ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް ގެނެސްފައިވާ އެމްބިއުލަންސްތައް ކުރިއަށް ތިން ދުވަސް ތެރޭގައި އަތޮޅުތެރެއަށް ފޮނުވަން ފަށާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ އަތޮޅު ތެރޭގައި ބޭނުން ކުރުމަށް އެސްޓީއޯ މެދުވެރިކޮށް ގެންނަ 20 އެމްބިއުލާންސްގެ ފުރަތަމަ ޝިޕްމަންޓް މިހާރު ގެނެވިފައިވާ ކަމަށެވެ. އަދި އެމިނިސްޓްރީން ދަނީ އެމްބިއުލާސްތައް އަތޮޅުތެރެއަށް ފޮނުވުމަށް އިދާރީގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރަމުން ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެ މިނިސްޓްރީން މިކަން ހާމަކޮށްފައި ވަނީ އެމްބިއުލާންސް ހަލާކުވުމުގެ ސަބަބުން ހދ. މަކުނުދޫގައި ބަލި މީހުން ބަރޯއަށް ލައިގެން ސިއްހީ މަރުކަޒަށްގެންދާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ފެތުރި، ފާޑުކިޔުންތައް އިތުރުވެފައި ވަނިކޮށެވެ.

ހެލްތު މިނިސްޓްރީން ބުނީ އިދާރީގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަކުރުމަށް ފަހު އަތޮޅުތެރެއަށް އެމްބިއުލާންސްތަައް ފޮނުވުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ރަށުގެ ރައްޔިތުން ބުނަނީ އުމުރުން ދުވަސްވީ މީހާ ބަރޯގައި ގެންދިޔައީ އެރަށު ހެލްތު ސެންޓަރުގައި އެންބިއުލާންސެއްގެ ހިދުމަތް ނެތިގެން ކަމަށެވެ. އަދި އެންބިއުލާންސްގެ ހިދުމަތް ނުލިބެނީ ކީއްވެގެން ކަމެއް ނޭނގޭ ކަމަށާއި، އެކަމުގެ އިތުރު އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށް އެރަށު މީހުން ބުނެ އެވެ.

މިފަދަ މައްސަލަތައް އަތޮޅުތެރޭގައި އާންމުވެފައިވާއިރު، އެމްބިއުލާންސް ނެތިގެން މީގެ ކުރިން ވެސް ޕިކަޕްތަކުގަ އާއި އެހެނިހެން ގޮތްގޮތުން ބަލި މީހުން އުފުލަން ޖެހިފައިވެ އެވެ. އަދި ރަށްރަށުގެ ކައުންސިލުން އެމްބިއުލާންސްގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރަށް ހުށަހެޅި ނަމަވެސް އެކަން ނުވެ ގިނަ އަހަރުތަކެއް ހޭދަވެފައިވެ އެވެ.