ބޮލީވުޑްގެ ކާމިޔާބު އެކްޓަރުން ތެރޭގައި ހިމެނޭ އަޖޭ ދޭވްގަން އާއެކު ރާއްޖޭގައި ނެގި ޑިސްކަވަރީ ޗެނަލްގެ މަޝްހޫރު ރިއަލިޓީ ޝޯ "އިންޓު ދަ ވައިލްޑް ވިތް ބެއާ ގްރިލްސް" މިމަހު ދައްކާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ވ. އަތޮޅުގައި މިދިޔަ މަހު 14 ގައި އަޖޭ އާއެކު ޝޫޓުކޮށްފައިވާ އެ ރިއަލިޓީ ޝޯގެ ޓީޒާ އާންމުކޮށްފައިވާއިރު އެންމެ ފުރަތަމަ އެޝޯ ދެއްކުމަށް ހަމަޖެހިފައިވަނީ ޑިސްކަވަރީ ޕްލަސްގަ އެވެ. އެގޮތުން މިމަހުގެ 22 ގައިޑިސްކަވަރީ ޕްލަސްއިން ދައްކާއިރު މި މަހުގެ 25ގައި ޑިސްކަވަރީ ޗެނެލް އިން އެޝޯ ގެނެސްދޭނެ އެވެ.

އަޖޭގެ އިތުރުން ބެއާ ގްރިލްސްއާ އެކު ބޮލީވުޑްގެ ޒުވާން އެކްޓަރު ވިކީ ކޯޝަލް ވެސް "އިން ޓު ދަ ވައިލްޑް" އަށް ރާއްޖޭގައި ޝޫޓްކޮށްފަ އެވެ. އެހެން ނަމަވެސް ވިކީގެ ޝޯ ގެނެސްދޭނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

"އިން ޓް ދަ ވައިލްޑް"ގެ ހޯސްޓާ އެކު ގިނަ ހޮލީވުޑް އަދި ބޮލީވުޑް ތަރިން އެ ޝޯގައި މެހެމާނުންގެ ގޮތުގައި ބައިވެރިވެ އެވެ. މީގެ ކުރިން ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރު އަދި ރަޖްނީކާންތު ވެސް ބެއާ ގްރިލްސްއާ އެކު ބައިވެރިވެފައިވެ އެވެ.

ތަފާތު ސަރަހައްދުތަކަށް ގެންގޮސް އެކި ކަހަލަ ސްޓަންޓް ހައްދާ އަމިއްލައަށް ސަވައިވްވާން ޖެހޭ ގޮތަށް ޑިޒައިންކޮށްފައިވާ މި ޝޯއެކެވެ.