އުތުރުތިލަފަޅު އެއްބަސްވުން ހާމަކުރުމަށް އިންފޮރމޭޝަން ކޮމިޝަރުގެ އޮފީހުން ކަނޑައެޅި މުހުލަތު ހަމަވިއިރުވެސް ޑިފެންސް މިނިސްޓްރީން އެ އެއްބަސްވުން ހާމަނުކުރި

އުތުރުތިލަފަޅު އެއްބަސްވުން ހާމަކުރުމަށް އިންފޮރމޭޝަން ކޮމިޝަރުގެ އޮފީހުން ކަނޑައެޅި މުހުލަތު ހަމަވިއިރުވެސް ޑިފެންސް މިނިސްޓްރީން އެ އެއްބަސްވުން ހާމަނުކުރި އެވެ.

އުތުރު ތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް ހަދަން ސަރުކާރުން އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުން ހަތް ދުވަހުގެ ތެރޭގައި ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ޑިފެންސް މިނިސްޓްރީއަށް އަންގާފައިވަނި އެ މައުލޫމާތު ހޯދުމަށް މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ދިޔަރެސް ނޫހުން ހުށައަޅާފައިވާ ހުށައެޅުމާ ގުޅިގެން އެ އޮފީހުގައި މިމަހުގެ 14ވަނަ ދުވަހު ބޭއްވި އަޑުއެހުމުގަ އެވެ.

އުތުރު ތިލަފަޅު އެއްބަސްވުމާ ގުޅިގެން ދިޔަރެސް ނޫހުން ހޯދަން އެދިފައިވާ މައުލޫމާތު ތަކަކީ:

  • އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގައި އިންޑިއާގެ "ޓެކްނިކަލް" ފަރާތްތަކެއް ތިބޭނެ ކަމަށް ބުނެފައިވާއިރު އެ މީހުން ނިސްބަތްވާ މުއައްސަސާ.
  • އެއްބަސްވުމުގެ ދަށުން އިންޑިއާ މީހުންނަށް ރާއްޖޭގައި ތިބެވޭނެ މުއްދަތު.
  • އެއްބަސްވުމުގެ ދަށުން "ޓެކްނިކަލް" މީހުންގެ ގޮތުގައި ތިބޭނޭ އިންޑިއާގެ ކިތައް މީހުންކަން.
  • އެއްބަސްވުމުގެ ދަށުން ދީފައިވާ 50 މިލިއަން ޑޮލަރުގެ ލޯނުގެ އިންޓަރެސްޓް ރޭޓާއި އަނބުރާ ދައްކަން ޖެހޭ މުއްދަތު އަދި އެފަދަ އެހެނިހެން ތަފްސީލު
  • އެއްބަސްވުމުގެ ދަށުން އަންނަ "ޓެކްނިކަލް" ފަރާތްތަކަށް ޑިޕްލޮމެޓިކް އިމުނިޓީ ލިބޭނެނަމަ އެކަމުގެ ތަފްސީލު.
  • އެއްބަސްވުމުގެ ދަށުން އަންނަ "ޓެކްނިކަލް" ފަރާތްތަކުގެ އެކޮމޮޑޭޝަން، ކެއުމުގެ ހަރަދު، އަދި އެހެނިހެން ހަރަދުތައް ދިވެހި ސަރުކާރުން ބަލަހައްޓާނަމަ އެކަމުގެ ތަފްސީލު

މިމައުމޫލާތުތައް ކަނޑައެޅިފައިވާ މުއްދަތުގައި ހާމަކޮށްފައި ނުވާއިރު އެކަމާގުޅޭގޮތުން ޑިފެންސް މިނިސްޓްރީން އެއްވެސް އެއްޗެއް ބުނެފައިނުވެ އެވެ.

މީގެ ކުރިންވެސް ދިޔަރެސް ނޫހުގެ ފަރާތުންވަނީ މިމައުލޫމާތުތައް ހޯދުމަށް އެދިފައެވެ. ނަމަވެސް އޭރުވެސް ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ އެއެއްބަސްވުމުގައިވާ އެއްވެސް މައުލޫމާތެއް ހާމަކޮށްފިނަމަ އިންޑިޔާއާއި ޜާއްޖޭގެ ގުޅުމަށް ބުރޫ އަރާނެ ކަމަށާއި ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށެވެ.

އުތުރު ތިލަފަޅު އެއްބަސްވުން ރައްޔިތުންގެ މަޖިލީހަށްވެސް އަދި މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށްވެސް ހިއްސާކޮށްފައި ނުވެ އެވެ. އުތުރުތިލަފަޅު އެއްބަސްވުމުގެ ޑްރާފްޓެއް މީގެ ކުރިންވަނީ މީޑިއާގައި ލީކުވެފަ އެވެ. އެ ޑްރާފްޓުގައި ބުނާގޮތުން އިންޑިއާގެ ހަތިޔާރު އެޅި ސިފައިންނަށް އެތަނުގައި ތިބެވެ އެވެ. އަދި އުތުރުތިލަފަޅުގައި ޤާއިމްކުރާ ވަސީލަތްތައް އިންޑިއާގެ އަސްކަރިއްޔާއަށް ބޭނުން ކުރެވެ އެވެ. މިކަންކަމާއި ގުޅޭގޮތުން ސަރުކާރުން ސީދާ ޖަވާބެއް ދީފައިނުވެ އެވެ.