ދަތުގައި ރިއްސުމަކީ ވޭން ހުރި ކަމެއްކަން އެނގޭނީ އެ ވޭން ތަހައްމަލު ކުރި މީހަކަށެވެ. އަޑު އިވޭ ގޮތުގައި އެއީ ހަމަ ބުއްދިވެސް ފިލައިދާހާ ވޭންހުރި ކަމެކެވެ. ކޮންމެ ކޮންމެ ތާކުން ދަތުގެ ފަރުވާ ލިބޭކަށް ނުހުންނަ އިރު ގޭގައި ކުރެވޭ ކުޑަ ކަމަކުން ވެސް އެކަމަށް ލުޔެއް ލިބިދާނެ އެވެ.

ލޮނު ފެނުން އަނގަ ދޮވުން:

ތާފަނާ ފެން ތައްޓެއްގެ ތެރެއަށް ލޮނުކޮޅެއް އަޅައި އަނގަ ދޮންނާށެވެ. އަނގައިގެ ތެރޭގައި ފެން ދައުރުކުރުން ހިރުގަނޑުގައި އުފެދިފައި ހުންނަ އިންފެކްޝަންގެ އަސަރު ކެނޑި ނުވަތަ އަސަރު ކުޑަވުމުގެ އިތުރުން ދަތުގެ ދޭތެރެތަށް ސާފުވުމަށް އެހީވެދެ އެވެ. އެހެން ކަމުން މިގޮތަށް ހެދުމުން ރިހުން ކުޑަކޮށްދެ އެވެ.

ކަރަންފޫ:

ދަތެއްގައި ރިއްސާ ނަމަ އަނގަޔަށް ކަރަންފުލެއް ލައިގެން ހަފާލީމައި ރިހުމަށް ލުއެއް ލިބޭކަން ފާހަގަވާ ކަމުގައި ގިނަ ބަޔަކު ބުނެ އެވެ. ހިރުގަނޑުގައި އިންފެކްޝަން އުފެދުމުގެ ފުރުސަތު ކަރަންފުލުގެ ސަބަބުން ކުޑަކޮށްދޭނެ އެވެ. ދަތެއްގައި ރިއްސާ ނަމަ ކަރަންފޫ ބޭނުންކުރުމުން، ދަތުގެ ރިހުމުގެ ސަބަބުން އަންނަ އައްސިކަން ވެސް ކަނޑުވައިދޭނެ އެވެ.

ލޮނުމެދު:

ދަތުގައި ރިއްސާ ނަމަ ލޮނުމެދަކީ ވެސް އަވަސް ހައްލެއް ލިއްބައިދޭ އެއްޗެކެވެ. ލޮނުމެދެއް ޗިސްކޮށްފައި ކުޑަކުޑަ ލޮނުކޮޅާ އެއްކޮށްލުމަށްފަހު ރިއްސާ ދިމާލުގައި ހާކާލުމުން ވެސް ލުއިވާން ފަށާނެ އެވެ. މިކަން ކަމަކީ ދަތެއްގައި ރިއްސާ ނަމަ އަމިއްލަ އަށް ކުރެވިދާނެ ކަންކަމެކެވެ.