ކައުންސިލްތަކަށް ދީފައިވާ ބައެއް ބާރުތައް ހަނިކުރަން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މި ބިލު ފާސްކުރީ 51 މެންބަރުންގެ ވޯޓާއެކު އެވެ. އެ ބިލާ ދެކޮޅަށް އެމްޑީޕީއަށް ނިސްބަތްވާ 8 މެންބަރުން ވޯޓު ދެއްވި އެވެ.
ގިނަ ކައުންސިލްތަކުންވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ މި ބިލުގައި ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ވަނީ ފަސް އިސްލާހެއް ހުށަހަޅައިފަ އެވެ. އޭގެތެރޭގައި ކައުންސިލްތަކަށް މުވައްޒަފުން ނެގުމާއި، ކައުންސިލްތަކުގެ އިހްތިސޯސުގައިވާ ފަޅާއި، ބިން ފަދަ ތަންތަން ކުއްޔަށް ދޫކުރުމުގެ އިތުުރުން ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުމުގައި ކައުންސިލްތަކަށް ލިބިދީފައިވާ ބާރު ހަނިވާ ހަނިކުރުން ހިމެނެ އެވެ.
ކައުންސިލުން ވިޔަފާރިއެއް ކުރަން ބޭނުންވެއްޖެ ނަމަ، އެއީ ރަށުގެ ތަރައްގީއަށްޓަކައި ކޮންމެހެން ކުރަންޖެހޭ ވިޔަފާރިއަކަށްވާންޖެހޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި ކައުންސިލުން ފަށާ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސުލްމާލު 10 މިލިއަން ރުފިޔާއަށްވުރެ ބޮޑުވެގެން ނުވާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ބިލުގައި ބަޔާން ކުރާ ހަމަތަކަށް ނުފެތޭ ވިޔަފާރިއެއް ކައުންސިލުން މިހާރު ކުރަމުންދާ ނަމަ ބިލު ފާސް ކުރާތާ ތިން މަސްދުވަސް ތެރޭގައި އެފަދަ ވިޔަފާރިއެއް ހުއްޓާލަން ޖެހޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.
ކައުންސިލުން ރަށްރަށުގެ ބިން ކުއްޔަށް ދޫކުރުމަށް ވެސް ބިލުގައި ވަނީ ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ. ބިލުގައިވާ ގޮތުން، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި އެކި ފަރާތްތަކަށް ދޫކޮށްފައިވާ އެއްވެސް ބިމަކުން ކުއްޔެއް ނުނެގޭނެ އެވެ.
ބިލުގައިވާ ގޮތުން ކައުންސިލުގެ ބޭންކު އެކައުންޓުތައް ވެސް ހިންގަންޖެހޭނީ ފައިނޭންސް މިނިސްޓްރީ އިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ. އަދި އެ މިނިސްޓްރީ އިން ބޭނުންވެއްޖެ ހާލަތެއްގައި ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓެއް ދޭންޖެހެ އެވެ.
އޭގެ އިތުރުން، ކައުންސިލުތަކުގެ އުމުރުގައި ބާކީ އޮތީ އެއް އަހަރު ކަމަށްވާ ނަމަ، ދާއިމީ އަދި ކޮންޓްރެކްޓު މުވައްޒަފުން ނެގުމާއި ކައުންސިލުގެ އިހުތިސާސުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުމާއި ޕްލޭން ނުކުރާ ތަރައްގީގެ މަޝްރޫއުތައް ފެށުމަށް ވެސް ބިލުގައި ވަނީ ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ.
ބިލުގައިވާ ގޮތުން އެފަދަ އެއްވެސް ކަމެއް ކުރެވޭނީ ފައިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީއިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ.