ބުރަކަށީގައި ރިއްސުމަކީ ގިނަ ބައެއްގެ ޝަކުވާ އެކެވެ. އެކިގޮތްގޮތުން ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ސަބަބުން ބުރަކަށީގައި ރިއްސުން ބޮޑުވާއިރު މިކަމަކީ ގޭގައި ވެސް ފަރުވާ ހޯދިދާނެ ކަމެކެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންކަމަށް މިލިޔުމުގައި ބަލާލާނަމެވެ.

ކަސްރަތު ކުރުން

ގަވާއިދުން ކަސްރަތުކުރުމަކީ ބުރަކަށީގައި ރިއްސުން ކުޑަކޮށްދޭ ކަމެކެވެ. އެގޮތުން ގޭގައިކުރާ އާދައިގެ ކަސްރަތު ތަކަކީވެސް މިކަމަށް ލިބޭނެ ލުޔެކެވެ. ނަމަވެސް ގޭގައި ކަސްރަތުކުރަން ފެށުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދަން ވާނެ އެވެ.

ބޮނޑިތާން ކުރުން

ބުރަކަށްޓާއި އުނަގަނޑުގައި ހޫނުފެނުން ނުވަތަ ފިނިފެނުން ބޮނޑިތާންކުރުމަކީ ބުރަކަށީގައި ރިއްސާ ރިއްސުމަށް ގޭގައި ކުރެވިދާނެ ފަރުވާ އެކެވެ. އެގޮތުން 20 މިނެޓާއި 30 މިނެޓާ ދެމެދުގެ ވަގުތު ކޮޅަކަށް ދުވާލަކު ދެފަހަރު ތަދުވާތަނެއްގައި ބޮނޑިތާން ކޮށްލާށެވެ.

ނިދާ ގޮދަޑި ބަދަލު ކުރުން

ނިދަން އޮންނަ ގޮދަޑިއާއި ބޭނުން ކުރެވޭ ބާލީސްތަކުގެ ސަބަބުން ވެސް ބުރަކަށީގައި ރިއްސުން އިތުރުވެ އެވެ. ހަށިގަނޑާ ނުގުޅޭ ގޮދަޑިއެއް ބޭނުން ކުރާނަމަ މިކަން ބޮޑުވެ އެވެ. މީގެ އިތުރުން ނިދާއިރު ބަންޑުން އޮންނަ ނަމަ ވެސް ބުރަކަށީގެ ރިހުން އިތުރުވެ އެވެ.