ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތ. ކަނޑޫދޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފި އެވެ.

ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި، ތ. ކަނޑޫދޫގައި ކުރިއަށްގެންދިޔަ ފުޑް ސެކިއުރިޓީ ޕްރޮގްރާމްގެ ހަރަކާތްތައް ވަނީ ފަށްޓަވައިދެއްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ފަރޓިގޭޝަން ސިސްޓަމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވުމުގެ އިތުރުން، ކާބޯތަކެތީގެ މައުރަޒު ވެސް ހުޅުއްވައިދެއްވާފަ އެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރި ގައުމީ ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާފަ އެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ގައުމީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހަކީ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހެވެ.

ދިވެހިރާއްޖޭގެ ކާނާގެ ޔަގީންކަން ކަށަވަރުކުރުމުގެ ގޮތުން ދަނޑުވެރިންކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމާއި، ދަނޑުވެރިކަމުގެ މަސައްކަތް ރާއްޖޭގެ އިގްތިސާދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމަށްޓަކައި ޒުވާނުންނާއި މަސައްކަތްކުރާ އުމުރުގެ މީހުން ދަނޑުވެރިކަމަށް ޝައުޤުވެރިކުރުވުމުގެ މަގްސަދުގައި ގައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރާއިރު، ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅުވައިގެން ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ނިންމާފައި ވަނީ ދަނޑުވެރިންނާއި އެ މީހުން އުފައްދާ ތަކެއްޗާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ތަފާތު ޙަރަކާތްތައް ހިންގުމަށް މަގުފަހިކޮށްދިނުމަށްޓަކަ އެވެ.