ހިތުގެ ބައްޔަށް މީހާ ހުށަހެޅުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ އެއް ކަންތައް ކަމަށްވާ ލޭގެ ޕްރެޝަރު މައްޗަށް ދިއުން ކޮންޓްރޯލް ކުރުމަށް ބިހުގެ ލޮނދި ނުވަތަ ހުދު ބައިން އެހީތެރިވެދޭ ކަމަށް ދިރާސާތަކުން ދައްކައިފި އެވެ.
ޗައިނާގެ ޖިލިން ޔުނިވާރސިޓީގެ ރިސާރޗް ޓީމަކުން ހެދި ދިރާސާތަކުން ދެއްކި ގޮތުން ބިހުގެ ލޮނދީގައި ހިމެނޭ މާއްދާއެއް ލޭ މައްޗަށް ދިއުމުން ދުރުކޮށްދެ އެވެ.
ހިތުގެ ބަލިތަކަށް މަގުފަހިވުމުގެ އެއް ސަބަބު ކަމަށްވާ ލޭމައްޗަށް ދިޔުން ދަށްކޮށްދޭ މާއްދާއެއް ކަމަށްވާ ޕެޕްޓައިޑް ނަމަކަށް ކިޔާ މިމާއްދާއިން މީހާގެ ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަމަށް ސައިންސްވެރިން ހާމަކުރެ އެވެ. އެއީ ޕެޕްޓައިޑަކީ ލޭމައްޗަށްދާ މީހުން ބޭނުންކުރާ ބޭހެއްކަމަށްވާ ކެޕްޓޮޕްރިލް ފަދައިން މަސައްކަތްކުރާ އެއްޗަކަށް ވާތީކަމަށް އެމީހުން ބުނެ އެވެ.
ޗައިނާގައި މި ދިރާސާކުރި ފަރާތްތަކުން އެންމެ ފުރަތަމަ “އާރް.ވީ.ޕީ.އެސް.އެލް” ނަންދެވިފައިވާ މި ޕެޕްޓައިޑް ދީފައިވަނީ ލޭގެ ޕްރެޝަރު މަތިވެފައިވާ މީދާތަކަކަށެވެ. އަދި އެ ޓެސްޓުތަކުން ދެއްކި ގޮތުން މީދާތަކުގެ ޕްރެޝަރު ވަނީ ދަށްކުރެވިފަ އެވެ.
ބިސް ކައްކައިގެން ބޭނުންކުރި ކަމުގައިވީ ނަމަވެސް ލޮނދީގައި އެކުލެވޭ ޕެޕްޓައިޑް ތަކުގެ ބާރު އޭގައި އެކުލެވޭނެކަމަށް ސައިންސްވެރިން ހާމަކުރެ އެވެ.
ބިހުގައި ހިމެނޭ ކޮލެސްޓްރޯލް ގިނަވުމުގެ ސަބަބުން ބިހަކީ ސިއްހަތަށް އެހާ ރަނގަޅު ނޫން އެއްޗެއް ކަމަށް ބައެއް ދިރާސާތަކުން ކުރިން ދެއްކި ނަމަވެސް، ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ބިހަކީ އެއިން ލިބޭ ގެއްލުމަށް ވުރެ ފައިދާ ގިނަ އެއްޗެކެވެ.