ރަހުމަތްތެރިންނަކީ އަހަރެމެން އެންމެންގެ ދިރިއުޅުމުގައި ވެސް މުހިއްމު ދައުރެއް އަދާކުރާ ބައެކެވެ. އަދި ރަނގަޅު ރަހުމަތްތެރިން ތިބޭ ނަމަ މީހާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮ ކަމަށް ވެސް އޭގެ ހެޔޮ ފައިދާކުރެ އެވެ.

އެހެން ނަމަވެސް މިހާރު ތި ގެންގުޅޭ ރަހުމަތްތެރިން ތިމާ ކުރިއެރިޔަ ނުދީ، މަލާމަތް ކޮށް ލަދުގަންނަވާލާ ނަމަ، އިިއުލާނުކޮށްގެން ނަމަވެސް އައު ރަހުމަތްތެރިން ހޯދަން އެބަޖެހެ އެވެ.

އެހެން ކަމުން ތިރީގައި މި ބަޔާން ކުރާ އަލާމާތްތަކުގެ ތެރެއިން އަލާމާތެއް މިހާރު ތި ގެންގުޅޭ ރަހުމަތްތެރިންގެ ކިބައިން ފެންނަ ނަމަ އަވަހަށް އެމީހުންނާ ދުރުވާށެވެ.

ތިމާ ކުރާ ކޮންމެ ކަމަކަށް ފާޑުކިޔުން

ތިބާ ފާޅުކުރާ ކޮންމެ ހިޔާލަކާ، ކުރާ ކަމަކާ ދެކޮޅު ހަދާ ފާޑުކިޔުމަކީ މިފަދަ ރަހުމަތްތެރިންގެ އާދައެކެވެ. އަދި ބައެއް ފަހަރު ތިބާ ނިންމާ ނިންމުން ތަކަކީ އޭނާ ބޭނުންވާ ގޮތަށް ނިންމޭ ނިންމުތަކަކަށް ހަދަން މި މީހުން ބާރުއަޅާނެ އެވެ.

ފަހު ވަގުތު ޕްލޭންތައް ކެންސަލް ކުރުން

އާންމުކޮށް ދަތުރަކު ދާންވިިޔަސް، ކާން ދާންވިޔަސް ނުވަތަ ފިލްމެއް ބަލަން ދާން އުޅެފައި ވެސް ފަހު ވަގުތުގައި ކެންސަލް ކުރާނެ އެވެ. އަދި ކެންސަލް ކުރި ސަބަބެއްގެ ގޮތުގައި ކޮންމެވެސް މޮޅު ބަހަނާއެއް ދައްކާނެ އެވެ. އެއް ފަހަރު ނުވަދަ ދެ ފަހަރު މިހެން ވެސް ވެދާނެ އެވެ. އެހެން ނަމަވެސް ތަކުރާރު ވާނަމަ މިކަމާ އަމިއްލައަށް ވިސްނާލުން ބުއްދިވެރި އެވެ.

މީގެ ކުރިން ތިބާގެ ސިއްރުތައް ހާމަކޮށްފައި ހުރި މީހެއް

ރަހުމަތްތެރިއެއް ނުވަތަ އާއިލާ މީހެއް ވިޔަސް ތިމާގެ ސިއްރުތައް ކިޔައިދެވޭނީ ލައްކަ އިތުބާރެއް ކުރެވުނީމަ އެވެ. އެހެން ނަމަވެސް މަދު މަދުން މި މީހުން މި ސިއްރުތައް އެހެން މީހުންގެ ކައިރީގައި ހާމަކޮށް ތިބާ އޭ ކިޔައިގެން ސާބިތު ނުހިފޭ ދޮގު ވާހަކަތައް ފަތުރާ ހަދަ އެވެ. އެއް ފަހަރުވެސް ތިބާގެ އިތުބާރު ގެއްލުވާލި މީިހަކަށް ދެވަނަ ފަހަރު އިތުބާރު ނުކުރާށެވެ. އެއް ފުޅައް މަތިން ފުންމާލި ބަކަރި އަނެއް ފުޅައް މަތިން ވެސް ފުންމާލާނެއޭ ބުނަނީ މަޖަލަކަށް ނޫނެވެ.

ތިބާއަށް އޭނާ މުހިންމު، އޭނާ އަށް ތިބާ މުހިއްމެއް ނޫން؟

ގިނަ ފަހަރަށް އެމީހުންނަށް ތިބާގެ އެހީތެރިކަމެއް ބޭނުންވެއްޖެ ނަމަ، ތިބާ އެމީހުން ކައިރީގައި ހުންނަން ޖެހެ އެވެ. ނަމަވެސް ތިބާ އެމީހުންގެ މަދަދަށް އެދޭ އިރު އޭގެ ތެރެއިން އެކަކުވެސް ނުހުރެ އެވެ.

މީގެ އިތުރުން ވެސް ނުރަނގަޅު ރަހުމަތްތެރިންގެ ކިބައިން ފެންނާނެ ބައެއް ކަންތަކަށް ބަލާއިރު އަބަދުވެސް "މަޖާ" ކަމެއް ކޮށްލުމުގެ ނަމުގައި ގާނޫނާއި ގަވައިދުތަކާ ހިލާފު ކަންކަން ކުރުމަށް ބާރު އެޅުން ހިމެނެ އެވެ. ވަރަށް އާދައިގެ މިސާލެއް ދައްކާ ނަމަ "ޓްރައި"ކޮށްލަން ނުވަތަ މަޖާ ކަމެއްގެ ގޮތުގައި ރަހުމަތްތެރިޔާއަށް ތައާރަފުކޮށްދިން އެންމެ ސިނގިރޭޓު މިއަދު ދުވާލަކު ފޮއްޓަކަށް ބަދަލުވެފައި ހުރި ތަންވެސް އެބަފެނެ އެވެ.

ނުރަނގަޅު ރަހުމަތްތެރިން ތިބާ އެމީހުންނަށް ވުރެ ކުރިއަރައިގެން ދިއުމުން އެކަމާ އުފަލެއް ނުވާނެ އެވެ. އެހެން ނަމަވެސް ހަގީގީ ރަހުމަތްތެރިންނަކީ ތިބާ ކުރާ ކޮންމެ ކަމެއްގައި ވެސް ތިބާ އަށް އެހީވެ، އެކަމާ އުފާކޮށް، ތިބާގެ ކާމިޔާބީތަކުގެ ހިއްސާދާރުން ވެސް މެ އެވެ.

އެހެން ކަމުން މިހާރު ތި ގެންގުޅޭ ރަހުމަތްތެރިންގެ ކިބައިން އިސްވެ މި ބަޔާން ކުރެވުނު އަލާމާތްތައް ފެންނަ ނަމަ އަވަހަށް "ވައްސަލާމް" ކިޔާލާފައި އެ "ޗެޕްޓަރު ކްލޯޒް" ކޮށްލާށެވެ.