ހެލްތު މިނިސްޓަރަކަށް ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ނަސީމް (ކެރަފާ ނަސީމް) އައްޔަން މިއަދު ކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހެލްތު މިނިސްޓަރުގެ މަގާމަށް، ހ. ހިކިފިނިފެންމާގެ، އަހުމަދު ނަސީމް އިސްކުރައްވައި، އެ މަނިކުފާނަށް މަގާމުގެ ފަތްކޮޅު މިއަދު ދެއްވައިފި ކަމަށެވެ.

އެ މަނިކުފާނަށް ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސްނުއްސުއޫދެވެ. ހުވައިކުރެއްވުމަށްފަހު، ނަސީމް ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިގުރާރުގައި ސޮއިކުރައްވާފަ އެވެ.

ނަސީމް ވަނީ، 2011 ވަނަ އަހަރު މާޗު މަހުގެ 21 ވަނަ ދުވަހުން ފެށިގެން 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 07 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓަ އޮފް ފޮރިން އެފެއާޒްގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

އަދި އޭގެ ކުރިން އޭނާ ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮ ފޮރިން އެފެއާޒްގެ މަގާމު ވެސް ފުރުއްވާފަ އެވެ. އެ މަނިކުފާނު ސަރުކާރުގެ ޚިދުމަތާއި ގުޅިވަޑައިގަތީ 1966 ވަނަ އަހަރު އެވެ.

ހެލްތު މިނިސްޓަރުގެ މަގާމަށް ނަސީމް އައްޔަންކުރެއްވީ ކޮވިޑާ ގުޅިގެން ވެންޓިލޭޓަރުތަކެއް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަމުގެ ތުހުމަތުގައި ދައުވާކުރުމަށް މިނިސްޓަރު އަބްދުﷲ އަމީންގެ މައްޗަށް ދައުވާކުރަން އޭސީސީން ފޮނުވުމުން ޕްރޮސެކިއުޓާ ޖެނެރަލް އަނބުރާ ފޮނުވާލުމުން އެމްޑީޕީގެ ޕީޖީ މެމްބަރުންގެ ފަރާތުން ކުރިމަތިވި ޕްރެޝަރުތަކާ ގުޅިގެން އިއްޔެ އެވެ.

މިނިސްޓަރު އަމީން މަގާމުން ވަކިކުރުމުން އެ މަގާމަށް އައްޔަންކުރަން ތިން ބޭފުޅެއްގެ ނަން ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވެސް ރައީސް ސޯލިހަށް ހުށަހަޅި އެވެ. ހެލްތު މިނިސްޓަރުގެ މަގަމަކީ ޖެޕީގެ ސޮލޮޓެއް ކަމަށް އެ ޕާޓީން ބުނެ އެވެ.