އޮން ލައިން ނޫހެއްގައި ނަފްސާނީ ބަލިތަކާ ބެހޭ ޑޮކްޓަރަކާ ހަވާލާދީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާ ބެހޭ ގޮތުން ލިޔެފައި އޮތެވެ. ޖާބިރުގެ ވާހަކަތަކަށް ބަލާއިރު އޭނާއަށް ފަރުވާ ބޭނުންވާކަން ޔަގީނެވެ.

މި މޭރުމުން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ޓުވީޓް ވެސް ކުރެއްވި އެވެ. ޖާބިރުގެ ވާހަކަތައް މަޖަލަކަށް ހަދައި އޭނާއަށް މަލާމާތްކޮށް ޖޯކް ނުޖަހަން ވެސް އެ ޓުވީޓްގައި އެދިވަޑައިގެންފައި އޮތެވެ. އަދި ހަމަ އެފަދައިން ޖާބިރަށް ބޭނުންވާ ފަރުވާ ހޯދައި ދިނުމަށް ޖާބިރުގެ އާއިލާއަށް ވެސް ގިނަ ބަޔަކު ގެންދަނީ އިލްތިމާސް ކުރަމުންނެވެ. ކަން މިހެން އޮތް ކަމުގައި ވިޔަސް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ އާއި ގާފަރު ދާއިރާގެ ރައްޔިތުންގެ ތަމްސީލު ކުރެއްވުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތަކަށް އެއްވެސް މަޑު ޖެހުމެއް ނެތެވެ. އެމަނިކުފާނު މަޖިލީހުގައި ދައްކަވާ ވާހަކަތައް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ވަރަށް ބާރަށް ހިނގާ ވެސްމެ އެވެ.

"މުސާރަ، ކެރިގެން ޖައްސަން ވީ ނޫންތޯ ދިހަ ހާސް ރުފިޔާ އަށް. މިނިމަމް ވޭޖް ޖައްސާށޭ ދިހަ ހާސް ރުފިޔާއަށް،" މިއީ ދިވެހި ރާއްޖޭގައި މުސާރައިގެ ގޮތުގައި ދެވޭނެ އެންމެ މަދު މިންވަރު ކަނޑައެޅުމާ ބެހޭ ގޮތުން މަޖިލީހުގައި ޖާބިރު ދެއްކެވި ވަރަށް ބަލާޣާތްތެރި ވާހަކަފުޅެއްގެ އިބާރާތެކެވެ.

ވަރަށް އަސަރުކުރާ ގޮތަށް މާނަ ފަހުމު ވާނޭހެން އެ މަނިކުފާނު ދެއްކެވި އެ ވާހަކަ ކުރިއަށް ގެންދަވަމުން މިނިމަމް ވޭޖާ ބެހޭ ގޮތުން ސަރުކާރުން ގެންގުޅޭ ދެފުށް ދެގޮތް ސިޔާސަތަށް ފާޑު ވިދާވަމުން ވިދާޅުވި އެވެ.

"ކީއްވެ ނުކުރެވިގެން މި އުޅެނީ؟ މި ދައުރު ނިމިގެން ދަނީ. އަނެއްކާ ވެސް ދެން އަންނަ ދައުރަށް އެމްޑީޕީ އިންތިޚާބުތަކުގައި މުސާރަ ބޮޑުކުރާ ވާހަކަ އާއި މަސްވެރިންނަށް ލާރި ދޭ ވާހަކަ އާއި މަސްވެރިން ބާނާ މަސް ގަންނާނެ ވާހަކަ އާއި މީހުން ދޮގު ވާހަކަތަކެއް ނޫންތޯ؟" މިނިމަމް ވޭޖާ ބެހޭ ގޮތުން ޖާބިރު ދެއްކެވި އަސަރުގަދަ ވާހަކަފުޅު ނިންމަވާލައްވަމުން ފަހު ބަހަކަށް އެމަނިކުފާނު ގޮވާލެއްވީ ސަރުކާރުގެ އިސްތިއުފާއަށެވެ.

