާނާއާ ދުރުވާން މަސައްކަތް ކުރާ ފަރާތްތަކަށް ބުނެވެން އޮތީ ކާން ބޭނުންވާ އެއްޗެއްގެ ވަސް ބަލާލައިގެން ފުއްދާލުމަށެވެ.