މުރަނގަ ފަތަކީ ދިވެހިން ކެއުގައި ހިމެނޭ ފަތްޕިލާވެލީގެ ބާވަތްތަކުގެ ތެރެއިން އެންމެ އާންމު އެއް ބާވަތެވެ. މިއީ ހަށިގަނޑަށް ފައިދާ ހުރި ބާވަތެއްކަން ގިނަ މީހުންނަށް އެނގެ އެވެ. އެހެން ނަމަވެސް މުރަނގަ ފަތުން ލިބޭ ފައިދާތަކުގެ ތެރެއިން އަދި ތި އެނގެނީ މަދު މިންވަރެކެވެ.
އިންޑިއާއިން ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި މުރަނގަ ފަތަކީ 300 އަށްވުރެ ގިނަ ބަލީގެ ފަރުވާ ހޯދުމަށް ބޭނުން ކުރެވޭނެ ބާވަތެވެ.
އެގޮތުން ލޭމައްޗަށް ދިއުމާއި ގުލްކޯޒް ލެވެލް އެއްވަރެއްގައި ހިފެހެއްޓުމަށް މުރަނގަ ފަތް އެހީތެރިވެ ދެއެވެ. އަދި ޑައިރިޔާގެ މައްސަލަތައް ދިމާވާނަމަ މުރަނގަ ފަތް މާމުތާއި، ކާށި ކިރާއި އެއްކޮށް ކޮންމެ ދުވަހަކު 2 ނުވަތަ 3 ފަހަރު ބޭނުން ކުރުމުން ޑައިރިޔާގެ މައްސަލަތަކަށް ހައްލެއް ލިބޭނެ އެވެ.
އޭގެ އިތުރުން މުރަނގަ ފަތުގެ ދިޔައާއެކު ކެރެޓް ޖޫސް އެއްކޮށްގެން ބޭނުން ކުރުމުން މިއީ ކުޑަ ކަމުދާނިޒާމުގެ ބަލިތަކަށް ފަރުވާ އެކެވެ. އަދި ކޮލެސްޓްރޯލް ލެވެލް މައްޗަށް ދާ ބޭފުޅުންނަށް ވެސް މުރަނގަ ފަތަކީ ފައިދާ ހުރި އެއްޗެކެވެ.
މުރަނގަ ފަތުގައި ގިނަ އަދަދަކަށް ވިޓަމިން ސީ އަދި ޕޮޓޭޝިއަމް ހިމެނޭ އެވެ. އޭގެ އިތުރުން މުރަނގަ ފަތުގައި ހިމެނޭ ޕްރޮޓީން ޔޯގަޓްގައި ހިމެނޭ ޕްރޮޓީންއަށް ވުރެ 9 ޕަސެންޓް އިތުރެވެ. އަދި ކެރެޓްގައި ހިމެނޭ ވިޓަމިން އޭ އަށްވުރެ މުރަނގަ ފަތުގައި ހިމެނޭ ވިޓަމިން އޭ 10 ޕަސެންޓް އިތުރުވާއިރު ކިރުގައި ހިމެނޭ ކެލްސިއަމަށް ވުރެ މުރަނގަ ފަތުގައި ހިމެނޭ ކެލްސިއަމް 15 ޕަސެންޓް އިތުރެވެ.
އޭގެ އިތުރުން ދޮންކޭލުގައި ހިމެނޭ ޕޮޓޭޝިއަމަށް ވުރެ 15 އިންސައްތަ އިތުރަށް މުރަނގަ ފަތުގައި ހިމެނެ އެވެ. އަދި އޮރެންޖަށް ވުރެ 12 ޕަސެންޓް އިތުރަށް ވިޓަމިން ސީ މުރަނގަ ފަތުގައި ހިމެނެ އެވެ.