ސަރުކާރުގެ އިސްތިއުފާއަށް ގޮވާލެއްވުމަކީ ޖާބިރަށް އާކަމެއް ނޫނެވެ. ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ސަރުކާރުން ފެށިގެން މިއަދުގެ ސަރުކާރާ ހަމަޔަށް ޖާބިރު އިސްތިއުފާއަށް ގޮވާނުލައްވާ ސަރުކާރެއް ނެތެވެ. ހަމަ އެފަދައިން މައުމޫނުގެ ސަރުކާރުން ފެށިގެން މިއަދުގެ ސަރުކާރާ ހަމަޔަށް ރާއްޖޭގައި އުފެދުނު ކޮންމެ ސަރުކާރެއްގައި ޖާބިރުގެ އިސް ރޯލެއް ވެސް އޮވެ އެވެ. ކޮންމެ ސަރުކާރެއްގެ ވެސް މަތީ މަގާމުތަކެއް އެމަނިކުފާނު ވަނީ ފުރުއްވާފަ އެވެ.

އިސްތިއުފާއަށް ގޮވުމާ ސަރުކާރުގެ މަތީ މަގާމުތައް ފުރުމާއި ކޮޅު ބަދަލުކުރުމަކީ ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި ވެރިކަންކުރަން ފެށި ފަހުން ޖާބިރުގެ އާދައެކެވެ. ކޮންމެ ސަރުކާރެއް ފެށޭއިރު އެ ސަރުކާރެއްގެ މަތީ މަގާމެއްގައި އެމަނިކުފާނު ހުންނަވަ އެވެ. ދުވަސްކޮޅެއް ފަހުން ކޮންމެ ވެސް މައްސަލައެއް ޖެހި ސަރުކާރު އިސްތިއުފާއަށް ގޮވާ ހިސާބަށް ދާއިރު އެކަމުގެ ފަހަތުގައި ގިނަ ފަހަރަށް އޮންނަނީ ފައިސާއާ ގުޅިފައިވާ ބޮޑު މައްސަލައެކެވެ. ކޮންމެވެސް ރަށެއް ނުވަތަ ފަޅެއް ލިބެން ޖެހި ނުލިބުމާ ލިބިފައި އޮތް ފަޅެއް ނުވަތަ ރަށެއް އަތުލުން ފަދަ ކަމެކެވެ.

ފަޅުފަޅާއި ރަށްރަށުގެ މައްސަލައިގައި ސަރުކާރުތަކާ މައްސަލަ ޖެހި ކޮޅު ބަދަލުކޮށް ސަރުކާރު ވައްޓާލަން ނިކުމެ އަނެއް ސަރުކާރު ގެންނަން މަސައްކަތް ކުރުމަކީ ހަމަ އެކަނި ޖާބިރަށް ޚާއްސަ ސިފައެއް ނޫނެވެ. ރާއްޖޭގައި ޕާޓީތަކުގެ ވެރިކަން ކުރަން ފެށިފަހުން އަބަދުވެސް މިގޮތަށް އުޅުއްވާ ލީޑަރުންތަކެއް ތިއްބަވަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ބޭފުޅުންގެ ލިސްޓުގައި ޖާބިރު ހިމެނިވަޑައިގަންނަވާއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ އިސް ބޭފުޅުން ވެސް މި ލިސްޓުގައި ކަނޑާ ނެގެ އެވެ. މި ބޭބޭފުޅުންނަކީ ވެސް ސަރުކާރުތައް ބަދަލުވާއިރު އާ ސަރުކާރުގެ އިސް ސަފުން ޖާގަ ހޯއްދަވާ ބޭބޭފުޅުންނެވެ. ސަރުކާރުތައް ގޯސްވާނީ ކޮންމެ ވެސް ފަޅެއް ރަށެއްގެ މައްސަލައިގަ އެވެ. އެ މައްސަލަތައް ނިމޭނީ އާ ސަރުކާރާއެކު ހެދޭ ޑީލްތަކާއެކު ކޯޓުތަކުން ދެވޭ ބަދަލުތަކާ ހަމައިންނެވެ. މިއީ މިއަދުގެ ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ގަބޫލުކުރަން ޖެހޭ ހިތި ހަގީގަތެކެވެ.

