އުއްތަމަފަނޑިޔާރުގެ މަގާމުން މާދަމާ ރިޓަޔާކުރައްވާ މުއުތަސިމް އަދުނާނަށް ބޮޑު އެލަންސްވަސްތަކެއް ނުދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން ބުނީ މީގެ ކުރިން މުއުތަސިމް އަށް ބޮޑު އެލަންސްވަސްތަކެއް ދިނުމަށް މަޝްވަރާ ކުރި ނަމަވެސް، މިހާރު އެ މަނިކުފާނު ރިޓަޔާ ކުރެއްވުމަށް ހަމަޖެހިފައިވަނީ އާ އެލަވަންސްތަކެއް ދޭ ގޮތަކަށް ނޫންކަމަށެވެ.
އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވާތީ، ރިޓަޔާމަންޓް ޕެކޭޖް ބޮޑު ކުރުމަށް ޖޭއެސްސީން އެދުނީ މިދިޔަ ޖޫން މަހު އެވެ. އޭގެ ތެރޭގައި ދަތުރުފަތުރުގެ އެލަވަންސް (ޑްރައިވަރެއްގެ މުސާރަ އާއި ޕެޓްރޯލް) އާއި ލިވިން އެލަވަންސަށް މަހަކު 70،000 ރުފިޔާ ދިނުމަށާއި، ރިޓަޔާމަންޓް އެލަވަންސް ދިނުމުގައި ހިދުމަތް ކުރި މުއްދަތުގެ ގޮތުގައި ފަނޑިޔާރު ކަމުގައި ހޭދަވި މުއްދަތުގެ އިތުރުން މުޅި ދައުލަތަށް ހިދުމަތް ކުރި މުއްދަތު ހިމެނުމަށް ވަނީ އެދިފަ އެވެ.
މިފަދައިން މުއްދަތު ހިމެނުމުން މުއުތަސިމް މަގާމުން ރިޓަޔާ ކުރައްވާއިރު، ލިބިވަޑައިގަންނަވަން އޮތް 185،100 ރުފިޔާގެ ބަދަލުގައި 493،600 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ.
އޭރު މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއިރު، އުއްތަމަ ފަނޑިޔާރު މުއުތަސިމަށް ބޮޑު ޕެންޝަނެއް ދޭން އުޅެނީ ސަރުކާރުން ބޭނުންވިގޮތަށް ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ސުޕްރީމް ކޯޓު ގެނައުމަށް ފުރިހަމަ އެއްބާރުލުން އެމަނިކުފާނު ދެއްވުމުން ކަމަށް ގިނަ މީހުން އޭރު ވަނީ ބުނެފަ އެވެ.