ރާއްޖޭގެ ރަށްތަކުގައި އާއްމުކޮށް ހައްދާ ފޭރަކީ ވަރަށް ގިނަ ސިއްހީ ފައިދާތައް އެކުލެވޭ މޭވާ އެވެ. މި ލިޔުމުގައި މި ބަލާލަނީ ފޭރުން ލިބޭ ބައެއް ފައިދާތަކަށެވެ.

ފޭރުގައި ގިނަ އަދަދަކަށް ވިޓަމިން، ޕްރޮޓީން، މިނަރަލް އަދި ފައިބާ ހިމެނެ އެވެ. އާފަލު ނުވަތަ މޭބިސްކަދުރާ އަޅާކިޔާއިރު ފޭރުގައި ހަކުރު ހިމެނެނީ ވަރަށް މަދު މިންވަރަކަށެވެ. ޑައިޓުގައި އުޅުއްވާ ބޭފުޅުންނަށާއި ބަރުދަން ލުއި ކުރަން މަސައްކަތް ކުރާ ފަރާތްތަކަށް ފޭރަކީ ރަގަޅު މޭވާ އެކެވެ.

ހަކުރު ބަލި ހުންނަ މީހުންނަށް ފޭރަކީ ރަގަޅު ބޭހެކެވެ. ފޭރުގައި ހިމެނޭ ފައިބާގެ ސަބަބުން ލޭގައި ހިމެނޭ ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް މަސައްކަތްކޮށްދެ އެވެ.

ފޭރުގައި ގިނަ އަދަދަކަށް ވިޓަމިން ސީ އަދި ވިޓަމިން އޭ ހިމެނެއެވެ. އެހެންކަމުން ފޭރު ވެފައިވަނީ ލޮލުގެ މައްސަލަތައް ހުންނަ ބޭފުޅުންނަށް ވަރަށް ރަގަޅު މޭވާ އަކަށެވެ. އަދި މީގެ އިތުރުން ކެންސަރު ފަދަ ނުރައްވާތެރި ބަލިތަކުން ރައްކާތެރިވެ ތިބުމަށް ވެސް ފޭރަކީ ރަނގަޅު މޭވާ އެކެވެ. ހާއްސަކޮށް އަނގައިގެ ކެންސަރު ޖެހުމުން ދުރުކޮށްދިނުމަށް ފޭރުގައި ހިމެނޭ އެންޓިއޮކްސިޑެންޓްސް އެހީތެރިވެދެ އެވެ. އަދި ވިޓަމިން ސީ ގިނަ އަދަދަކަށް ހިމެނިފައިވާތީ ރޯގާ ޖެހުމުން ދުރުކޮށްދެ އެވެ.

އޭގެ އިތުރުން ހަން ރީތި ކުރުމަށާއި ހަމުގެ އެކި ބަލިތަކުން ދުރުކޮށްދިނުމަށް ފޭރުގައި ހިމެނޭ ވިޓަމިން އޭ، ބީ، ސީ އަދި ޕޮޓޭސިއަމް އެހީތެރިވެ ދެއެވެ.

ލޭ މައްޗަށް ދާ ބޭފުޅުންނަށް ފޭރަކީ ކެއުމުގައި ހިމެނުމަށް ރަނގަޅު މޭވާއެކެވެ. ފޭރުގައި ހިމެނޭ ހައިޕޮގްލާސީމެކް ކިޔާ މާއްދާއެއްގެ ސަބަބުން ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފަހައްޓާ ދިނުމަށް އެހީތެރިވެދެ އެވެ.

ފޭރުގައި ހިމެނޭ ވިޓަމިން ބީ3 އަދި ބީ6 ގެ ސަބަބުން ސިކުނޑިއާއި ނާރުގެ މައްސަކަތަށް އިތުރު ފަސޭހަތަކެއް ލިބިގެންދެ އެވެ. އެގޮތުން ވިޓަމިން ބީ3 ލޭ ދައުރު ކުރުމަށް ފެސޭހަކޮށްދޭ އިރު ވިޓަމިން ބީ6 އަކީ ވިސްނުން ތޫނުކޮށްދިނުމަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ.

މީގެ އިތުރުން ވެސް ފޭރުން ލިބޭ އެތައްފައިދާ ތަކެއްވެ އެވެ. ދަތުގެ މައްސަލަ ހުންނަ ކުދިންނަށް ފޭރު ފަތަކީ ރަގަނޅު ފަރުވާ އެކެވެ. އަދި މީގެ އިތުރުންވެސް ބުރަކޮށް މަސައްކަތް ކުރައްވާ ފަރާތްތަކަށާއި ބަރުދަން ލުއިކުރައްވަން މަސައްކަތް ކުރައްވާ ބޭފުޅުންނަސް ފޭރު ފަންޏަކީ ފައިދާހުރި ބުއިމެކެވެ.