ފުވައްމުލަކު ހޮސްޕިޓަލަށް ބަލިވެގެން މިއަދު ޑޮކްޓަރަށް ދައްކަން ގެންދިޔަ ކުޑަ ކުއްޖެއްގެ ގަޔަށް އިންޖިކްޝަނެއް ޖެހިފަހުން، ހާލު ބޮޑުވެގެން ފަރުވާ ދެނިކޮށް މިރޭ މަރުވެއްޖެ އެވެ.

އެ ކުއްޖާގެ އާއިލާގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނިގޮތުގައި ހަ އަހަރުގެ އެ އަންހެން ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ބަޑުގައި ރިއްސައި ވަރަށް ގަދައަށް ހޮޑުލާން ފެށުމުން އެވެ.

"ހޮސްޕިޓަލަށް ގެންދިއުމުން ޑޮކްޓަރު ސްކޭނެއް ވެސް ހެދި. އަދި އިތުރު ލޭގެ ޓެސްޓްތަކެއް ވެސް ހެދި. އެ ޓެސްޓްތައް ހެދުމަށްފަހު ހޮސްޕިޓަލުގައި އެޑްމިޓްކުރުމަށްފަހު ފަރުވާދޭން ފެށީ،" އޭނާ ބުންޏެވެ.

އެ ކުއްޖާގެ އާއިލާއިން ވާހަކަދެއްކި މީހާ ބުނީ އެޑްމިޓްކޮށްގެން ފަރުވާދޭން ފެށި ފަހުން ބަނޑަށް ތަދުވާތީ ކެތްނުކުރެވޭތީ ޑޮކްޓަރު ކައިރީ ބުނި ކަމަށެވެ. އަދި އެ ވާހަކަ ބުނުމުން ޑޮކްޓަރު އެންގީ އިންޖެކްޝަނެއް ޖެހުމަށް ކަމަށް ވެސް އޭނާ ބުންޏެވެ.

"އެ އިންޖެކްޝަން ޖެހިތާ ދެތިން މިނެޓްގެ ތެރޭގައި އެ ކުއްޖާގެ ހަބަރު ހުސްވެގެން ވެއްޓުނީ. ދެން އިމަޖެންސީ ފަރުވާ ދެމުންގެންދަނިކޮށް މިރޭ ހަތެއް ޖަހާކަންއިރު މަރުވީ،" އެ މީހާ ބުންޏެވެ.

އޭނާ ބުނީ އެ ކުއްޖާ ގަޔަށް އިންޖެކްޝަން ޖެހިއިރު ޑޮކްޓަރު އެ ކުއްޖާގެ އެއްވެސް މެޑިކަލް ހިސްޓްރީއަކަށް ނުބަލާ ކަމަށެވެ.

"ޑޮކްޓަރު ބުނީ ތިމަންނައަށް މެޑިކަލް ހިސްޓްރީއެއް ނޭނގޭ ކަމަށް. މިއީ ސީދާ އިހުމާލެއް. މިކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭ،" އެ މީހާ ބުންޏެވެ.

އެ ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ލިރާރު "ހުރިހާ"އަށް މިރޭ ވިދާޅުވީ، އިންޖެކްޝަނެއް ޖެހިފަހުން އެ ކުއްޖާ މަރުވި މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ބަލާނެ ކަމަށެވެ. އަދި އެ ކުއްޖާގެ އާއިލާގެ ފަރާތުން ތުހުމަތުކުރާ ކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޝަކުވާއެއްގެ ގޮތުގައި ބަލަމުން ގެންދާނަން. އަދި އެކަމުގައި އިހުމާލެއް އޮތްތޯ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނަން. އަޅުގަނޑު މަސައްކަތްކުރަނީ މައްސަލައެއް ދިމާވެދާނެތީ ކަންކަން ރަނގަޅުކުރަން،" މިދިޔަ މަހުގެ 19 ވަނަ ދުވަހު ހޮސްޕިޓަލުގެ މެނޭޖަރުކަމާ ހަވާލުވި ލިރާރު ވިދާޅުވި އެވެ.