ރަހުމަތްތެރިންނަކީ އަހަރެމެން އެންމެންގެ ދިރިއުޅުމުގައި ވެސް މުހިއްމު ދައުރެއް އަދާކުރާ ބައެކެވެ. އަދި ރަނގަޅު ރަހުމަތްތެރިން ތިބޭ ނަމަ މީހާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮ ކަމަށް ވެސް އޭގެ ހެޔޮ ފައިދާކުރެ އެވެ.
އެހެން ކަމުން ތިރީގައި މި ބަޔާން ކުރާ އަލާމާތްތަކުގެ ތެރެއިން އަލާމާތެއް މިހާރު ތި ގެންގުޅޭ ރަހުމަތްތެރިންގެ ކިބައިން ފެންނަ ނަމަ އަވަހަށް އެމީހުންނާ ދުރުވާށެވެ.
ތިމާ ކުރާ ކޮންމެ ކަމަކަށް ފާޑުކިޔުން
ތިބާ ފާޅުކުރާ ކޮންމެ ހިޔާލަކާ، ކުރާ ކަމަކާ ދެކޮޅު ހަދާ ފާޑުކިޔުމަކީ މިފަދަ ރަހުމަތްތެރިންގެ އާދައެކެވެ. އަދި ބައެއް ފަހަރު ތިބާ ނިންމާ ނިންމުން ތަކަކީ އޭނާ ބޭނުންވާ ގޮތަށް ނިންމޭ ނިންމުތަކަކަށް ހަދަން މި މީހުން ބާރުއަޅާނެ އެވެ.
ފަހު ވަގުތު ޕްލޭންތައް ކެންސަލް ކުރުން
އާންމުކޮށް ދަތުރަކު ދާންވިިޔަސް، ކާން ދާންވިޔަސް ނުވަތަ ފިލްމެއް ބަލަން ދާން އުޅެފައި ވެސް ފަހު ވަގުތުގައި ކެންސަލް ކުރާނެ އެވެ. އަދި ކެންސަލް ކުރި ސަބަބެއްގެ ގޮތުގައި ކޮންމެވެސް މޮޅު ބަހަނާއެއް ދައްކާނެ އެވެ. އެއް ފަހަރު ނުވަދަ ދެ ފަހަރު މިހެން ވެސް ވެދާނެ އެވެ. އެހެން ނަމަވެސް ތަކުރާރު ވާނަމަ މިކަމާ އަމިއްލައަށް ވިސްނާލުން ބުއްދިވެރި އެވެ.
ސިއްރުތައް ނުހިފެހެއްޓުން
ރަހުމަތްތެރިއެއް ނުވަތަ އާއިލާ މީހެއް ވިޔަސް ތިމާގެ ސިއްރުތައް ކިޔައިދެވޭނީ ލައްކަ އިތުބާރެއް ކުރެވުނީމަ އެވެ. އެހެން ނަމަވެސް މަދު މަދުން މި މީހުން މި ސިއްރުތައް އެހެން މީހުންގެ ކައިރީގައި ހާމަކޮށް ތިބާ އޭ ކިޔައިގެން ސާބިތު ނުހިފޭ ދޮގު ވާހަކަތައް ފަތުރާ ހަދަ އެވެ. އެއް ފަހަރުވެސް ތިބާގެ އިތުބާރު ގެއްލުވާލި މީިހަކަށް ދެވަނަ ފަހަރު އިތުބާރު ނުކުރާށެވެ. އެއް ފުޅައް މަތިން ފުންމާލި ބަކަރި އަނެއް ފުޅައް މަތިން ވެސް ފުންމާލާނެއޭ ބުނަނީ މަޖަލަކަށް ނޫނެވެ.
އެއްފަރާތުގެ ގުޅުމަކަށްވުން
ގިނަ ފަހަރަށް އެމީހުންނަށް ތިބާގެ އެހީތެރިކަމެއް ބޭނުންވެއްޖެ ނަމަ، ތިބާ އެމީހުން ކައިރީގައި ހުންނަން ޖެހެ އެވެ. ނަމަވެސް ތިބާ އެމީހުންގެ މަދަދަށް އެދޭ އިރު އޭގެ ތެރެއިން އެކަކުވެސް ނުހުރެ އެވެ.