ދެކުނު އެފްރިކާއިން ފެނުނު ކޮވިޑް-19 ގެ އައު ވޭރިއަންޓް "އޮމިކްރޯން" ހަލުވި ދުވެއްޔެއްގައި ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރުމާ ގުޅިގެން، ރާއްޖޭގައިވެސް ވޭރިއެންޓް އުޅޭތޯ ބެލުމަށް ތަހުލީލު ހަދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ މިހާތަނަށް ރާއްޖެއިން އޮމިކްރޯން ފެނިފައިނުވާ ކަމަށެވެ. ނަމަވެސް ރާއްޖޭގައި އޮމިކްރޯން އުޅޭތޯ ބެލުމަށް ތަހުލީލު ކުރަމުން ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަލަށް ފެތުރެމުންދާ ވޭރިއެންޓް ކަމަށްވާ އޯމިކްރޯން އެންމެ ފުރަތަމަ ދެކުނު އެފްރިކާއިން ފެނިފައިވާއިރު، ގިނަ ގައުމުތަކުން ވަނީ އެފްރިކާގެ ގައުމުތަކަށް ބޯޑަރުތައް ބަންދުކޮށްފަ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޮމިކްރޯން ފެތުރި، ބާރު ދުވެއްޔެއްގައި ފެތުރުމާއި ގުޅިގެން އިއްޔެ ރާއްޖެއިން ވެސް ވަނީ އެ ގައުމުތަކަށް ކުރާ ދަތުރުތައް މެދުކަނޑާލާފަ އެވެ.

އެނގިފައިވާގޮތުގައި އޯމިކްރޯން ފެތުރުމާ ގުޅިގެން މިހާތަނަށް ރާއްޖޭގެސައުދީންނާއި، އެމެރިކާ، އަދި ސްވިޒަލޭންޑް އިން ވަނީ ދެކުނު އެފްރިކާގެ ހަތް ގައުމުކަމަށްވާ ނެމީބިއާ، ބޮޓްސްވާނާ، ޒިމްބާބްވޭ، މޮޒަމްބީކް، ލެސޯތޯ އަދި އެސްވަތީނީއަށް ކުރާ ދަތުރުތައް މެދުކަނޑާލާފަ އެވެ.

ކޮވިޑް-19 ގެ މި އައު ވޭރިއަންޓް ޖެހުމުން ދިފާއީ ނިޒާމު ވަރަށް ދަށްކޮށްލާކަމަށް ސިއްހީ މާހިރުން ވަނީ ބުނެފަ އެވެ. އެއާއި އެކު އެކި ގައުމުތަކުން ދަނީ މި ވޭރިއެންޓް ފެތުރުނަ ނުދީ ހުއްޓުމަށްޓަކައި އެގައުމުތަކަށް ކުރާ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލަމުންނެވެ.