އިޒްރޭލުން އެދިގެން އެމެރިކާއިން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް މިއަދު ހެނދުނު ބާރުގަދަ ބޮންތަކެެއް އަޅައިފި އެވެ.

އެމެރިކާއިން ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދޭން ބޭނުންކުރީ އެމެރިކާގެ ވައިގެ އަސްކަރިއްޔާއަށް އުފެއްދި 30،000 ޕައުންޑް (13،600 ކިލޯ)ގެ "ބަންކަރު ބަސްޓާ" ބޮމެކެވެ. މި ބޮން ގާތްގަނޑަކަށް 60 މީޓަރު (200 ފޫޓު)ގެ އަޑިއަށް ނުވަތަ 18 މީޓަރު (59 ފޫޓް)ގެ ކޮންކްރީޓަށް ވަނުމުގެ ގާބިލުކަން ލިބިގެންވެ އެވެ.

ފޮކްސް ނިއުސްއިން ބުނިގޮތުގައި އެމެރިކާއިން ވަނީ އީރާނުގެ ފޯޑޯ ނިއުކްލިއާ ފެސިލިޓީއަށް ހަ ބަންކަރު ބަސްޓާ ބޮން ވައްޓާލާފައިވެ އެވެ.

އީރާނުގެ ދައުލަތުގެ ޓީވީން ބުނީ އެމެރިކާއިން ހަމަލާދީފައި ވަނީ ފޯޑޯ، ނަޓަންޒް އަދި އިސްފަހާންގެ ނިއުކްލިއާ މަރުކަޒުތަކަށް ކަމަށެވެ.

ޒަޔަނިސްޓް ސަރުކާރުގެ ހަރުކަށި އަމަލުތަކާ ގުޅިގެން އެޓޮމިކް އެނާޖީ އޯގަނައިޒޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ އީރާނުގެ ތިން ނިއުކްލިއާ ސައިޓަކަށް އެމެރިކާއިން ހަމަލާދީފައިވާ ކަމަށެވެ.

އީރާނުގެ ދައުލަތުގެ ޓީވީން ބުނިގޮތުގައި އެމެރިކާގެ ވައިގެ ހަމަލާތަކުގެ ސަބަބުން ފޯޑޯ ނިއުކްލިއާ ފެސިލިޓީއަށް ވަންނަ އަދި ނުކުންނަ ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާގައި ބުނެފައި ވަނީ އެމެރިކާއިން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ކާމިޔާބު ކަމާއެކު ހަމަލާދީފައިވާ ކަމަށެވެ.

ޓްރަމްޕް ބުނީ އީރާނަށް ހަމަޖެހުން އަންނާނެ ކަމަށާއި ނުވަތަ ފާއިތުވި އަށް ދުވަހުގެ ތެރޭގައި ފެނުނު ހިތާމައަށް ވުރެ މާ ބޮޑު ހިތާމަވެރި ހާދިސާއަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަދި އޭނާ އާއި އިޒްރޭލްގެ ބޮޑުވަޒީރަކީ ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރާ ދެ މީހުން ކަމަށެވެ.

"މި އަސްކަރީ ހަމަލާތަކަކީ ފާހަގަކޮށްލެވޭ ކާމިޔާބީއެއްކަން އަޅުގަނޑު އިއުލާންކުރަން،" އޭނާ ބުންޏެވެ.

އެމެރިކާގެ ހަމަލާތަކަށް އީރާނުން ރައްދު ދޭނީ ކިހިނެތް ކަމެއް އަދި ނޭނގުނު ނަމަވެސް، ހަމަނުޖެހުންތައް ވަރަށް އަވަހަށް އިތުރުވެ، މުޅި ސަރަހައްދު ވެސް ބައިވެރިވުމުގެ ފުރުސަތު އެބައޮތެވެ.

އީރާނުގެ ދައުލަތުގެ ޓީވީން ބުނެފައި ވަނީ "މި ސަރަހައްދުގައި ތިބި އެމެރިކާގެ ކޮންމެ މީހަކު ނުވަތަ އަސްކަރިއްޔާގެ ކޮންމެ މީހަކީ ވެސް މިހާރު ޓާގެޓެއް" ކަމަށެވެ.

މީގެ އިތުރުން ދުނިޔޭގެ ތެލުގެ ސަޕްލައިގެ 20 އިންސައްތަ ހިފައިގެން ދަތުރުކުރާ ހޮރްމޫޒް ކަނޑުއޮޅި އީރާނުން ބަންދުކޮށްފިނަމަ، ދުނިޔޭގެ އިގްތިސާދަށާއި ގަލްފް ސަރަޙައްދުގެ ހަކަތަ އެކްސްޕޯޓްކުރާ ގައުމުތަކަށް ވަރަށް ބޮޑު އަސަރެއް ކުރާނެ އެވެ.

އީރާނުން ބުނީ މި ހަމަލާއާ ގުޅިގެން މެދުއިރުމަތީގައި ހުރި އެމެރިކާގެ އެއްވެސް ތަނަކަށް ސަލާމަތެއް ނެތް ކަމަށެވެ. އަދި ހޮރުމޫޒް ކަނޑުއޮޅި ބަންދުކުރާނެ ކަމަށް ވެސް އެ ގައުމުން ބުންޏެވެ.

އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވީ އެމެރިކާއަށް ކުރިން ދޭން ނިންމާފައިވާ ހަމަލާއަށް ވުރެ ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށެވެ.