އިންޑިއާއެކު ސަރުކާރުން ހަދާފައިވާ އުތުރު ތިލަފަޅު އެއްބަސްވުމުގައިވާ ކަންކަން ރައްޔިތުންނަށް ހާމަކުރަން ޖެހޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ހަސަން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އުތުރު ތިލަފަޅު އެއްބަސްވުމުގައިވާ ކަންކަމުގެ މައުލޫމާތު ސަރުކާރުން ރައްޔިތުންނަށް ސާފުކޮށް ދިނުމަކީ ބޭނުންތެރިކަމެއް ކަމަށެވެ. އަދި ފޮރުވައިގެން ސިއްރު ކަންކަން ކުރަން ނޫޅޭ ކަމާއި، އިންޑިއާގެ އެހީތެރިކަން ސަރުކާރުން ހޯދާ ގޮތްތަކުގެ މައުލޫމާތު ރައްޔިތުންނަށް ސާފު ކޮށްދިނުމަކީ ބޭނުންތެރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އިންޑިއާއާއިން ހޯދަމުންދަނީ ކޮން ބާވަތްތަކުގެ އެހީތަކެއްކަމެއް ދިވެހި ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭ ކަމަށްވެސް ހަސަން ވިދާޅުވި އެވެ.

ހަސަން މިހެން ވިދާޅުވެފައިވާއިރު އެ އެއްބަސްވުން ސަރުކާރުން ވަނީ ސިއްރުކޮށްފަ އެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަމަށްބުން އަދި އެމީހުން ރާއްޖެއިން ބޭރުމަށް ގޮވާލާ އިދިކޮޅުން އިއްޔެ މާލޭގައި ހިނގާލުމެއް ބާއްވާފައިވާއިރު، އެ ހިނގާލުމުގައިވެސް ގިނަ ފަރާތްތަކަކުން ބައިވެރިވެފައިވެ އެވެ. އަދި އިންޑިއާއާއިއެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކުގައި ރާއްޖޭގެ ސަލާމަތަށް ނުރައްވާ އެތައްކަމެއް ހުރިކަމަށް ބުނެ އިދިކޮޅު ފަރާޓްތަކުން ދަނީ އެއްބަސްވުނަތައް ހާމަ ކުރުމަށް ގޮވާލަމުންނެވެ.