ކޮޅު ބަދަލު ކުރުމާއި އިސްތިއުފާއަށް ގޮވުން ހަމަ އެކަނި ޖާބިރާ ހަމަޔަށް ހުއްޓިފައި ނުވާއިރު ޖާބިރު މަޖިލީހުގައި އިސްތިއުފާއަށް ގޮވައި ދައްކަވާ ވާހަކަތައް މާބޮޑަށް ސަމާލުކަމަށް އަންނަ ސަބަބުތަކެއް އެބަ އޮތެވެ. ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ޖާބިރު ދައްކަވާ ވާހަކަތައް ދައުރުވަމުން ދާއިރު އޭގެ ތެރެއިން ގިނަ ވާހަކަތަކަކީ ދިވެހި ރާއްޖޭގެ އާންމު ރައްޔިތަކު "ބާޒާރުމަތީ ބަހުރުވަ"އިގެ ގޮތުގައި ވެސް އަޑުއަހަން ބޭނުން ނުވާ ފަދަ ދަށު ދަރަޖައެއްގެ ބަސްމަގަކުން ދައްކަވާ ވާހަކަތައް ކަމަށް ވުމީ މީގެ އެންމެ ބޮޑު ސަބަބެވެ.

ކިތަންމެ ބަސްމަގު ހުތުރު ވިޔަސް އާންމު ފެންވަރުގައި ބަލައި ގަނެވޭ ފަދަ ބޭފުޅަކަށް ނުވިކަމަށް ވިޔަސް އެމަނިކުފާނަކީ "އިއްޒަތް ތެރި މެންބަރެކެވެ". އަރައިގަންނަން ނުވާވަރުގެ ކަރާމަތެއް އެމަނިކުފާނުގެ އޮވެ އެވެ. ކާށިދޫ ދާއިރާގެ ރައްޔިތުން ތަމްސީލު ކުރައްވަން އެމަނިކުފާނަށް އެދާއިރާގެ މެންބަރުން އަރުވާފައި ހުރި ގޮނޑީގެ ކަރާމާތް ވަރަށް ބޮޑެވެ.

ގާނޫނުތަކަށް ބަލާއިރު މަޖިލީހުގެ މެންބަރަކު މެމްބަރުކަމުގެ ގޮނޑިން ވަކި ކުރެވޭނެ ފަސޭހަ މަގެއް ނޯވެ އެވެ. އެހެން ކަމުން ނަފުސާނީ ޑޮކްޓަރުންނާއެކު މަސައްކަތް ކުރައްވާ ބޭފުޅުން ޖާބިރަށް ހަމްދަރުދީ ފާޅުކޮށް ސިއްހީ އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅު ވިޔަސް، ޖާބިރު މަޖިލީހުގައި އަޑުގަދަކުރައްވައި، ދަށު ދަރަޖައިގެ ބަހުރުވައިން ވާހަކަ ދެއްކެވިޔަސް، އެއިން ކަމަކާ ހެދޭނެ މާބޮޑު ގޮތެއް ނެތެވެ.

ގާނޫނު އަސާސީ އޮންނަ ގޮތުންނެވެ. ގާނޫނަކީ ޖާބިރުމެން ފަދަ ބޭފުޅުން ހައްދަވާ އެއްޗަކަށް ވާއިރު އެފަދަ ގާނޫނުތަކުން ނުކުންނަ ނަތީޖާ ލޮލަށް ފެނަނަމުން ދިއަޔަސް އާންމު ރައްޔިތުންނަށް އެ ވާހަކަ ދެއްކޭކަށް ނެތެވެ. ނުދައްކާ ވާކަށް ވެސް ނެތެވެ.