ޖިނާއީ ދައުވާ އުފުލާއިރު ވެސް ވަޒީރަކު މަގާމްގައި ބެހެއްޓުމުން އެނގެނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ނަޒާހަތްތެރިކަން މުހިއްމު ނޫން މިންވަރު ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ނައިބު ރައީސް ޖަމީލް މިހެން ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް މިއަދު ފޮނުވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި އެވެ.

ޑރ. ޖަމީލް އިތުރަށް ވިދާޅުވީ ހުތުރު ބަދުނާމު ލިބޭ ވަޒީރުން ޑިމޮކްރެސީތަކުގައި މަގާމުގައި ނުތިބޭނެ ކަމަށާއި، މިއީ މުޅި ނިޒާމަށް ލިބޭ ނިކަމެތި ކަމެއް ކަމަށެވެ.

"ޖިނާއީ ދައުވާ އުފުލާއިރު ވެސް ވަޒީރަކު މަގާމްގައި ބެހެއްޓުމުން އެނގެނީ ރައީސް ރައީސް ސޯލިހަށް ނަޒާހާތްތެރިކަން މުހިއްމު ނޫން މިންވަރު. ހުތުރު ބަދުނާމު ލިބޭ ވަޒީރުން ޑިމޮކްރެސީތަކުގައި މަގާމުގައި ނުތިބޭނެ. މިއީ މުޅި ނިޒާމަށް ލިބޭ ނިކަމެތި ކަމެއް،" ޑރ. ޖަމީލު ވިދާޅުވި އެވެ.

ޕީޖީ އޮފީހުން ބުނީ މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ށ.)ގެ ދަށުން ރިސްވަތު ހިފުމުގެ ދައުވާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި މިނިސްޓަރު މަހްލޫފުގެ މައްޗަށް ދެ ދައުވާއެއް ކުރުމަށް އޭސީސީން ވަނީ ފޮނުވާފަ އެވެ. އެއީ ރިސްވަތު ނެގިކަމުގެ ދައުވާއަކާއި ދޮގު މައުލޫމާތު ދިނުމުގެ ދައުވާއެކެވެ.

މަހުލޫފްގެ މައްޗަށް ދައުވާކުރަން ފޮނުވާފައި މިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައި ވާތީ އެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ.

އޭސީސީއިން ބުނީ އެ މައްސަލައިގެ ތަހުގީގަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އޭނާ ހުރެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33،000 ޑޮލަރު މަހުލޫފަށް ލިބިފައިވާކަން ތަހުގީގުން އެނގޭ ކަމަށެވެ. އެގޮތުން، އެ ބިލް ފާސްކުރުމަށް ވޯޓް ދިނުމުގެ ގޮތުން އޮގަސްޓް 27، 2014 ގައި މަހުލޫފް ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެފައި ވަނީ މެލޭޝިއާއިން ސީދާ މަޖިލީހުގެ ވޯޓަށް ކަމާއި، ރައްޔިތުންގެ މަޖިލީހުގައި އޭނާ އެ ބިލަށް ވޯޓު ދީފައި ވަނީ ސަރުކާރާ އެއްކޮޅަށް ބިލް ފާސްކުރުމަށްކަމާއި، އެސްއޯއެފްގެ ޗެކަކުން މަހުލޫފުގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާކަން ތަހުގީގުން އެނގެންއޮތްއިރު، އެ ވޯޓަށްފަހު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއި މަހުލޫފް އާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް މަހުލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީޚްތަކާއި ގުޅުވުމުން، މަހުލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އެ ފައިސާއަކީ، އަދީބު، މަހުލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގޭ ކަމަށް ވެސް އޭސީސީން ބުންޏެވެ.