އައިނު އެޅުމަކީ މީހާގެ ކިބައިގައި ހުންނަ އައިބެއް ކަމަށް ގިނަފަހަރަށް ދެކެވެ އެވެ. ނަމަވެސް އެއާ ޚިލާފަށް ނަންބަރު އައިނު އަޅާ މީހުންނަކީ ތޫނުފިލި ބައެއްކަމަށް ސައިންސްވެރިން މިވަނީ ބުނެފަ އެވެ.
ޖަރުމަނުގެ ޔުނިވަރސިޓީ އޮފް މެޑިކަލް ސެންޓަރގައި ކުރިއަށް ގެންދިޔަ ދިރާސާ އަކުން ދެއްކި ގޮތުން އައިނު އަޅާ މީހުން ނުވަތަ ލޮލުގައި މައްސަލަ ހުންނަ މީހުން ކިޔެވުމަށް ގިނަވަގުތު ހޭދަ ކުރެ އެވެ. އަދި އެމީހުން މަތީ ތަޢުލީމު އުނގެނުމަށް ދާ މިންވަރުވެސް އިތުރުކަމަށް މި ދިރާސާއިން ދައްކަ އެވެ.
ޖަރުމަނުގެ ނޫހަކުން ލޮލުގެ މައްސަލަ ހުންނަ 4600 މީހުން ބޭނުންކޮށްގެން ހަދާފައިވާ ދިރާސާއެއްގައި ބައިވެރިވި މީހުންގެ ތެރެއިން %53 މީހުން ކޮލެޖް ނިންމާފައިވާއިރު އޭގެ ތެރެއިން %24 މީހުން މަތީ ސާނަވީއިން ފާސްވެފައިވެ އެވެ. އެހެންކަމުން މިދިރާސާއިން އެނގުނު ގޮތުގައި އައިނު އަޅާމީހުން ކޮލެޖް ނުވަތަ ޔުނިވާސިޓީއަށް ދާ މިންވަރު ގިނަ އެވެ. މިދިރާސާ އަށް ބަހުސް ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ކްލާސް ރޫމުގައި ގިނަ ވަގުތު ހޭދަކުރާ މީހުންގެ ލޮލުގެ ފެނުމަށް މައްސަލަ ޖެހޭކަމަށާއި، އެހެންކަމުން އެމީހުން އައިނު އަޅަން ޖެހޭކަމަށެވެ.
އިގިރޭސި ވިލާތުގެ ކޮލެޖް އޮފް އޮޕްތޮމެޓްރިސްޓްސް ގައި ހެދިފައިވާ ދިރާސާއަކުން ދައްކާ ގޮތުން އެޤައުމުގެ ތިންބައިކުޅަ އެއްބައި މީހުން ޤަބޫލުކުރާ ގޮތުގައި އައިނު އަޅާމީހުން ފެންނަ ފެނުމަށް ގަދަރުހުރި ގޮތެއް ހުރެ އެވެ. އަދި %43 މީހުން ޤަބޫލުކުރާ ގޮތުގައި އައިނު އަޅާމީހުން މާބޮޑަށްވެސް ތޫނުފިލި އެވެ.
އެމެރިކާގެ ޑިފެންސް ލޯޔަރެއްކަމަށްވާ ހަރވޭއި ސޮލްވިސް 2011 ގައި ބުނެފައިވާ ގޮތުން އޭނާގެ މައްސަލަތަކުގައި ހިމެނޭ މީހުން ކޯޓަށް ގެންދާއިރު އެމީހުން އައިނު އަޅުވާކަމަށެވެ. ސަބަބަކީ އައިނު އެޅުމުން އެމީހުން ބުނާ ބަހަކީ ތެދެއްކަމަށް ޤަބޫލު ކުރާ މީހުން ގިނަކަމަށެވެ.
އެހެންކަމުން ހެދިފައިވާ ދިރާސާތަކާއި، ގިނަ މީހުން ބުނެފައިވާ ބުނުންތަކަށް ބަލާއިރު އައިނު އަޅާމީހުން އެހެން މީހުނަށް ވުރެ ދަސްކުރުމާއި، ދެނެގަތުމުގައި ކުރިއަރާފައިވާކަމަށް ޤަބޫލުކުރެވެ އެވެ. އަދި އެމީހަކީ އައިނު އަޅާ މީހަކަށް ނުވިނަމަވެސް ވަޒީފާގެ އިންޓަވިއު އަށް ނުވަތަ ކޯޓަށް ދާއިރު އެމީހަކާއި ގުޅޭ ފްރޭމްގެ އައިނެއް އަޅައިގެން ދިޔުމަކީ ވެސް ތަފާތު ފެނިދާނެ ކަމެކެވެ.