ރަނގަޅު ސިއްހަތެއްގައި ހުންނަން ބޭނުން ނަމަ ނިދަން ޖެހެނީ 8 ގަޑިއިރުގައިކަން ނޭނގޭ މީހަކު ވަރަށް މަދުވާނެ އެވެ. ސައިންސްވެރިން ބުނާގޮތުގައި އިންސާނާއަށް އެންމެ ގިނަވެގެންވެސް ނިދުން އެންމެ ރަނގަޅީ 8 ގަޑިއިރަށެވެ. އަދި މަދުވެގެންވެސް ނިދަންޖެހެނީ 8 ގަޑިއިރަށެވެ. މިބުނާ މިންވަރަށްވުރެ ގިނައިން ނޫނީ މަދުން ނިދުން ބައްޓަން ކޮށްފިނަމަ މިކަމުގެ ސަބަބުން އިންސާނާގެ ހަށިގަނޑާއި ވިސްނުމަށް ބަދަލުތައް އާދެ އެވެ.

ވަރަށް ފަހުން ނިދުމާގުޅޭގޮތުން ކުރި ދިރާސާ އެއްގައި ސައިންސްވެރިން ބުނެފައިވަނީ ރޭގަނޑު 8 ގަޑިއިރަށްވުރެ ގިނައިން ނިދުމަކީ ސިއްހީ އެކި މައްސަލަތަކާ ހެދި މީހާ އަވަހަށް މަރުވުމުގެ ފުރުސަތު އިތުރުވާ ކަމެކެވެ. އެގޮތުން ނޭވާލާ ނިޒާމަށް މައްސަލަތައް ޖެހި، ހިތުގެ މައްސަލަތަކާ އެކު އުމުރު ކުރުވުމުގެ ފުރުސަތު ބޮޑު ކަމަށް އިނގިރޭސިވިލާތުގެ ކީލް ޔުނިވަސިޓީން ހެދި ދިރާސާއެއްގައި ބުންޏެވެ.

ދުވާލަކު 10 ގަޑިއިރު ނޫނީ ނުވަ ގަޑިއިރަށް ނިދައިފިނަމަ އެމީހަކު ހަކުރުބަލިޖެހުމާ ވަރަށް ގާތެވެ. އަދި ފަލަވުމާ ބޮލުގައި ރިއްސާ މައްސަލަވެސް ކުރިމަތިވާނެ އެވެ. ދިރާސާއިން ދައްކާ ގޮތުގައި 7-8 ގަޑިއިރަށް ނިދާ މީހަކާ އާޅާބަލައި 9-10 ގަޑިއިރަށް ނިދާ މީހަކަށް ފަލަވުމުގެ މައްސަލަ 21 ޕަސެންޓް އިތުރެވެ. މިއީ ކެއުން އެއްވަރެއްގައި ހިފަހައްޓާ ކަސްރަތު ކުރިޔަސް ގިނައިން ނިދާ މީހުން ފަލަވާނެކަމުގެ ހެއްކެކެވެ.

އޭގެ އިތުރުން މާ ގިނައިރަށް ނިދާނަމަ ބުރަކަށީގައި ރިއްސުމާއި ޑިޕްރެޝަންގެ މައްސަލަވެސް ކުރިމަތިވެ އެވެ. މީގެ ކުރިނަ ބުރަކަށީގައި ރިއްސާތީ ޑޮކްޓަރަށް ދެއްކުމުން ވަކި ގޮތަކަށް އޮވެ ނިދަން ބުނެ އެވެ. ނަމަވެސް މިހާރު ޑޮކްޓަރުން ލަފާދެނީ ކަސްރަތު ކުރުމަށެވެ. ސަބަބަކީ ނިދުމަށްވުރެ ގިނައިން ކަސްރަތު ކުރުމުން ގައިގެ ރިހުންތައް ރަނގަޅުވާތީ އެވެ.

މިކަންތައްތައް ހައްލުކުރަން 8 ގަޑިއިރަށް ނިދަން މަސައްކަތް ކުރަން ޖެހޭނެ އެވެ. އަދި މިއައްވުރެ ގިނައިން ނިދޭނަމ ޑޮކްޓަރަކަށް ދައްކައިގެން ނުވަތަ ތަޖުރިބާކާރެއްގެ އެހީ ހޯދައިގެން މިކަން ހައްލުކުރުން ވަރަށް މުހިއްމެވެ.