މިސަރުކާރުން އިންޑިޔާއާއެކު ހަދާފައިވާ އުތުރުތިލަފަޅުގެ އެއްބަސްވުން އިއްޔެ މަޖިލީހުގެ 241 ކޮމިޓީއަށް ދައްކާލާފައިވާއިރު އެ އެއްބަސްވުން އޮތީ ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ނުރައްކާވާގޮތަށްކަން އިތުރަށް ސާފުވެފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

އެކޯލިޝަނުން ނެރުނު ބަޔާނެއްގައިވަނީ ދިިވެހިރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ނުރައްކާވާގޮތަށް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ސޮއި ކުރަމުންދާ އެގްރީމަންޓްތައް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާ ކުރެއްވުމަށް ރައްޔިތުން އެދެމުންދާއިރު، ޑިފެންސް މިނިސްޓަރ މާރިއާދީދީ ސޮއިކޮށްފައިވާ އުތުރުތިލަފަޅުގެ އެގްރީމަންޓް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާ ކުރެއްވުމަށް، އެ ކޮމިޓީއަށް ނުދެއްވުމަކީ އަދި އެ ކޮމިޓީން އެ އެގްރީމަންޓް ހޯދާފައި ނުވުމަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އުތުރުތިލަފަޅުގެ އެގްރީމަންޓް ކަމަށް ބުނާ ލިޔުމެއް ސްކްރީނަކުން ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ދައްކާލުމުގެ ބަދަލުގައި އެ އެގްރީމަންޓްގައި ހުރި މާއްދާތައް ވަކިވަކިން ދިރާސާކުރުމުގެ ފުރުޞަތު ހޯދަން ޖެހޭ ކަމަށާއި އެ އެގްރީމަންޓް، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ނުދިނުމަކީ އަދި ކޮމިޓީން އެ އެގްރީމަންޓް ހޯދާފައި ނުވުމަކީ އުތުރުތިލަފަޅުގެ އެގްރީމަންޓާގުޅިގެން ދިވެހި ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ފަރުވާއެއް ހޯދައިދިނުމުގައި ރައްޔިތުންގެ މަޖިލީހާއި ސަރުކާރު ފެއިލްވެފައިވާކަން ހާމަވާ ކަމެއްކަމަށް ބުނެފައިވެ އެވެ.

"ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ހުށަހެޅި ޕްރެޒެންޓޭޝަނުން އެނގުނުގޮތުގައި އުތުރުތިލަފަޅުގައި އިންޑިއާއިން ބޭނުންވާ ކޮންމެ ދާއިރާއެއްގެ ބަޔަކަށް ޑިޕޮލޮމެޓިކް އިމިއުނިޓީ ދީގެން، ކުރިއަށްއޮތް 15 އަހަރަށްވުރެ ގިނަ ދުވަސްތަކަކަށް ތިބެވޭނެ އެވެ. އިންޑިއާއިން ގެންނަ މީހުންގެ ތެރޭގައި އިންޑިއާ ސިފައިން ނުހިމެނޭކަމަށް ބުނެފައިނުވާއިރު، ޚާއްޞަކޮށް، ދިވެހި އަސްކަރިއްޔާގެ މަރުކަޒެއްގައި އިންޑިއާގެ ސިފައިންނަށް ތިބުމަށް މަގުފަހިވާ އެއްބަސްވުމެއް ހަދައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމެއްނެތި ސޮއިކުރުމަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ފ) ގެ (2) އާ ޚިލާފު ކަމެކެވެ. އެގްރީމެންޓްގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ބާރުތައް ގެއްލޭނެކަން ހާމަވާ ކަމެކެވެ. މިއީ މިކޯލިޝަނުން ނުހަނު ކަންބޮޑުވާ ކަންކަމެވެ."

ކޯލިޝަނުން ބުނީ ކުރިއަށްއޮތް 15 އަހަރަށްވުރެ ގިނަ ދުވަހު އުތުރުތިލަފަޅު ހިންގާނީ އިންޑިއާގެ ހައިކޮމިޝަނަރގެ އިތުރުން އިންޑިއާގެ އިތުރު މީހުން ހިމެނޭ ކޮމިޓީއަކުންކަމަށެވެ. މިހެންވުމުން، ރާއްޖޭގެ ދިފާއީ ބާރުގެ ފުރިހަމަ ބާރު އުތުރުތިލަފަޅަކަށް ނުހިނގާނެ ކަމަށެވެ. އަދި އުތުރުތިލަފަޅަކީ އަސްކަރީ މަރުކަޒަކަށްވާއިރު، އެތަން ހިންގުމުގައި އިންޑިއާގެ ދައުރެއް ބޭއްވުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ.

