ގިނަ ބަޔަކަށް އެންމެ ކަމުދާ މޭވާގެ ގޮތުގައި ބެލެވޭ އަނބަކީ ރާއްޖޭގައި ވެސް ވަރަށް އާންމު އެއްޗެކެވެ. މީރު މި މޭވާ އަކީ ސިއްހީ ގޮތުން ވެސް ވަރަށް ގިނަ ފައިދާތައް އެކުލެވޭ އެއްޗެކެވެ.

މީގެ ބައެއް ފައިދާތަކަށް ބަލާ އިރު، އަނބަކީ ކޮލޯނާއި އުރަމަތީގެ އަދި ޕްރޮސްޓޭޓް ކެންސަރު ފަދަ ބަލިތަކުން ދުރުކޮށްދޭން އެހީތެރިވެދޭ މޭވާއެކެވެ. ކެންސަރާ ދެކޮޅަށް މަސައްކަތްކުރާ ތަފާތު ގިނަ އެންޓި އޮކްސިޑަންޓްތަކުން މުއްސަނދިވެފައިވާ އަނބު އާންމުކޮށް ކާ ނަމަ، ނުރައްކާތެރި ކެންސަރުގެ ބާވަތްތަކުން މީހާ ރައްކާތެރިކޮށް ދޭނެ އެވެ.

ދިރާސާއެއްގައި ފާހަގަކޮށްފައިވާ ގޮތުގައި ދުވާލަކު އަނބެއް ކާ ނަމަ، އެ ދުވަހަކަށް ބޭނުންވާ ވިޓަމިންގެ 25 ޕަސެންޓް ހަށިގަނޑަށް ލިބުނީ އެވެ. މިކަމުގެ ސަބަބުން ލޮލުގެ ފެނުން ވަރުގަދަކޮށްދެ އެވެ. ހަމަމިއާ އެކު އަނބަކީ ކޮލެސްޓްރޯލް ލެވެލް ވެސް ދަށްކޮށްލާ އެއްޗެކެވެ. މީގައި އެކުލެވޭ ފައިބަރާއި ޕެކްޓިން އާއި ވިޓަމިން ސީ ފަދަ މާއްދާތަކީ ނުރަނގަޅު ކޮލެސްޓްރޯލްތައް ކޮންޓްރޯލްކޮށްދޭ މާއްދާތެކެވެ.

އަނބަކީ ހަންގަނޑު ވެސް ރީތިކޮށް ދީ، މޫނުގައި ނަގާ ބިހި ފަދަ އެއްޗެހިން ވެސް ސަލާމަތްކޮށްދޭ އެއްޗެކެވެ. އެހެންވެ އާދަކޮށް އަނބު ކެއުމަށް ސިއްހީ ތަޖުރިބާކާރުން އިރުޝާދު އެވެ. ވަކިން ހާއްސަކޮށް ހޫނު ދުވަހެއްގައި ތާޒާ އަނބަކުން ފަނި ގިރާލައިގެން ބޯލުމަކީ ވެސް ހަށިގަނޑު ފިނިކޮށްލަދީ، ތާޒާކޮށް ދޭނެ ކަމެކެވެ. އަދި މިއީ މޫޑު ރަނގަޅުކޮށްލަދޭ މޭވާއެއް ވެސް މެ އެވެ.

އަނބުގެ އިތުރު ފައިދާތަކަށް ބަލާ އިރު، މިއީ ހަޖަމު ކުރުމުގެ ނިޒާމަށް ވެސް ފަސޭހަކޮށްދޭ އެއްޗެކެވެ. އާންމުކޮށް ބޭނުން ކުރާ ނަމަ، ބަނޑު ހަރުވުން ފަދަ އުނދަގޫތަކުން ވެސް ދުރުކޮށްދެ އެވެ.