ބިއްލޫރި ދޮރުން ބޭރު ބަލާލިއިރު ކޮޅުކޮޅަށް ދަންދެންވެސް ފެންނަނީ އުޑުމަތި ބަނަވެފަ އޮތްވައެވެ. މާލެއާއި ދިމާލުން ހީވަނީ ދުންފިނި ފައިބާހެނެވެ. ވަރަށް ވިއްސާރަ ދުވަހެކެވެ. އެހާމެ ފިނި ހެނދުނެކެވެ. އެތެރޭގައި އިންއިރު ވައިގަދައޭ ބުނަން ނޭނގުނު ނަމަވެސް ކަނޑުގެ ލޮނުގަނޑަށް އެ އަންނަ ޙަރަކާތްތަކުންނާއި ބާނިތައް ހުރިގޮތުން، ވަރަށް ވައިގަދަކަން ޔަގީންވެއެވެ. ވަށައިގެން ބަލާލުމުން ގިނަމީހުންގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމެވެ. ވިއްސާރަ ދުވަހެއްގައި ވާރެއިން ސަލާމަތް ވާނެ ގޮތެއް ނުވެދާނެތީ ވާ ކަންބޮޑުވުމެކެވެ. ހިނިތުންވުމެއް ފެންނަނީ އަނާމްގެ މޫނުން އެކަންޏެވެ. ވިއްސާރަވެ ވާރޭ ވެހޭ، އެފަދަ ކޮންމެ ދުވަހަކުވެސް އަނާމްގެ މޫނުން ފެންނަ އުފާވެރިކަމެވެ. ސެޕްޓެމްބަރު މަސް ފެށުމާއެކު އަނާމްއަށް ޚާއްޞަ އުފާވެރިކަމެއް ލިބޭ އެއްސަބަބަކަށް މިކަން ވެއެވެ.
ވަގުތު ޖެހުނީއެވެ. ބަހުން ފައިބަން ބޭނުން ނުވިޔަސް އޭގައި ތިބި އެންމެންވެސް ފައިބަން ޖެހޭނެއެވެ. ކޮޅަށް ތިބި މީހުންގެ ތެރޭގައި ފިތިގެން ކަހަލަ ގޮތަކަށް ހުރި އަނާމްވެސް ކުރިން ބަލަމުން ދިޔަ މަންޒަރުން މޫނު އަނބުރާލއި، މާފަންނު ބަސް ސްޓޮޕަށް ފޭބުމަށްޓަކައި ތައްޔާރުވެލިއެވެ. ހެނދުނުގެ ބަސްތައް މި ނޫންވަރެއް ނުވެއެވެ. އަބަދުވެސް ފުރިބާރުވެފައެވެ. އެކަމަކުވެސް އަނާމްއަށް އެއީ ހަމަޖެހުމެކެވެ. އޭނަ ކޮޅަށް ހުރެގެންވެސް އެހެން މީހަކަށް އިށީންނަން ދެވުނީމަ އޭނަ އުފާވެއެވެ. މީހުންނަށް އޭނާ އެނގެން އޭނަ ބޭނުންވަނީ އެފަދައިންނެވެ.
ގެއިން ނުކުތްއިރުވެސް ވިއްސާރަކަން އަނާމްއަށްވެސް އެނގެއެވެ. އެކަމަކުވެސް އަނާމް ލާން ކަނޑައެޅީ ކުލަ މަޑުވެފައި ކުލަ އަލިހެދުމެކެވެ. ފައިކުރި ފުޅާ، ގަޔަށް ދޫ ހުދު ބެލްސްއަކާއި ، އުނަގަނޑަށްވުރެ ތިރިއަށްދާ ، އެންމެ މަޑު ދަނބުކުލައިގެ ގަމީސްޓޮޕަކާއިއެކު، މެލޭޝިޔާގެ ސިލްކު ހުދު ޝޯލް އަކުން ބުރުގާ އަޅައި ރީތިވެގެން ހުރި އަނާމް ފެނުމުން އޭނައާއެކު ބަހުން ފޭބިމީހުންނަށްވެސް އޭނައަށް ޝައުގުވެރިކަމާއެކު ނުބަލާ ނުހުރެވެއެވެ. އިންޗިއެއްހާ ފުޅާ ހުދު ބެލްޓެއް އަޅާފައި ހުރުމުން ހެދުމުގެ ސްޓައިލް އިތުރަށް ރީތިކޮށްދެއެވެ. ދިވެހިންގެ ޢާއްމު ބަހުންނަމަ އެންމެ ދޮނޭ ބުނާވަރެއް އަނާމް ނުވެއެވެ. އެހެންނަމަވެސް ގައިގެ ކުލަ އަލިވެފައި ސާފު ރީތި މޫނެއްގެ ވެރި އަނާމް އެ ހެދުމުގައި އެހެން އެންމެންގެ ތެރޭގައި ދިއްލިފައި ހުރި ފަދައެވެ.
މަގުގެ ދެކޮޅު ބަލާފައި އަނާމް އަމީނީމަގުން ހުރަސްކުރަން ހިނގައިގަތުމުން ގަދަ ވަޔާއެކު އަންނަ ހިމަފޮދު ވާރޭ އަނާމް ތެންމަން ފެށިއެވެ. ކަނާތްފަރާތު ކޮނޑުމަތިން ފަހަތަށް ދިގުކޮށް ދޫކޮށްފައި އޮތް ބުރުގާގެ ކަން، ވަޔާއެކު ނަށަނަށާފައި އުޅެއެވެ. ނަގައިގެން ހުރި ކުޑައިން އެއްކޮށް ހިޔާނުވެއެވެ. ދިގު ދެފައިގައި ހަރުވާޅު ތަތްވާ ވަރަށްވުރެން ދޫ ބެލްސެއް ލައިގެން ހުރުމުން އަނާމްއަށް އެ ކަންބޮޑުވުމެއްވެސް ނެތެވެ. މުށިކުލައިގެ އޮފީސް ބޫޓުގައި ވަރަށްވެސް ފަރިތަކަމާއެކު ، ކުރިންވެސް ހުރި ހިނިތުންވުމުގައި ހުރެގެން ބާރުބާރަށް ގޮސް މަގުހުރަސްކޮށް ކަނާތްފަރާތަށް އަނާމް އަރައިފިއެވެ. އުފާވެރިކަން ނޫން އިހްސާސެއް އަނާމް ނުދަންނަ ކަހަލައެވެ.
ޕޭމަންޓް މަތިން ގޮސް މިފްކޯ ގޯޅިއަށް އަޅާލަން އުޅުނު ވަގުތު ވަރަށް ބޮޑަށް އަނާމް ސިހިގެން ގޮސް ފަހަތަށް ނުވެއްޓުނީ ކިރިޔާއެވެ. އަނާމްގެ އަތުގައި ވަރަށް ބާރަށް މީހަކު ހިފަހައްޓައިފިއެވެ. އަތުގެ ކުޑަހުޅާ ދިމާލުން ހިފިގޮތް ބާރުކަމުން އަނާމްއަށް ހުއްޓެވުނީ ލިބުނު ސިހުމަކާއެކުގައެވެ.
"އަތްދިޔޯއި، ކޮން ކަމެއް ދެން ތީ؟" އަނާމްއަށް ވީ ތަދު އޭނައަކަށް ސިއްރެއް ނުކުރެވުނެވެ. އިވުނު މި އަޑަށާއި ފެނުނު އެ މަންޒަރުން، އަނާމްއާއެކު ބަހުން ފައިބައިގެން ހިނގަމުން ދިޔަ އެންމެންވެސް ހުއްޓި ބަލަން ފެށިއެވެ. އެކަމަކު ވެހެމުންދާ ބޯ ވާރޭގެ ސަބަބުން، އެ އެންމެންނަށްވެސް މަޖްބޫރުވީ ނުހުއްޓި ކުރިއަށް ދާށެވެ. ވާރެއިން ސަލާމަތްވާށެވެ.
"ކީއްވެތަ ފޯން ނުނެގެނީ؟ ފަތިހުއްސުރެން ގުޅާއިރު ގައިމު ތި ފޯން ނުފެނިއެއް ނުހުންނާނެއެއްނު؟" ދޫކޮށްލުމަށް އަނާމް އެދުނު ނަމަވެސް ، ޖީއެން ސައިކަލެއްގެ މަތީގައި އިން އެ ޒުވާނާ ސައިކަލުން ފޭބީވެސް އަނާމްގެ އަތުގައި ހަމަ އެހެން ހިފަހައްޓައިގެން ހުރެއެވެ.
