ހުޅަނގުގައި ބޮޑެތި މުއްސަދިން ފަގީރުން ބަލަހައްޓާއިރު، ރާއްޖޭގައި މިއޮތީ ފަގީރުންގެ ފައިސާއިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަލަހައްޓަން ޖެހިފައިކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުމަށް ސަރުކާރުން ހަމަޖައްސަވާ ވަގުތީ ގެކޮޅު "މުރައިދޫގެ" ސަރަހައްދުގައި ރަތް ރޮނގުދަމައި ރެޑް ޒޯނެއް ގޮތުގައި އެ ސަރަހައްދު ކަނޑައެޅުމާ ގުޅިގެން ކުރީގެ ނައިބު ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަޝީދަކީ އަބަދުވެސް ހުޅަނގުގެ މޮޅު ވާހަކަ ދައްކަވާ ބޭފުޅާ ކަމަށެވެ. އަދި ހުޅަނގުގައި ބޮޑެތި މުއްސަދިން ފަގީރުން ބަލަހައްޓާއިރު، ރާއްޖޭގައި މިއޮތީ ފަގީރުންގެ ފައިސާއިން ނަޝީދު ބަލަހައްޓަން ޖެހިފައިކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

"ހުޅަނގުގެ މޮޅު ވާހަކަ ދައްކާ ރައީސް ނަޝީދަށް. އެތަންތަނުގެ މުއްސަނދިންގެ ޓެކްސް ފައިސާއިން ފަޤީރު ރައްޔިތުން ސަލާމަތްކުރަނީ. ރާއްޖޭގައި މިޖެހެނީ ފަޤީރުންގެ ފައިސާއިން މަނިކުފާނު ފަދަ މުއްސަނދިން ބަލަހައްޓަން. މިވެރިކަމުގައި އޮތީ މުޅިންވެސް ވެރިންނަށް މޮޅު ގޮތް ހޯދުންތޯ؟" ޑރ. ޖަމީލު ވިދާޅުވި އެވެ.

މީގެ އިތުރުން ޑރ. ޖަމީލު ވިދާޅުވީ ރަދުންނާ އާންމުންގެ ތަފާތު ދައްކާލާފި ކަމަށެވެ. އަދި ރައްޔިތުން މިހާރު ކުރަމުންދާ މަސްވެރިކަމާއި ދަނޑުވެރިކަން އިތުރުކޮށް، މުއްސަދިން ބެލެހެއްޓޭނެ ގޮތެއް ފަހި ކުރަން ޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިރަދުން ބެލެހެއްޓުމުގެ ބުރަ ވެސް ރައްޔިތުންނަށް. ގިނަ މީހުން މަސްވެރިކަމާއި ދަނޑުވެރިކަން އަދި އެހެން މަސައްކަތް ކުރުން އިތުރުކޮށްގެން ނޫނީ ރަދުންގެ ހުރިހާ ޒަރޫރަތެއް ހަމައެއް ނުޖެއްސޭނެ،" ޑރ. ޖަމީލު ވިދާޅުވި އެވެ.

މުރައިދޫގެ ސަރަހައްދުގައި ރަތް ރޮނގު ސިޓީ ކައުންސިލުން ދަމާފައި ވަނީ އެމްއެންޑީއެފްއިން އަންގައިގެންނެވެ.

މުރައިދޫގެ ސަރަހައްދު ރެޑް ޒޯނަކަށް ބަދަލުކޮށްފައި ވީނަމަވެސް ކަމާގުޅޭ އެއްވެސް އިދާރާއަކުން އެއްވެސް އެއްޗެއް އަދި މިހާތަނަށް ބުނެފައެއް ނުވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ރަސްމީ ދާއިމީ ގެކޮޅެއް އެޅުމަށް ކަނޑައަޅަފައިވަނީ ސުޕްރީމް ކޯޓު ކުރިމަތީ އޮތް ބިމެވެ. ނަމަވެސް އޭގެ ކުރިން ވަގުތީ ގޮތުން ހުންނަވާނީ މުރައިދޫ ގޭގަ އެވެ.

ރައީސް ނަޝީދު ދިރުއުޅުއްވުމަށް މުރައިދޫގެ ދައުލަތުން ހަމަޖެއްސީ އެމަނިކުފާނު އަވަހާރަކުރެއްވުމަށް ދިން ހަމަލާ އާއި ގުޅިގެން ކުރިން ރައީސް ނަޝީދު ދިރިއުޅުއްވި ގެކަމަށްވާ ގ. ކެނެރީގޭގައި އެމަނިކުފާނަށް ސެކިއުރިޓީ ދޭން އުނދަގޫތަކެއް ހުރުމާ ގުޅިގެންނެވެ.

އޭގެ އިތުރުން އެމަނިކުފާނު ރާއްޖެ ވަޑައިގަތުމަށްފަހު ހޮޓެލް ޖެންގައި ހުންނެވުމަށް ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ހަރަދުކުރަމުން ގެންދާކަން ފާހަގަކޮށް އާންމުންގެ ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ.