ދިވެހިންގެ ތެރޭގައި ކަދުރަކީ ހަމައެކަނި ރޯދަމަހަށް ހާއްސަ އެއްޗަކަށްވެފައި ވީނަމަވެސް ކަދުރަކީ ވަރަށް ގިނަ ފައިދާތަކެއް ހަށިގަނޑަށް ލިބޭ އެއްޗެއް ކަމާމެދު ޝައްކެއް ނެތެވެ. ދީނީ ގޮތުންނާއި ސައިންސްގެ އެހީގައި ކަދުރުގެ މޮޅުކަން މިއަދު މިވަނީ ޔަގީންކުރެވިފަ އެވެ

ހަފްތާއެއް ވަންދެން ދުވާލަކު 3 ކަދުރު ކައިފި ނަމަ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަ ކަމަށް ދިރާސާތަކުން ދައްކަ އެވެ. އެގޮތުން ގޮހޮރުގެ ކެންސަރުން ދުރުކޮށް ދިނުމުގެ އިތުރުން ހަޖަމުކުރުމުގެ ނިޒާމުގެ މަސައްކަތްތައް ފުރިހަމަކުރުމަށް މަގުފަހިވެ ނުރައްކާތެރި ބެކްޓީރިއާ ނައްތާލުމަށް މަސައްކަތް ކޮށްދީ ގޮހޮރުގެ ކެންސަރުން ދުރު ކޮށްދެ އެވެ.

ކަދުރުގައި ހިމެނޭ ގުދުރަތީ ފޮނިކަމާއި ގުލްކޯޒްގެ ސަބަބުން ހަށިގަނޑުގައި ވަރަށް އަވަހަށް ހަކަތަ އިތުރުވެ ވަރު ޖައްސައިދެ އެވެ. މީގެ އިރުތުން ކަދުރުގައި ހިމެނޭ ފައިބާ، ޕޮޓޭސިއަމް، މެގްނޭސިއަމް، ވިޓަމިންގެ އިތުރުން އެންޓިއޮކްސިޑެންޓްގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދެ އެވެ.

މީގެ އިތުރުން ކަދުރުގައި ހިމެނޭ ވިޓަމިން ބީ6 ގެ ސަބަބުން ސިކުނޑީގެ މަސައްކަތް ފުރިހަމަކޮށްދީ މޫޑަށް އަންނަ ބަދަލުތަކާއި ސްޓްރެސް އަދި ޑިޕްރެޝަނުން ސަލާމަތް ކޮށްދެ އެވެ.

އެއާއެކު ފުރަގަސް ފަރާތު ނާރުތައް ބަލިކަށިވުމުގެ ސަބަބުން ކުރިމަތިވާ ފުރަގަސް ފަރާތުގެ ބަލިތަކަށް ކަދުރަކީ ރަނގަޅު ފަރުވާ އެކެވެ. އެގޮތުން ފުރަގަސްފަރާތުގެ ނާރުތައް ވަރުގަދަ ކޮށްދީ، ހަޖަމު ކުރުން ރަނގަޅުވެ ބޮޑުކަމުދާ ނިޒާމުގެ ބަލިތަކުން ދުރުކޮށްދެ އެވެ.

ކަދުރަކީ ސިއްހަތަށް އެހާ ފައިދާހުރި އެއްޗަކަށް ވީއިރު އެއީ ރޯދަ މަސް ނޫނަސް އަހަރުމެންގެ ބަދިގެތަކުން ޖާގަ ލިބޭ އެއްޗަކަށް ހެދުން މޮޅުވާނެ އެވެ.