"ދެން އަޅެ، މީ މަގުމައްޗޭ، އަތުން ދޫކޮށްލާފަވެސް ވާހަކަދެއްކޭނެނު؟" އަނާމްގެ އަޑުގައި ވަނީ ހިތްހަމަނުޖެހުމެވެ. ބިރެއް ސިހުމެއް ނެތެވެ. އާދަވެ ކުރެވޭ ތަޖްރިބާއެއްފަދައެވެ.
"ކިތައްދުވަސް ވެއްޖެކަން އެނގޭތަ ތިހެން ބުނާއިރު؟ ތިން ދުވަސް. ތިން ދުވަސް މިވަނީ ތި ފޯން ހިއްލާނުލެވޭ. ކިހިނެއްވެގެންތަ ތި އުޅެނީ؟" އަނާމްގެ އަތުގައި ހިފައިގެން ހުރި ދިމާލުން ރަތްވެ އަރަމުން ދެއެވެ. އެ ގައިދުން ސަލާމަތްވާން އަނާން މަސައްކަތް ކުރެއެވެ. އެހެންނަމަވެސް އެކަމެއް ނުވެއެވެ.
"ޕްލީޒް، ދޫކޮށްލަބަލަ، މަގުމަތީގަ މިހެން އުޅޭކަށް އަހަރެން ބޭނުމެއް ނޫނޭ. ޕްލީޒް" މަޑުއަޑަކުން އަނާމް އެދެމުން ދިޔައެވެ.
ނަގައިގެން ހުރި ކުޑަ އަރިކޮށްލައިގެން، މީހުންގެ ސަމާލުކަމަށް އެމީހުން ނައިސްވޭތޯ އަނާމް ބަލައެވެ. ނަމަވެސް އެ ކުޑައަކީ ސެލޯފިންގަނޑެއްފަދައިން ދެފުށް ފެންނަ ކުޑައެކެވެ. ވާރޭ ނޫން އެއްވެސް ނިވަލެއް ނެތެވެ. މަގުމަތިން ދާހާ ބަޔަކު ބަލަނީއެވެ. ކިތަންމެ ވިއްސާރަޔަސް ގުގުރިޔަސް، މިހާރު އެ ފެންނަ މަންޒަރުން މީހުންނަށް ނުބަލާ ނުދެވެއެވެ.
"އެހެންތަ ހީކުރީ؟ އަރާ ހަމަ މިހާރު. ފެންވަރު އޮޅިގެން ތި އުޅެނީ." އަނާމްގެ އަތުން ދޫކޮށްލުމުގެ ބަދަލުގައި ، ކުރިޔަށްވުރެން ބާރަށް އަނާމްގެ އަތުގައި ހިފައި ދަމާފައި ގެންގޮސް ސައިކަލްމައްޗަށް ގަދަކަމުން އަނާމް އެރުވިއެވެ. މަގުމަތިން ދުއްވާފައި ދިޔަ މީހުންނާއި ހިނގާފައި ދިޔަ މަދުބަޔަކުވެސް ބެލިއެވެ. އެކަމަކު އެއްވެސް މީހަކަށް އެއްކަމެއްވެސް ކޮށްނުދެވުނެވެ. އެއީ އޭނަ އެހީއަށް ނޭދޭތީބާއޭ އަނާމް ހިތަށް އެރިއެވެ. އެކަަމަކު އެދުނުނަމަ ވާނެގޮތްވެސް އޭނައަށް އެނގެއެވެ.
ސައިކަލަށް އަރާ އެ ޒުވާނާ ސައިކަލް ސްޓާޓްކޮށްލިއެވެ. އޭރުވެސް އަނާމް އިނީ ކުޑަ ނަގައިގެންނެވެ. އެ ޒުވާނާއަށް އެކަން ފާހަގަ ކުރެވުނީ ހަމަ ދެންމެ ކަހަލައެވެ. އަތުން ޖަހައި އެ ރީތި ކުޑަވެސް މަގުމައްޗަށް އެއްލާލިއެވެ. ހީވެސް ނުކޮށް އިންދާ އެހެން ހެދުމުން އަނާމްއަަކަށް ކުޑަ ނުހިފެހެއްޓުނެވެ. ވެހޭ ބޯވާރެއިން އަނާމް ތެމިފޯވާކަށް މިނެޓެއްވެސް ނުނެގިއެވެ. ފަސްއެނބުރި ބަލާލިއިރު ވަޔާއެކު އެ ރީތި ކުޑަ މަގުމަތީ އެތަން މިތާ ތެޅެމުން ޖެހެމުން ، ވަޔާއެކު އަމީނީމަގުން އޮވެގެން ދަނީއެވެ. އެއީ އަނާމްގެ ދޮންބެ އިހަށްދުވަހު ކޮރެއާއިން ގެނެސްދިން ކުޑައެކެވެ. އޭނަ އެންމެ ލޯބިވާ ކުޑައެވެ. އެވެސް އެ ހަލާކުކޮށްލީއެވެ. އަނާމްގެ ހިތްހަމަނުޖެހުން ބޮޑުވިއެވެ.
ވާރެއިން ތެމިފައި ހުރިނަމަވެސް، އަނާމްގެ ލޮލުން ކަރުނަ ހިލުނެވެ. ހިތްވަރުކޮށްފައި އަނާމް ހިންދިރުވާލިއެވެ. އެވަގުތު ވާހަކައެއް ދެއްކުމަކީ ބޭކާރު ކަމެއްކަމަށް އަނާމް އަށް ގަބޫލުކުރެވޭތީއެވެ.
** ** ** ** **
އަނާމްގެ އިންތިޒާރުގައި އޮފީހުގައި އިން އަނާމްގެ އެކުވެރި ސަރާ އާއި ހުމާ އިންތިޒާރު ކުރަމުން ދަނީ އަނާމް އަށެވެ. އަނެއްކާވެސް ގަޑިބަލާލިއެވެ.
"ޔަގީން ޖިންނި އަވަލީ. އެހެން ނޫންނަމަ މިހާރު އަނޫއަށް އާދެވިދާނެ." ވަރަށް ޔަގީންކަމާއެކު ހުމާ ބުނެލިއެވެ.
"އަހަންނަށްވެސް ހީވަނީ ތިހެން. ގައިމު ގެއިން ނުކުންނަމުން ބުނިވިއްޔަ ދޯ؟ އާދެވޭހާއިރު ވެއްޖެ މިހާރު." މިހެން ބުނެފައި ސަރާ ތެދުވެގެން ހިނގައިގަތީ މޭޒުމަތީ ހުރި ކޮފީ ބޯ މަގު ހިފައިގެން ސައިކޮޓަރިއަށެވެ. ފަހަތުން ހުމާވެސް ގޮސް ވަދެއްޖެއެވެ.
"އަސްލު އަނޫއަށް ކިއްވެގެންތަ އޭނަ ކަމާބެހޭފަރާތަކާ ހަވާލުކުރަން ނުކެރިގެން އެ އުޅެނީ؟ އަހަންނަށް ވަރަށް ބޮލަށް އުނދަގޫވޭ. އަނޫއަށްވެސް އެބައެނގޭ އެއްދުވަހުން އަނެއްދުވަހަށް އޭނަގެ ކަންތައްވަނީ ނުބައިކަން." ފެންޖަގަށް ކަރަންޓް ދިނުމަށްފަހު ސަރާ އައިސް ގޮނޑީގައި އިށީނެވެ.
"އަނޫ ވެސް ވިސްނާ ތިކަމާ، އެކަމަކު އެމީހާގަނޑު ކޮށްފާނެ ކަމަކަށް ބިރުން ކަންނޭނގެ ...." ހުމާއަށް ހާމަކުރެވުނީ އޭނަގެ ވިސްނުން ހުރި ގޮތެވެ. އަބަދުވެސް ހުމާއަށް ފެންނަނީ އަނޫގެ ލޯބިވެރިޔާއަކީ ނުރައްކާތެރި މީހެއްގެ ގޮތުގައެވެ.
"ކޮން ބިރެއްތަ ގަންނަންވީ. އިނދެގެން އުޅނީކީ ނޫނެއްނު. ފޫހި ފިރިހެނެއް ހުވާ މިބުނީ. " ސަރާ ވަރަށް ހިތްހަމަ ނުޖެހުނެވެ.
ސަރާގެ މިވާހަކައަށް ހުމާއަށްވެސް ބޯ ޖަހާލެވުނެވެ. ދެއެކުވެރިންނަށްވެސް ތިބެވުނީ އެމީހުންގެ ލޯބިވާ އެކުވެރިޔާއާއިމެދު ވިސްނާލާށެވެ.
"އެކަލޭގެޔާ ރައްޓެހިވިތާ ނުވެސް ވެޔޭ ދޯ ދުވަސްތަކެއް. އެއްކަލަ ހުސެން އާއި ރައްޓެހިވެގެން އުޅެނިކޮށްނެއްނު މި ފާރިޝް އައިސް ވަދެގަތީ. އެނަން ކިޔާ ކޮންމެ ފިރިހެނަކުވެސް އަޅެ ހަމަ އެކަހަލަ މީހަކަށް ވަނީތަ؟" ފާރިޝްއާއި އަނާމްގެ އެ ގުޅުމަށް އެންމެ ބޮޑު ހިތްހަމަނުޖެހުމެއް އަބަދުވެސް ފާޅުކުރަނީ ސަރާއެވެ. ކިތަންމެ ސިފަ ރީތިވިޔަސް ފާރިޝްއަކީ އިންސާނެއްގެ ސިފައިގައި ހުރި ފުރޭތައެކޭ އަބަދުވެސް ސަރާ ބުނެއުޅެއެވެ.
** ** ** ** **
އަނާމް ގޮވައިގެން ދިޔަ ފާރިޝް ސައިކަލް މަޑުކުރީ އަނާމް ހީކުރިހެން ފާރިޝްގެ ގޭދޮށަކަށް ނޫނެވެ. ސައިކަލް ގޮސް މަޑުކުރީ އާޓިފިޝަލް ބީޗް ސަރަޙައްދުން ބޭރު މަގަށެވެ. ވައިގަދަވެ ވާރޭ ބޯވެ، ސައިކަލް ކުރިޔަށް ނުދުއްވިގެން މަޑުކުރީޔޭވެސް އަނާމްގެ ހިތަށް އަރައެވެ. އެހާވެސް ވައިގަދައެވެ. ވާރޭ ވެހެނީވެސް ކުރިއަށްވުރެ ބޯކޮށެވެ.
ސައިކަލް ޕާކް ކުރެވުނުގޮތްވެސް ނޭނގެއެވެ. ބީޗްއާއި ވީދިމާލަށް، ގާފޮޅުން އެތެރެއަށް ވަންނަން ފާރިޝް ދިޔައީ އަނާމްގެ އަތުގައި ހިފައިގެން ދުވެފައެވެ. އަނާމްއަށްވެސް ފާރިޝްއާއެކު ޖެހުނީ ދުވާށެވެ. ދެމީހުންވެސް ތެމޭނެ އިތުރު ތެމުމެއް ނެތެވެ. އެކަމަކުވެސް ވާރެއިން ސަލާމަތްވާން ދުވާ ބައެއްފަދައިން ދުވެފައި ގޮސް ފާރިޝް މަޑުކޮށްލީ އާޓިފިޝަލް ބީޗްގެ އެންމެ ގަސްބޯ ހިސާބުން ގަހެއްގެ ދަށުގައެވެ. އެދިމާލުގައި ދެޖޯލީގެ ޖޯލިފައްޗެއްވެސް ހުއްޓެވެ. އެހެންނަމަވެސް އެތާގަ އިށީންނަ ޚިޔާލެއްވެސް ފާރިޝްގެ ނެތެވެ. މޫނުން ފެންތައް ފޮހެމުން ދިޔައިރުވެސް ހުރީ އަނާމްގެ އަތުގައި ހިފައިގެންނެވެ.
"ކީއްވެގެންތަ މަންމަ ކައިރިއަށް ދާށޭ ބުނީމަ ނުދިޔައީ؟" ފާރިޝްގެ ރުޅީގެ އަސްލު ސަބަބަކީ އެއީކަން އަނާމްއަށް މާކުރިންވެސް އެނގެއެވެ.
"އަހަރެން ބުނީމެއްނު ދާނަމޭ." އަނާމް މަޑުމަޑުން ބުނެލިއެވެ. އިނގިރޭސި ބަހުންނެވެ. އަދި އަނެއްފަރާތަށް މޫނު އަނބުރާލެވުނެވެ. އަނާމްގެ މި ޙަރަކާތުން ފާރިޝްގެ ރުޅި އިހަށްވުރެވެސް ގަދަވިއެވެ.
"އެހެންތަ؟ ކޮން ދުވަހަކު؟" ކުއްލިއަކަށް އަނާމްގެ ކުރިމައްޗަށް އަރައި އަނާމްގެ ދެކޮލަށް ފިތާފައި އަނާމްގެ މޫނު އޭނައާއި ދިމާލަށް ފާރިޝް އަނބުރާލިއެވެ.
ވީތަދުންނާއި ސިހުނު ވަރުން އަނާމްއަކަށް ވާހަކައެއް ނުދެއްކުނެވެ. މަސައްކަތްކުރެވުނީ ފާރިޝްގެ އަތް އޭނަގެ މޫނުން ނެއްޓުވޭތޯއެވެ.
"ކާކަށް ތުއިދެއްކެންތަ ތިއުޅެނީ؟ ކަލޭގެ ދޮންބެއެއް ނާންނާނެ މިތަނަކަށް ކަލޭ ސަލާމަތްކުރަން؟" ކުރިޔަށްވުރެ ބޮޑަށް އަނާމްގެ ދެކޮލަށް ފިތައި ދަތްތަކަށް ބާރުކޮށްލާފައި ފާރިޝް ބުނެލިއެވެ. އަދި ހަމަ ޖެހިގެން އައި ހިނދުކޮޅުގައި އަނާމްގެ މޫނުން ދޫވެސް ކޮށްލައިފިއެވެ.
"ވަޓް އިޒް ރޯންގ ވިތު ޔޫ؟" އަނާމްއަށް ރުޅިއާދެވުނެވެ. ތަދުހިފާފައި ހުރި ދެކޮލުގައި އަތްއަޅާލެވުނެވެ. އަނާމްގެ ވައަތް އަދިވެސް އޮތީ ފާރިޝްގެ ގައިދުގައެވެ. ހިފެހެއްޓިފައެވެ.
"ވަޓްސް ރޯންގ ވިތު މީ؟ މީ؟ ފުރަތަމަ ކަލެއަށް ކަންތައް ކުރެވޭގޮތާއި ދޭތެރޭ ވިސްނާލަބަލަ. ފޯން ނުނަގައޭ އަހަރެން ފުރައިގެން ދިޔައީއްސުރެން. ދަމުންވެސް ބުނިން މަންމަ ކައިރިއަށް ދާށޭ. ބުނިން އައިއްސަ މެރީކުރަން ޖެހެއޭ. ޑިޑިންޓް އައި؟ ހޫމް؟ ނުބުނަންތަ އަހަރެން؟ އެކަމަކު ދިޔައިންތަ؟ މަންމަ ކޮންމެ ދުވަހަކު އެ ވާހަކަ ދައްކާ. އެކަމަކު ކަލޭގެ ތި އަގުބޮޑު ފޯން ހިއްލާލެވިގެނެއްނު މަންމައަށް އެއްޗެއް ބުނެވޭނީވެސް. ކީއްވެ މަންމަގެ ކޯލްތަކަށް ޖަވާބު ނުދިނީ؟" ފާރިޝްގެ އަޑުގަދަވެ ހަޅޭކަކަށް ބަދަލުވެގެން ދިޔައެވެ.
އަބަދުގެވެސް އާދައެވެ. އަބަދުވެސް ކަންތައް ވާގޮތެވެ. އަނާމްއަކަށް އެކަން އާ ކަަމަަކަށް ނުވިއެވެ. ބޯވާރެއާއި ވައިގެ ތެރޭގައި އެހިސާބު ކައިރިންވެސް މީހަކު ފެންނަން ނެތުމުން އަނާމް ގަސްތުކުރީ ފާރިޝްގެ އެއްވެސް ޙަރަކާތަކަށް މާބޮޑަށް އަޅާނުލުމަށެވެ. ހިތްފުރެންދެން ހަޅޭއްލަވަން ފާރިޝް ހުރިޔަދޭށެވެ. އަނާމް ހިތަށް އެރިއެވެ.