އުތުރު ތިލަފަޅާބެހޭ އެގްރީމަންޓަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ސޮއިކުރައްވާފައިވާ އެގްރީމަންޓެއްކަމަށް ދެއްކުމަށް އަސްކަރިއްޔާއިން ވަނީ ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވާ ކަމަށާއި މިކަމުން ދޭހަވަނީ ދިވެހި އަސްކަރިއްޔާގެ ތެރެއަށް ސިޔާސީ ނުފޫޒު އިންތިހާއަށް ފޯރުވަމުންދާކަން ކަމަށްވެސް ބަޔާނުގައިވެ އެވެ.

"ރައީސް ޔާމީންގެ ވެރިކަމުގައި ދިވެހި އަސްކަރިއްޔާ ބާރުވެރިކުރުވައި ތަރައްޤީ ކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރައްވާފަ އެވެ ނަމަވެސް، އިންޑިޔާއާއެކު ހަދާފައިވާ އެކްޝަން ޕްލޭންގައި، އުތުރުތިލަފަޅު ތަރައްޤީކޮށް އެތަން އޮޕަރޭޝަނަށް ގެނައުމުގައި އަދި އޭގެ ފަހުންވެސް، އެއްވެސް ގޮތެއްގައި، އެއްވެސް ޤައުމެއްގެ މިލިޓަރީ ސިފައިން އުތުރުތިލަފަޅުގައި ތިބުމަށް އެއްބަސްވެފައެއް ނުވާނެއެވެ. އެފަދަ އެއްބަސްވުމެއްގައި ބޭރުގެ އެއްވެސް ޤައުމަކާއެކު ރައީސް ޔާމީންގެ ސަރުކާރުން ސޮއި ނުކުރެއްވީ ޤައުމުގެ ސިޔާދަތަށް ނުރައްކާވާތީއެވެ. އުތުރުތިލަފަޅު ތަރައްޤީ ކުރެއްވުމަށް ރައީސް ޔާމީން ނިންމަވާފައިވަނީ ދިވެހި ދައުލަތުގެ ވަޞީލަތްތައް ބޭނުންކޮށްގެންނެވެ."

އިންޑިއާއިން ރާއްޖޭގައި އުދުއްސާ ހެލިކޮޕްޓަރުތަކުގެ އެއްބަސްވުން އައުނުކޮށް އަދި ދެ ހެލިކޮޕްޓަރާއެކު އައިސް ތިބި އިންޑިއާ ސިފައިންގެ ވިސާވެސް އައު ނުކޮށް، އެ ދެ ހެލިކޮޕްޓަރާއި ސިފައިން ގެންދިއުމަށް އިންޑިޔާ ސަރުކާރުގައި ރައީސް ޔާމީންގެ ސަރުކާރުންއެނެގެވި ކަމަށާއި އެއީ، ރާއްޖޭގައި ބޭރު ޤައުމެއްގެ ސިފައިން ތިބުމަކީ ޤާނޫނުއަސާސީ ޚިލާފު ކަމަކަށްވެފައި، އެކަމަކީ މިކޯލިޝަނުން ވެސް ތާއީދު ނުކުރާ ކަމަކަށް ވާތީ ކަމަށްވެސް ކޯލިޝަނުން ބުނެ އެވެ.

"2021 ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ފުރިހަމަ ތާއީދާއެކު ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ އިންޑިޔާއާއިއެކު ސޮއިކޮށްފައިވާ އުތުރުތިލަފަޅުގެ އެއްބަސްވުމަކީ ޤާނޫނުއަސާސީއާ ޚިލާފަށް، ދިވެހިޤައުމުގެ މިނިވަންކަމާ ސިޔާދަތު ގެއްލޭގޮތަށް ހަދާފައިވާ، އޭގެ ޒާތުގައި ބާތިލް އެގްރީމަންޓެކެވެ."

ކޯލިޝަނުންވަނީ މި އެއްބަސްވުން އުވާލުމަށާއި ދިވެހިރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ފޮނުވާލުމަށް ދިވެހި ސަރުކާރަށް ގޮވާލާފައެވެ. އަދި ޤާނޫނުއަސާސީއާ ޚިލާފު އެއްބަސްވުމެއް ހަދައި، ރައްޔިތުންގެ މަޖިލީހަށާއި ރައްޔިތުންނަށް ނާންގައި، އެތައް ދުވަހެއްވަންދެން ސިއްރު ކުރުމަށްފަހު، އެކަން ދިފާޢު ކުރުމަކީ ދިވެހި ޤައުމަށް ޚިޔާނާތްތެރިވެ، ޣައްދާރުވެފައިވާ ޚާއިނުންތަކެއްގެ ފިނޑި ޢަމަލެއްކަމަށްވެސް ސިފަކޮށްފަ އެވެ. . އަދި ކޯލިޝަންގެ ވެރިކަމެއްގައި ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ފ) ގެ (2) އާ ޚިލާފަށް ހަދާފައިވާ ހުރިހާ އެގްރީމެންޓްތަކެއް އުވާލާނެ ކަމަށްވެސް ބުނެފައިވެ އެވެ.