ފިޔާ ސައޭ ބުނުމުން ގިނަ ބައެއްގެ މޫނުމައްޗަށް އަންނާނެ ކުލަވަރު އަހަރުމެންނަށް ސިފަ ކޮށްލެވެ އެވެ.
ދުވާ ވަހުންނާއި ދޭ ރަހައިން ސައެއްގެ ގޮތުގައި ބޭނުން ކުރަން ހިތަށް ވެސް އަރުވާފައި ނުވާނެތީ އެވެ. ނަމަވެސް ފިޔާ ސައަކީ ދިފާއީ ނިޒާމަށް ކިހާ ފައިދާހުރި އެއްޗެއްކަން އެނގޭނަމަ މޫނުމަތިން އެ ފެންނަ ކުލަވަރު ތަފާތުވީސްކަން ޔަގީނެވެ.
ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ފިޔާ އަކީ ދިފާއީ ނިޒާމު ވަރުގަދަކުރުމަށް ބޭނުންވާ މާއްދާތަކެއް އެކުލެވޭ އެއްޗެކެވެ. އޭގެ ތެރޭގައި ވިޓަމިން ސީ އާއި މެގްނީޒިއަމާއި އަޔަން އާއި ޒިންކާއި އެންޓިއޮކްސިޑަންޓްތައް ހިމެނެ އެވެ.
ފިޔާ އިން ދެ ގޮތަކަށް ސައި ހެދިދާނެ އެވެ. އެއް ގޮތަކީ ސީދާ ފިޔާ ބޭނުން ކުރުމެވެ. އަނެއް ގޮތަކީ ފައިދާ ހުރި އެތައް މާއްދާއެއް އެކުލެވޭ ފިޔާގެ ތޮށި ބޭނުން ކުރުމެވެ. މި ދެ ގޮތަށް ވެސް ސައި ތައްޔާރުކޮށްލުމަކީ މާ އުނދަގޫ ކަމެއް ނޫނެވެ. މިކަމަށް ރަތް އަދި ހުދު ފިޔާ ވެސް ބޭނުންކޮށްލެވިދާނެ އެވެ.
ފިޔާ އިން ސައި ހަދާ ނަމަ ފުރަތަމަ ފެން ހޫނުކުރާށެވެ ދެން ކޮށާފައި ހުރި ފިޔާ އޭގެ ތެރެއަށް އަޅާފައި ތާސީރުގަނޑު ފެނުގެ ތެރެއަށް ދާހާ އިރުވަންދެން ކައްކާނީ އެވެ. ގާތްގަނޑަކަށް 15-20 މިނިޓަށް މަތި ޖަހާފައި ކައްކާ އިރު، ބޯ އިރު ރަހަ އިތުރަށް ރަނގަޅުކޮށްލަން އަސޭމިރުސް އޮށާއި ކާފޫރުތޮޅި އާއި ދިރި ވެސް ބޭނުން ކުރެވިދާނެ އެވެ. މި އެއްޗެހި އަޅާފައި ކެއްކުމަށް ފަހު ފުރާނާލާށެވެ. ދެން ބޯ އިރު މާމުއިފޮދެއް ނުވަތަ ލުނބޯ ހުތް ވެސް ބޭނުންކޮށްލެވިދާނެ އެވެ.
ފިޔާގެ ތޮށިން ވެސް ސައި ހަދާ ނަމަ ހަމަ ކުރިން ބޭނުންކުރި އެއްޗެހި ހަމަ އެގޮތަށް ބޭނުން ކުރެވިދާނެ އެވެ.
ފިޔާ ސައި އާންމުކޮށް ބޯން އާދަކޮށްފި ނަމަ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ ބަލިތަކުން ރައްކާތެރިކޮށް ދޭން އެހީވެދޭނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ.