ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ސަތޭކައިން ދަށުންގައި ހުންނަތާ ހަ ދުވަސް ވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އިރުއޮއްސި 6:00 އާ ހަމައަށް 24 ގަޑިއިރުގެ ތެރޭގައި 4،147 ސާޕްލް ޓެސްޓް ކޮށްފައިވާއިރު އޭގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 83 މީހުންނެވެ. އެއީ ގްރޭޓާ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 23 މީހަކާއި، އަތޮޅުތަކުން ޕޮޒިޓިވްވި 54 މީހަކު އިތުރުން ރިސޯޓްތަކުން ހަ މީހުންނެވެ.

މާލެ ސަރަހައްދު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 50 ތިރީގައި ހުންނަތާވެސް ފަސް ދުވަސް ވަނީ ވެފަ އެވެ.

މިއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 85،548 މީހުންނަށް އަރާފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،237 މީހުންނެވެ. މިހާތަނަށް 84،064 މީހުން ވަނީ ކޮވިޑުން ރަގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 13 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިބަލީގައި މިހާތަނަށް 234 މީހުން ރާއްޖޭގައި ވަނީ މަރުވެފަ އެވެ.