ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިތުރު މަނީ ލޯންޑަރިންގެ ދައުވާއެއް އުފުލައިފި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމަށް ބުނެ އެވެ.

މިމައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުވާކޮށް ދޭން އެދި ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވީ، މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

އާރަށު މައްސަލަ ތަހުގީގުކޮށްފައި ވަނީ ފުލުހުންނެވެ.

ފުލުހުން ތުހުމަތުކޮށްފައިވާ ގޮތުގައި ރިސޯޓެއް ގޮތަށް ތަރައްގީކުރުމަށް އާރަށް ބޭރުގެ ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވެ އެވެ. އަދި މި ދައުވާ އުފުލީ ރިސޯޓެއް ގޮތަށް ތަރައްގީކުރަން އާރަށް ވިއްކައިގެން ލިބުނު ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރިކަމަށް އެމްއެމްޕީއާރްސީގެ ތަހުގީގުގެ ތެރެއިން ހާމަވާ ކަމަށް ބުނެ އެވެ.

ވ. އަތޮޅު ތިނަދޫ ކައިރީ އޮންނަ އާރަށަކީ ޕިކުނިކް ދިއުމަށް ބޭނުންކުރި ފަޅުރަށެކެވެ.

ޑީއާރްޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ހިއްސާ އޮންނަ ކުންފުންޏަކަށް އެރަށް ދީފައި އޮއްވައި އޯގަސްޓު، 2015، ގައި އެކުންފުނި އަތުން އާރަށް ނެގުމަށްފަހު އެ އަހަރުގެ ސެޕްޓެމްބަރު މަހު، އެ ރަށް ހަވާލުކޮށްފައި ވަނީ ވ. އަތޮޅުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ކުންފުންޏަކަށެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް މިހާރު ވެސް ވަނީ މަނީ ލޯންޑްރިންގެ ކުށް ސާބިތުވެފައިވެ އެވެ. އެއީ ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް, އޭގެން މަންފާ ހޯދިކަމުގެ ކުށް ސާބިތުވެގެންނެވެ. އަދި މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުގެ އަޑުއެހުންތައް ވަނީ ނިމިފަ އެވެ. ދެން އޮތީ ހުކުމް އިއްވުމެވެ.

މީގެ އިތުރުން ރ. ފުއްގިރި މައްސަލައިގައި ވެސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އުފުލައި, ކުރިމިނަލް ކޯޓުގައި ޝަރީއަތް މިހާރު ކުރިއަށް އެބަގެންދެ އެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ތުހުމަތުކުރާ ގޮތުގައި ރައީސް ޔާމީންގެ މައްޗަށް ފުލުފުލުން ދައުވާކުރަނީ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް ވާދަކުރުމުގެ ފުރުސަތު ގެއްލުވާލުމުގެ ގޮތުންނެވެ. އަދި އެ ކޯލިޝަނުން ގަބޫލުކުރާ ގޮތުގައި ރައީސް ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކޮށްފި ނަމަ މިހާރުގެ ސަރުކާރު ފަސޭހަކަމާއެކު ބަލިކޮށް އަލުން ވެރިކަމަށް އާދެވޭނެ އެވެ.