ފުޑް ސެކިއުރިޓީ ޕްރޮގްރާމްގެ ހަރަކާތްތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތ. ކަނޑޫދޫގައި މިއަދު ފައްޓަވައި ދެއްވައިފި އެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެރަށު ކައުންސިލުގެ އިސްނެގުމާއެކު މިނިސްޓްރީ އޮފް ފިޝަރީޒް، މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރާ ގުޅިގެން އިންތިޒާމުކުރި ކާބޯތަކެތީގެ މައުރަޒު ވެސް ހުޅުވައި ދެއްވާފަ އެވެ.
ފުޑް ސެކިއުރިޓީ ޕްރޮގްރާމް، ކަނޑޫދޫގައި އިފްތިތާހު ކުރެއްވުމުގެ ގޮތުން ރައީސް ވަނީ ކަނޑޫދޫގެ ތިން ދަނޑުވެރިއަކާ ގަސް ހަވާލުކޮށްދެއްވާފަ އެވެ. އަދި ތިމާވެއްޓާ ރައްޓެހި އޯގަނިކް ގަސްކާނާ އާއި ބޭހުގެ ޕެކޭޖް ރައީސް ވަނީ ކަނޑޫދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ހަވާލުކޮށްދެއްވާފަ އެވެ. މިއީ ގަސްތަކަށް ޖެހޭ ބަލިތައް ކޮންޓްރޯލްކުރުމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ ގޮތުން ކެމިކަލްގެ ބަދަލުގައި އެހެން ބާވަތްތައް ކަނޑޫދުއަށް ތައާރަފުކުރުމުގެ ގޮތުން ކުރެވޭ މަސައްކަތެކެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ކުރިޔަށްގެންދާ ސިއްހަތަށް ފައިދާހުރި ކާނާގެ ބާވަތްތައް އުފެއްދުމުގެ ޕްރޮގްރާމަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހެދޭ އަދި ޒަމާނުއްސުރެ ކެއުމަށް ބޭނުންކުރާ ކާނާގެ ބާވަތްތައް އާލާކުރުމާއި، ކާނާގެ ދަތިކަމުގެ ޙާލަތެއް ދިމާވެއްޖެނަމަ، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމި ތިބުމަށް ބޭނުންވާ ކާނާގެ ބާވަތްތައް ފަސޭހަކަމާއެކު ރަށުން ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ މަގްސަދުގައި ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ. ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ގުޅިގެން ކަނޑޫދޫގެ ގޭބިސީތަކަށް ގަސްހަދިޔާކުރުމާއި ކަނޑޫދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް އެގްރޯ ފޮރެސްޓްރީގެ އުސޫލުން ދަނޑެއް އަޅައިދިނުން މީގެ ތެރޭގައި ހިމެނެ އެވެ. މި ދަނޑުގައި ބޭނުންކުރެވޭނީ ސޯލާ ހަކަތަ ބޭނުންކޮށްގެން ފެންދެވޭނެ ޒަމާނީ ފެންދޭ ނިޒާމެކެވެ. އަދި މިއާއެކު ގަސްތަކަށް ބޭނުންވާ ކާނާ ފެނާއެކު ފޯރުކޮށްދެވޭނެ ފާޓިގޭޝަން ނިޒާމެއް މި ދަނޑުގައި ހިމެނެ އެވެ.
ފުޑްސެކިއުރިޓީ ޕްރޮގްރާމްގެ ހަރަކާތްތައް ފައްޓަވައިދެއްވައި ފާޓިގޭޝަން ސިސްޓަމް އިފްތިތާޙް ކޮށްދެއްވުމަށްފަހު ރައީސް ވަނީ ކަނޑޫދޫގެ މިރުސް ދަނޑަކަށް ޒިޔާރަތްކުރައްވައި ދަނޑު ބައްލަވާލައްވާފަ އެވެ.
ކާބޯތަކެތީގެ މައުރަޒު ހުޅުވައިދެއްވުގެ ރަސްމިއްޔާތުގެ ތެރެއިން، އެގްރޯނެޓުން ތައްޔާރުކޮށްފައިވާ ދަނޑުވެރިކަމާގުޅޭ އަތްމަތީފޮތެއް ރައީސް ސޯލިހު ވަނީ ނެރެދެއްވާފަ އެވެ. ކަނޑޫދޫ ކައުންސިލުން އިސްނަގައިގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި ގުޅިގެން މިމަހުގެ 15 އިން 16 އަށް ކަނޑޫދޫގައި ކުރިޔަށްގެންދާ ކާބޯތަކެތީގެ މައުރަޒަކީ ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ ބާވަތްތައް ޕްރޮމޯޓްކޮށް އިސްތިހާރުކުރުމަށާއި އެއްތަނަކުން ފެންނަގޮތް ހެދުމާއި އަދި ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތަކުން ތައްޔާރުކުރާ ކާނާގެ ބާވަތްތައް ދައްކާލުމުގެ ގޮތުން ބާއްވާ މައުރަޒެކެވެ. މި މައުރަޒުގައި ތ. އަތޮޅުގެ ހަތަރު ރަށެއްގެ ސްޓޯލްތަކާއި އެގްރޯނެޓާއި ކަނޑޫދޫގެ ދެ ސްޓޯލެއް ވެސް ހިމެނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ކަނޑޫދުއަށް ކުރައްވާ މިދަތުރުފުޅަކީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ރަސްމީ ޖަލްސާއާ އަދި މި ދެ މުނާސަބާއާ ގުޅިގެން އެ ރަށުގައި ކުރިޔަށްގެންދާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މިއީ ކުރިން ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން ގެންދިޔަ އޯގަސްޓް މަހުގެ 10 ވަނަ ދުވަހުގެ ބަދަލުގައި ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރުމަށް 2020 ވަނަ އަހަރު ރައީސް ނިންމެވިފަހުން ގައުމީ ފެންވަރުގައި ދަނޑުވެރިންގެ ދުވަސް ފާހަގަކުރާ ފުރަތަމަ ފަހަރެވެ.
ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ގައުމީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހަކީ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހެވެ.
ފުޑް ސެކިއުރިޓީ ޕްރޮގްރާމް ރައީސް ފައްޓަވައިދެއްވައިފި ނަމަވެސް އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ ތިޔާ ގޮތަށް ރައީސް މައުމޫނުގެ ވެރިކަމުގައި ލާމު އަތޮޅު ފަޅުރަށެއްގައި ދަނޑުވެރިކަމުގެ ޕްރޮގްރާމެއް ހިންގިއޭ ވޯލްޑް ބޭންކްގެ އެހިގައި 100 މިިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން އެއިން ކުރި އެއްވެސް ފައިދާ އެއް ނެތޭ ތިޔާ ބޭކާރު ޚަރަދު ރާއްޖެތެރެެއަށް ނުކުރާށޭ ރާއްޖެތެރޭ މީހުންނަށް ބަރޯސާ ވެގެން ރާއްޖޭގެ ދަނޑުވެރިކަން ކުރި ނާރާނެއޭ އެކަން ކުރި އަރާނީ މާލެ ސަރަހައްދުގައި ހުރި ފަޅުތައް ހިއްކާ ގޯތިދީ