"ކީއްވެހޭ؟ ކަލޭގެ ތި ރަން ސިކުނޑީގައި ހިނގާއެއްޗެއް އެނގިގެން ދޯ ހަދަންވީގޮތެއް އެނގޭނީ؟" ފާރިޝްގެ ބަސްމަގުގެ ހުރިގޮތުން އަނާމްއަށް އަނެއްކާވެސް އަނެއް ފަރާތަށް ބަލާލެވުނީ ފޫހިވެގެންނެވެ.
"ކިތައްފަހަރު ބުނަން ޖެހެނީ؟ ޖަސްޓް ލީވް މީ އެލޯން." ކުއްލިއަކަށް ފާރިޝް އާއި ހަތަރުކަޅި ހަމަކޮށްފައި އަނާމް ބުނެލިއެވެ. ނަފްރަތާއި ހިތާމައިން ފުރިފައި ހުރި ދެލޮލަކުން ސާބިތުކަމާއެކުގައެވެ.
ހިނދުކޮޅަކަށްވިޔަސް ފާރިޝްގެ ބަސްހުސްވިއެވެ. ޙަރަކާތަށް ހުއްޓުމެއް އައެވެ. ފާރިޝްގެ އެ ހިމޭންކަމާއި ދޭތެރޭ ވިސްނަންވީ ކިހިނެއްކަންވެސް އަނާމްއަކަށް ނޭނގުނެވެ.
ކުއްލިއަކަށް އަނާމްގެ އަތުގައި ހިފައިގެން ފާރިޝް ހިނގައިގަތީ އެތަނަށް ވަދެގެން އައި ދިމާލަށެެވެ. ސައިކަލަށް އަރަން ދަނީކަން އަނާމްއަށް ވަގުތުން ވިސްނައިގަނެވުނެވެ.
"ނޯ. ދޫކޮށްލާ. ނުދާނަން. ޖަސްޓް ލީވް މީ " އަނާމް ހަޅޭއްލަވައިގަތެވެ. ވާން އުޅެނީ ކިހިނެއްކަން އަނާމްއަށް އެނގިއްޖެއެވެ. މީގެ ކުރިންވެސް ފާރިޝް ހުރީ އެފަދަ ކޮންމެ ޙާލަތްތަކުގައި ގަދަކަމުން ފާރިޝްގެ ގެއަށް އަނާމް ގެންގޮސް ކޮޓަރީގައި އޭނަ ބަންދުކޮށްގެން އޭނައަށް އަނިޔާ ދީފައެވެ. އެކަމަކު ދެނެއް އެ ފުރުޞަތު ފާރިޝްއަކަށް އޭނަ ނުދޭނެއެވެ. މި ޢަޒުމަކީ އަނާމް މީގެ ދެތިން ދުވަސްކުރިން ކަނޑައެޅި ޢަޒުމެއް ކަމަށްވިޔަސް އޭނަ ސާބިތުވާނެއެވެ. ހިތާހިތާ އަނާމް ހިތްވަރު ގަދަވެލިއެވެ.
ފާރިޝްގެ އެންމެ އަތަކުންވެސް ފާރިޝްއަށް އަނާމް ކޮންޓްރޯލް ކުރެވެއެވެ. އަނާމްގެ ބާރުގަދައެއް ނުވިއެވެ. ދަމާފައި ކަހަލަ ގޮތަކަށް އާޓިފިޝަލް ބީޗް ސަރަޙައްދުން އަނާމް ގެންދިޔައެވެ. ބޮޑުމަގަށް އިންކަނޑާފައި ހުރި ހިސާބުން ވަށައިގެން ރާނާފައިހުރި ފާރުން ބޭރަށް ނުކުންނަން ފާރިޝް ހިނގައިގަތީ އެއްވެސް ވިސްނުމެއް ނެތިއެވެ. މަގުމައްޗަށް ނުކުމެވުމާއެކު ކުއްލިއަކަށް ހުއްޓެން ޖެހުނީ އަނާމްގެ ގައިގައި ސައިކަލަކުން ޖެހުމުންނެވެ. (ނުނިމޭ)
އަލްހަމްދުލިއްލާހި. ފައިނަލީ. ހާދަ އުފާވެއްޖެޔޭ ފަތިސްތަރީގެ އާ ވާހަކައެއް ކިޔާލަބް ލިބުނީމަ އުފާވެއްޖެ ވަރަށް ބޮޑަށް